ހިރިމަރަދޫ ރައްޔިތުންނަށް އެންމެ ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް އަދި އުއްމީދެއް ދީފައިވަނީ އެމްޑީޕީން ކަމަށް ހިރިމަރަދޫގެ ރައްޔިތުން މިއަދު ހާމަކޮށްފިއެވެ. ހިރިމަރަދޫ ރައްޔިތުން މިއަދު މިހެން ހާމަކޮށްފައިވަނީ އެމްޑީޕީގެ މެނިފެސްޓޯ އޮޑީގެ މެންބަރުން އެރަށަށް ގޮސް އެރަށުގެ ރައްޔިތުންނާ ބައްދަލުކުރުމުން އެރަށުގެ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ދަތި އުނދަގޫތަކުގެ ވާހަކަތައް އެމްޑީޕީގެ ޓީމަށް އޮޅުން ފިލުވައިދެމުންނެވެ.
ހިރިމަރަދޫއަށް އެމްޑީޕީ މެނިފެސްޓޯ އޮޑީގެ ޓީމްގެ މެންބަރުން ދިއުމާއެކު އެރަށުގެ ރައްޔިތުން ވަނީ އެމްޑީޕީގެ މެންބަރުންގެ އެދިލެއްވުމަށް ރަށުގެ ރައްޔިތުން އެރަށަށް މިހާރު ދިމާވެފައިވާ ބައެއް ބައްސަލަތައް ހިއްސާ ކޮށްފައެވެ. އަދި އެރަށުގެ ބަނދަރާގުޅޭ ކަންކަމުގައިވެސް ރައްޔިތުންގެ މަޖިލިސް ތެރެއިންވެސް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެމްޑީޕީގެ މެންބަރުން ކަމަށް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. އަދި ހިރިމަރަދޫގެ ރައްޔިތުން ނުކުމެ ކުރިއަށް ގެންދިޔަ ދިގު އިހްތިޖާޖެއްގައިވެސް އެރައްޔިތުންނަށް ހިއްވަރުދީ އެއްބާރުލުން ދީފައިވާނީ އެމްޑީޕީ ކަމަށް ފާހަގަ ކުރިއެވެ.
އެމްޑީޕީގެ މެނިފެސްޓޯ އޮޑީގެ މެންބަރުން ހިރިމަރަދޫގެ ރައްޔިތުންނާ ބައްދަލު ކޮށް ދެއްކި ވާހަކަތަކުގައި ފާހަގަ ކޮށްފައިވަނީ ހިރިމަރަދޫގެ ރައްޔިތުން މިހާރު އެދިފައިވާ ހުރިހާ ކަމެއްގައި އެމްޑީޕީގެ މެންބަރުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީ، ރައްޔިތުންގެ ޙައްޤުގައި މަޖިލީހުގައިވެސް ވަކާލާތު ކޮށްދެއްވާނެ ކަމަށާއި އެކަމާ އެއްވެސްހާލެއްގައި ފަސްނުޖެހޭނެ ކަމަށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޔަޤީންކަން ދެއްވިއެވެ.
އެމްޑީޕީގެ ޓީމުން އެރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ދެއްވި މައުލޫމާތުގައި އެމްޑީޕީގެ މެނިފެސްޓޯ އޮޑީގެ ދަތުރަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު އިސްނަންގަވައިގެން ރަށްރަށުގެ ހާލަތު އޮޅުން ފިލުވުމުމަށް ކުރަމުންދާ ދަތުރެއް ކަމަށާއި ރައީސް ނަޝީދު ބޭނުންފުޅުވެވަޑައިގަންނަވަނީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ ކައިރިން އޮޅުން ފިލުވުމަށް ކަމަށް މައުލޫމާތު ދެއްވިއެވެ.
ހިރިމަރަދޫއަށް އެމްޑީޕީ މެނިފެސްޓޯ އޮޑި ލަފާ އެރަށަށް ފޭބި އިރު ހިރިމަރަދޫގެ ރައްޔިތުން ޚާއްޞަކޮށް ޒުވާނުން ވަނީ އެމްޑީޕީ ޓީމާ ބައްދަލުކޮށް ވާހަކަ ދައްކާ އެމްޑީޕީގެ ޓީމަށް ވަރަށް އިޙްތިރާމާއެކު މެހްމާންދާރީ އަދާކޮށް އަލްވަދާޢު ކިއުމަށް އަތިރިމައްޗަށް އައިސްފައެވެ. އަދި ހިރިމަރަދޫގެ ރައްޔިތުން އެމްޑީޕީން އެރަށުގެ ހާލަތު ކައިރިން ބަލައިދީފައިވާތީ އެކަން ބަލައިގަންނާނެ ކަމުގެ ޔަޤީންކަން ދިނެވެ.
އެމްޑީޕީގެ މެނިފެސްޓޯ އޮޑި ދެން ދިޔައީ ނައިވާދޫއަށެވެ. އަދި މެނިފެސްޓޯ އޮޑީގެ ޓީމުން ނަވައިދޫއަށް ދިއުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުޚަބާއެއް ކިޔާފައެވެ. އަދި މެނިފެސްޓޯ އޮޑީގެ މެންބަރުން ވަނީ ނަވައިދޫގެ އެމްޑީޕީގެ ކެންޕެއިންޓީމާ ބައްދަލުކޮށް، އެރަށުގެ މަދަނީ ޖަމާޢަތްތަކާ ބައްދަލުކޮށް އެމްޑީޕީގެ ސިޔާސަތުތައް އެޖަމުއިއްޔާތަކާއި ހިއްސާކޮށްފައެވެ. އަދި އެރަށު އިސް ފަރާތްތަކާ ބައްދަލުކޮށް އެރަށުގެ ހާލަތު ދެނެގަނެފައެވެ. މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދުއަށް ތާޢީދު ހޯދުމަށް މަސައްކަތްތަކެއް ކޮށްފައެވެ.
އެމްޑީޕީގެ މެނިފެސްޓޯ އޮޑި އިއްޔެވަނީ ހދ. ހަނިމާދުއަށާއި ހދ. ނޮޅިވަރަމަށްވެސް ގޮސް އެރަށުގެ ރައްޔިތުންގެ ހާލަތު ބަލައި ކަންކަން އޮޅުން ފިލުވައިފައެވެ. އަދި އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުންނަށް އޮޅުންފިލުވައިދީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަށް ތާޢީދު ހޯދުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އަދި ރަށުގެ ބައެއް ވިޔަފާރި ވެރިންނާއި ރަށުގެ ބައެއް މަދަނީ ޖަމުއިއްޔާތަކާއި ބައްދަލުކޮށް އެމްޑީޕީގެ ސިޔާސަތުތައް ހާމަކޮށްދީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އަހާ އޮޅުން ފިލުވައިފައެވެ.