ލިޔުނީ: ޝަހީދާ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މާފަންނު އުތުރު ދާއިރާގެ ދޮރުން ދޮރަށް “ވަޢުދާ ހިނގުން” މާދަމާ (20 ޖޫން 2013- ބުރާސްފަތި) ފައްޓަވައިދެއްވާނެއެވެ.
2013ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ކުރަމުންދާ މި ކެމްޕެއިން ހަރަކާތުގައި ރައްޔިތުންގެ ހާލު ގާތުން ބެއްލެވުމާއި، ރައްޔިތުންގެ އިޙްސާސްތައް ދެނެވަޑައިގަތުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން މާދަމާގެ ދޮރުން ދޮރަށް ވަޢުދާ ހިންގަވަން ފައްޓަވައިދެއްވުމުގެ ކުރިން ދާއިރާގެ ބައެއް ބޭފުޅުންނާއި ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާނީ މ. މާފަރުގަ (ކުރީގެ މާފަރު ގެސްޓްހައުސް)އެވެ. އަދި މި ބައްދަލުވުމަށްފަހު ވަޢުދާ ހިންގަވަން ފައްޓާވައިދެއްވާނީ މާދަމާ ހެނދުނު 9 ޖަހާއިރު މ. މާފަރުންނެވެ.
މާދަމާ ދޮރުން ދޮރަށް ވަޢުދާ ހިނގުން ކުރިއަށް ދާއިރު، މި ދާއިރާގެ ކަންމަތީ ބައްދަލުވުން ބާއްވާގޮތަށް ހަމަޖެހިފައިވަނީ މާދަމާރޭ 9 ޖަހާއިރު ފަރީދީމަގު ނިމޭހިސާބު ގަޑިބުރު ކައިރީގައެވެ.
މާފަންނު އުތުރު ދާއިރާގައި ކުރިޔަށް ދާ ދޮރުން ދޮރަށް- ވަޢުދާ ހިނގުމުގައި އެމްޑީޕިގެ ޕާލިއަމަންޓަރީ ގްރޫޕުގެ ބޭފުޅުންނާއި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި އަދި ރައީސް ނަޝީދުގެ ކެމްޕެއިންގެ ހަރަކާތްތެރިންނާއި ޕާޓީގެ މެމްބަރުންނާއި، އެމަނިކުފާނުންގެ ސަޕޯޓަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.