ވަގުތުން ނެރުމަށް
ނަންބަރު: MDP-2009-PR-009
ތާރީޚް: 24 ޖޫން 2009 (ބުދަ)
ތިމަރަފުށީ ދާއިރާގައި އަލުން ވޯޓްލުމާ ގުޅޭ
ތިމަރަފުށީ ދާއިރާއަށް ކުރިމަތިލެއްވި ޑީއާރޕީގެ ކެންޑިޑޭޓު ޣައްސާނު މައުމޫން ވޯޓުގެ ކަންކަމާ ގުޅިގެން ހިތްހަމަނުޖެހޭތީ ދިވެހިރާއްޖޭގެ ހައިކޯޓަށް އޭނާ ކުރެއްވި ޝަކުވާ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެ ކުރިޔަށް ގެންދިޔައިރު، އެދާއިރާ އަށް ކުރިމަތިލައްވާ އެ ދާއިރާއަށް ހޮވުނުކަމަށް ވަޤުތީ ނަތީޖާއިން ޢިއުލާންކުރި އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު މުސްތަފާއަށް، އެކޯޓުން އަޑުއެހުންތަކުގައި އެއްޗެއް ބުނާނެ ފުރުސަތެއް ނުދެއްވާ ކުރިޔަށް ގެންދެވި ކަމީ، މިޕާޓީ ކަންބޮޑުވާ ކަމެކެވެ. އަދި މިފަދަ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އޮއްވާ ހައިކޯޓުގެ އިސްފަރާތްތައް ޑީއާރޕީގެ ޒައީމުއާއި ބައްދަލު ކުރެއްވި ވާހަކަ މީޑިއާއިން ހާމަ ކުރެވިފައިވާތީ، މިފަދަ ކަންކަން މިހެން ހުރުމީ ރައްޔިތުންގެ އިތުބާރު ދިވެހި ޝަރުޢީ ނިޒާމާ ދޭތެރޭގައި ގެއްލޭ ކަމެކެވެ.
ހައިކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފް ކުރުމަށް، އިލެކްޝަންގެ ކަންކަން ބެލެހެއްޓުމަށް ޤާނޫނުއަސާސީން ބާރު ލިބިފައިވާ މިނިވަން މުސްތަޤިއްލު މުއައްސަސާއެއްކަމަށްވާ އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތް އަވަސް ކުރެއްވުމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލައިގައި ހުކުމް ކުރައްވަންދެން ހައިކޯޓުގެ މި ހުކުމް ތަންފީޒު ކުރެއްވުން ލަސްކުރެއްވުމަށް މިޕާޓީން އިލްތިމާސް ކުރަމެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމެއް ދެއްވާއިރު، މިހުކުމުން އަސަރުކުރާނެ ފަރާތެއްކަމަށްވާ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު މުސްތަފާއަށް ކޯޓުގެ އަޑުއެހުން ތަކުގައި އެއްޗެއް ބުނާނެ ފުރުސަތެއް ދެއްވާ ރާއްޖޭގެ ރައްޔިތުންގެ އިތުބާރު، ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމާއި ދޭތެރޭ އިތުރަށް ނުގެއްލޭނެ ގޮތަކަށް ޢަމަލު ކުރައްވާނެ ކަމަށް މިޕާޓީން އުންމީދު ކުރަމެވެ.
ޑީއާރޕީގެ އެޝަކުވާގެ ސަބަބުން ވޯޓުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންނާއި އެހެން ފަރާތްތަކުން ބުނަމުން ދިޔައިރުވެސް، ޑީއާރޕީގެ އަމިއްލަ އެދުން ހާސިލްކުރުމަށްޓަކައި ތިމަރަފުށީ ދާއިރާގެ އެތައްހާސް ދިވެހިރައްޔިތުންގެ ބަހެއް ބުނުމުގެ ފުރުސަތެއްނެތި، ދިވެހިރާއްޖާގެ ރައްޔިތުންގެ މަޖިލީސް ހިންގަމުންދާކަމީ، ޑީއާރޕީއަކީ ދިވެހިރައްޔިތުންގެ އިހްސާސްތަކާއި ޝުޢޫރުތަކަށް އެއްވެސް ބެލުމެއްނެތި ހިންގާ ޕާޓީއެއްކަން މި ޕާޓީން ފާހަގަކުރާ ކަމެކެވެ. އަދި ޑީއާރޕީގެ އެ ޢަމަލު ވަރަށް ހަރުކަށި އިބާރާތުން މިޕާޓީން ކުށްވެރި ކުރަމެވެ.
ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް