ރާއްޖެއިން ކޮރަޕްޝަން ފޮހެލުމުގެ މަސައްކަތް ކާމިޔާބުކުރެއްވުމަށްޓަކައި ހައްޔަރު ކުރަންޖެހޭ މީހުން ހައްޔަރުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށް ގެންދާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

15 ޖުލައި 2010

ރާއްޖެއިން ކޮރަޕްޝަން ފޮހެލުމުގެ މަސައްކަތް ކާމިޔާބުކުރައްވާނެކަމަށާއި އެކަމަށްޓަކާ ހައްޔަރު ކުރަންޖެހޭ މީހުން ހައްޔަރުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކޮންމެ ދުވަހަކުވެސް ކުރާނަން. ތަހުޤީޤުތައް ކުރެވެންޖެހޭނެ އިރާދަކުރެއްވިއްޔާ ތަޙްޤީޤުތައް ކުރިއަށްދާނެ ކަމަށް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮރަޕްޝަނާ ދެކޮޅަށް އަދުއުފުލުމަށް ރޭ ހެދިގޮނޑުދޮށުގައި ބޭއްވި އެމްޑީޕީގެ ޚާއްޞަ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދިވެހި ސަރުކާރު ހިންގުމާ ހަވާލުވެ ހުންނެވީ ބަޔަކު ބުނިހާގޮތަކަށް ކަންކަތައް ކުރައްވާކަށް ނޫން ކަމަށާއި ކުރެއްވެންއޮތްހާގޮތަކަށް ކަންކަން ކުރައްވާކަށް ވެސް ނޫން ކަމަށެވެ. އަދި ވެރިކަން ކުރަން ބޭނުންވަނީ “އަޅުގަނޑުމެން ޤަބޫލުކުރާ ރިވެތި ގޮތުގައި.” ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
” ޤަބޫލުފުޅު ކުރައްވާ އަޅުގަނޑުގެ ސަލާމަތްކަން ހޯދުމަށްޓަކާ އަޅުގަނޑު ކަމެއް ނުކޮށެއް ނުހުންނާނަން. އަޅުގަނޑުގެ ވެރިކަން ދެމެހެއްޓުމަށްޓަކާ އަޅުގަނޑު ފިލައެއް ނޯންނާނަން. ތަކުރާރުކޮށް މިދަންނަވަނީ އަޅުގަނޑު ނުރައްކަލަށް ނުކުންނާނަން. ކޮންމެފަދަ ބޮޑު ގެއްލުމެއް އަޅުގަނޑަށް ލިބޭ ޒާތުގެ ކަމަކަށް ވީނަމަވެސް އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުގެ ހަޔާތް ކިތަންމެ ގިނަ ތަޖުރިބާއެއް އަޅުގަނޑަށް ހޯދާދީފައި އެބައޮތް. އޭގެ ބޭނުން ހެޔޮގޮތުގައި އަޅުގަނޑު ހިފާނަން.” ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ބޭނުންވަނީ ރާއްޖެއަކީ ރާއްޖޭގެ ރައްޔިތުންގެ ހެވާއިލާބައަށް އަދި މަންފާއަށް ހިންގާ ރާއްޖެއަކަށް ވުމަށްކަމަށާއި ރައްޔިތުންގެ ކިބައިން ވެރިކަން ފެށިގެން އައުމާއި ރައްޔިތުންގެ ކިބައިގައި ވެރިކަމުގެ ހުރިހާ ބާރުތަކެއް އަބަދުވެސް ދެމިއޮންނަ ނިޒާމެއް ރައްޔިތުން އިޚުތިޔާރުކުރީވެސް އެ ސަބަބަށްޓަކައި ކަމަށާއި އެފަދަ ވެރިކަމެއް ކުރުމަށްޓަކައި ޚާއްޞަ އުޞޫލުތަކެއް ކަނޑައެޅިފައި އެބައޮތް ކަމަށެވެ. އެއީ ރައްޔިތުން އެދޭ ކަންކަން ރައްޔިތުން އެދޭގޮތަށް ނިންމާނެ ރައްޔިތުންގެ މަޖިލީހެއް އޮތުމާއި އެމަޖިލީހުން ނިންމާ ކަންކަން މަޖިލީހުން ނިންމާގޮތަށް ސަރުކާރުން ހިންގަމުން ގެންދިއުން ކަމަށާއި ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ޝަރުޢީ މަޖިލީހަކުން އެންމެހައިކަންކަން އިންޞާފުކުރަމުން ގެންދިއުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ކަންތައްތައް ރަނގަޅުގޮތުގައި ކުރިއަށްގެންދިއުމަށްޓަކައި “ޗާޓުން ބޭރުވާން ޖެހިއްޖެނަމަ ޗާޓުން ބޭރުވާނެ ކަމަށާއި ނަމަވެސް އެނބުރި ޗާޓަށް އައުމަށް މަސައްކަތްކުރާނެ” ކަމަށް ވެސް، ރައީސުލްޖުމްހުރިއްޔާ މުޙައްމަދު ނަޝީދު ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.