މުސްތަފާގެ ކެންޑިޑެންސީ ބާޠިލްކުރުމަށް މަޖުބޫރުކުރުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން އިންޒާރު ދެމުންދާ ދިއުން އެމްޑީޕީން ކުށްވެރިކޮށްފި

7 ޖުލައި 2009

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށީ ދާއިރާގެ ވޯޓު ކާމިޔާބު ކުރައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް، މުހައްމަދު މުސްތަފާގެ ކެންޑިޑެންސީ ބާތިލް ނުކޮށްފިނަމަ އޭނާ މަރާލާނޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިންޒާރު ދެމުންދާތީ އެކަން އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީ ސެކްރެޓޭރިއަޓްގައި ހޯމަދުވަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ކުށްވެރި ކުރައްވަމުން އެމްޑީޕީގެ ފަރާތުން މުސްތަފާގެ ކެމްޕެއިންގައި އެހީތެރިވުމަށް ހޮވާފައިވާ ކޮމިޓީގެ މެންބަރު އަދި ފ ބިލެތްދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަޙުމަދު ހަމްޒާ ވިދާޅުވީ ދިވެހިރާއްޖެއަށް މިގެނައި އިސްލާހީ ހެޔޮ ބަދަލު ގެނައުމުގައި އެންމެ އިސްރޯލެއް އަދާކުރި އެއް ފަރާތަކީ އެމްޑީޕީ ކަމަށްވީ ހިނދު ޑިމޮކްރެސީގެ ރޫޙާ ޚިލާފަށް މުސްތަފާގެ މުދަލަށާއި ޖިސްމަށް ގެއްލުންދޭނެ ކަމުގެ ބިރު ދައްކަމުންދާދިއުން އެމްޑީޕީން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމުގައެވެ. މީގެ އިތުރުން މިނިވަން މާހައުލެއްގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް މަގުފަހިވާ ހުރިހާކަމަކަށް އެމްޑީޕީން ފުރުސަތުދޭނޭ ކަމުގައި ހަމްޒާ ވިދާޅުވިއެވެ.
މި ނޫސްކޮންފަރެންސްގައި މުސްތަފާ ވިދާޅުވީ މާލޭގައި ހުންނަ އޭނާގެ އޮފީހަށް “މުސްތަފާ ކޮށާލާނޭ” ކަމަށް ބުނެ ބަޔަކު ވަދެ ވިއްސަކަށް މިނެޓް ވަންދެން އޮފީސްތެރޭގައި އަޑުގަދަކޮށް ހަދާފައިވާ ކަމުގައެވެ. ނަމަވެސް އެވަގުތު މުސްތަފާ އޮފީހުގައި ނޫޅުއްވާ ކަމަށާއި އެއޮފީހުގެ މުވައްޒަފުންގެ ސަބަބުން އެ ގްރޫޕްގެ މީހުންނަށް އޮފީހުގެ އިތުރު ބަޔަކަށް ވަދެވޭ ގޮތް ނުވެފައިވާ ކަމަށާއި މިމައްސަލަ ކަމާބެހޭ ހުރިހާ ފަރާތަކަށް ރިޕޯޓުކޮށްފައިވާނޭ ކަމުގައި މުސްތަފާ ވިދާޅުވިއެވެ.
ޣައްސާން މައުމޫންގެ ކެންޑިޑެންސީ އާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ އިދިކޮޅު ޑީއާރުޕީން އިންތިޚާބަށް ފައިސާގެ ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުންދާ ކަމުގެ މަޢުލޫމާތު އޭނާއަށް ތިމަރަފުށީގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމުގައެވެ. މިގޮތުން ގޭގެއަށް ގޮސް އެގޭގޭގައި ވޯޓު ހައްގުވާ ފަރާތްތަކުގެ އައިޑީކާޑު ހޯދުމަށް މަސައްކަތް ކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމުގައި މުސްތަފާ ވިދާޅުވިއެވެ. އަދި ޑީއާރުޕީން ކުރަމުންމިދާ މަސައްކަތަކީ “މުސްތަޤްބަލަށް ވަކި ބޭނުމެއް އޮތީމާ ވަކި މީހަކު ޕްރޮމޯޓް ކުރުން” ކަމުގައި އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މުސްތަފާގެ ކެންޑިޑެންސީ ބާތިލްކުރެވޭ ވަރުގެ ހެކި ހުރިކަމަށް އައިޑީޕީގެ ރައީސް އުމަރު ނަސީރު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުން މުސްތަފާ ވިދާޅުވީ އޭނާގެ ކެންޑިޑެންސީ ބާތިލްކުރެވޭ ވަރުގެ ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، އުމަރު ނަސީރަކީ ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއް ހުރި މީހެއް ނޫންކަން ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުން ހާމަވެގެން ގޮސްފައިވާ ކަމުގައެވެ.
މާލޭގައި މާރާމާރީ ހިންގާ ގްރޫޕެއްގެ ބަޔަކު ގޮވައިގެން ޑީއާރުޕީގެ ކެންޑިޑޭޓް ޣައްސާން މައުމޫން ތިމަރަފުއްޓަށް ވަޑައިގަންނަވަން އުޅުއްވާ ކަމަކަށް ތުހުމަތުކޮށް އެރަށުގެ ރައްޔިތުން ކުރި ސުލްހަވެރި އިހްތިޖާޖު ނިމިގެންދިޔަ ގޮތަށް އިޝާރާތް ކުރައްވަމުން މުސްތަފާގެ ކެމްޕެއިންގައި އެހީތެރިވުމަށް ހޮވާފައިވާ ކޮމިޓީގެ މެންބަރު ޑރ އިބްރާހީމް ދީދީ ވިދާޅުވީ ހޯމް މިނިސްޓަރު ވަރަށް އަމާން އޮމާންކޮށް އެއްވެސް ރައްޔިތަކަށް އަނިޔާއެއް ލިބުނަ ނުދީ ތިމަރަފުށީގެ މައްސަލަ ހައްލުކޮށްދެއް ވީތީ ހޯމް މިނިސްޓަރ މުހައްމަދު ޝިހާބަށް ޝުކުރު ދަންނަވާ ކަމުގައެވެ.
މީގެ އިތުރުން މުސްތަފާ އަކީ ތިމަރަފުށީ ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިލައްވާފައިވާ ބޭފުޅަކަށްވާތީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވައިފިނަމަ ކުރިޔެކޭވެސް އެއްފަދައިން ނުވަތަ އެއަށްވުރެ ބޮޑު އަޣްލަބިއްޔަތަކުން މުސްތަފާ މި އިންތިޚާބު ކާމިޔާބު ކުރައްވާނޭކަމުގެ ޔަޤީންކަން އޮތްކަމަށާއި މުސްތަފާއަށް ކާމިޔާބު ހޯދައިދޭން އެމްޑީޕީއަށް ޤާނޫނީ އިމުގެ ތެރެއިން ކުރެވެންހުރި ހުރިހާ މަސައްކަތެއް އެންމެ ފުޅާދާއިރާއެއްގައި ކޮށްދޭނެ ކަމުގައި ޑރ އިބްރާހީމް ދީދީ ވިދާޅުވިއެވެ.
މިނޫސް ކޮންފަރެންސްގައި އެމްޑީޕީގެ ފަރާތުން މުސްތަފާގެ ކެމްޕެއިންގައި އެހީތެރިވުމަށް ހޮވާފައިވާ ކޮމިޓީގެ މެންބަރުން ކަމަށްވާ ހދ ނޮޅިވަރަމް ދާއިރާގެ މެންބަރު އަލްފާޟިލް މުޙައްމަދު ނަޝީދު އާއި ހއ ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ރަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ތިމަރަފުށީގެ ވޯޓުގެ މައްސަލަ ހައިކޯޓުން ނިންމި ގޮތާއިމެދު ނަޝީދު ފާޑު ވިދާޅުވިއެވެ. އަދި މިހަފްތާ ބަންދުގައި އެމްޑީޕީގެ ޓީމްތައް ތިމަރަފުއްޓަށް ދާނެ ކަމުގައި ވިދާޅުވިއެވެ.