ރައީސް ނަޝީދު ދެކެ އިދިކޮޅު މަހުޖަނުން ރުޅި އަންނަނީ އެމީހުންގެ މުއްސަނދިކަމުން ކުޑަ މިންވަރެއް ނަގައިގެން ރައްޔިތުންނަށް ޚަރަދު ކުރަން އުޅޭތީ: އަލީ ވަހީދު

އެމްޑީޕީއާ އިދިކޮޅުވެ ރާއްޖޭގެ ވެރިކަން ބަޣާވާތަކުން ބަދަލުކުރުމުގައި ބައިވެރިވި މުއްސަނދި މަހުޖަނުން ރައީސް ނަޝީދު ދެކެ ރުޅި އަންނަނީ އެމީހުންނަށް ލިބޭ ގިނަ ބައިވަރު ފައިސާތަކުން މަދުމިންވަރެއް ޓެކްސްގެ ގޮތުގައި ނަގައިގެން ރައްޔިތުންނަށް ޚަރަދުކޮށްދޭން މަސައްކަތް ކުރާތީކަމަށް މިޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރ އަދި ތޮއްޑޫ ދާއިރާގެ މެންބަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ. ޢަލީ ވަހީދު މިހެން ވިދާޅުވީ ރޭ ސަރަހައްދު ޖަގަހައިގާ (އެމްޕީއެލް ސަރަހަދުގައި) ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޢަލީ ވަހީދު ވިދާޅުވީ ވިޔަފާރިތައް ފުޅާކޮށް ވަކިބަޔަކަށް ފައިދާ ލިބޭގޮތައް ރާއްޖޭގެ ވިޔަފާރިތައް އޮތްއޮތުން ނިމުމަކަށް ގެންނަ އެމްޑީޕީގެ ގެސްޓްހައުސް ވިޔަފާރިފަދަ ސިޔާސަތު ތަކަކީ އިދިކޮޅު މުއްސަނދި މަހުޖަނުންނަށް ހަޖަމް ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި ޓެކްސް ނެގުމަކީ އެމީހުން ރައީސް ނަޝީދު ދެކެ އެންމެ ރުޅިއަންނަ ސަބަބު ކަމަށެވެ.

“ޓެކްސް ނެގީމާ ރުޅިއައީކީ އެއްވެސް ހާލެއްގައި ރާއްޖޭގެ ނިކަމެތި ރައްޔިތުންނެއް ނޫން މުއްސަނދިން ރުޅިއައީ. މިހާރުވެސް އެއޮތީ ރައްޔިތުންގެ މަޖިލީހުގައި އިންކަމް ޓެކްސް. ތިރީސް ހާސް ރުފިޔާ ގެއަށް އާމްދަނީގެ ގޮތުގައި ގެންދާ މީހުން ދޭންޖެހޭ އެއްޗެއް އެއީ. ރުފިޔާއަކުން ހަލާރި. ކާކަށް ދެރަކުރަންތޯ އެބިލު ބާއްވާފައި އެއޮތީ. ރައްޔިތަކަށް ވާނެ ދެރައެއް ނެތް. އެބިލު ފާސްވީމާ ވިލާއިން ދާވަރު ގިނަވާނެ ޗަމްޕާއިން ދާވަރު ގިނަވާނެ ވަހީދުގެ ހުރިހާ ފައިނޭންސަރުން އަތުން ދާވަރު ގިނަވާނެ.” އަލީވަހީދު ވިދާޅުވިއެވެ.

ލެޕްޓޮޕާއި ކަންނެލި އޮޑިފަދަ ތަކެތި ދޭނެކަމަށް ބުނެ ބައެއް ކެނޑިޑޭޓުން މިހާރު ވަރަށް ފޮނި ކަނޑާނެ ކަމަށާއި ފަހުން މާލެއައުމުން ބައްދަލުނުވާނެ ކަމަށް ވިދާޅުވަމުން އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނާ ރައީސް ނަޝީދު ބައްދަލު ކުރައްވާނީ އެމްޑީޕީގެ ސިޔާސަތުގެ ތެރެއިން އައިޑީކާޑުގެ ތެރެއިން ލާފައި ކަމަށެވެ. “އޭޑީކޭއަށް ބޭސްފަރުވާ ކުރަންދާ މީހާއަށް އެނގޭނެ ނަގާ ބޭހަށް ފައިސާ ދައްކަން ނުޖެހުނީމާ ތިމަންނާގެ ވޮލެޓްގައި އަންނި އެބައޮތްކަން.” އަލީ ވަހީދު ވިދާޅުވިއެވެ.

ބަޣާވާތުގައި ބައިވެރިވި ފުލުހުންނާ ސިފައިންނާ މުޚާތަބުކޮށް އަލީ ވަހީދު ވިދާޅުވީ އެމީހުން އެކުރި ކުށުގެ އަދަބު އެމީހުންނަށް ދޭނެ ކަމަށާއި އިންސާފްގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.”އެއްގޮތަކަށްވެސް ހީނުކުރާތި ދުނިޔެ އުމުރަށް ތިބެވޭނެ ތަނެއްކަމަށް އެތަނަކީ 3 މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ބާރުގެ ދަށަށް ފުލުސް އޮފީހާ ސިފައިންގެ ނަގާނަން.އަދި ފުލުހުންނާ ސިފައިންގެ ތެރޭގައި ތިބި ޅަފުރާގެ ކުދިން ކަންބޮޑުވާނެ ކަމެއް ނެތް. ބަޣާވާތް ކުރި ހުރިހާ އިސްމީހުން އަޅުގަނޑުމެން ކަނޑާ ގެއަށް ފޮނުވާލާނަން. އިސްމީހުން ކަނޑާ ފޮނުވާލާނަން. އެހެންވީމާ ފުލުސް އޮފީހާ ސިފައިންގޭގައި ސިޔާސީ ކުޅިގަނޑު ކުޅެން އުޅޭނެ ކަމެއް ނެތް” އަލީ ވަހީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އަލީވަހީދުގެ އިތުރުން މިޕާޓީގެ އިސްއެހެން ބައެއް މެންބަރުންވެސް ވާހަކަ ދެއްކެވިއެވެ. އެގޮތުން ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒް ވިދާޅުވީ އެމްޑީޕީން މިހާރު ރަށްރަށަށް ކުރާ ދަތުރު ތަކުގައި ވަރަށްގިނަ ޢަދަދެއްގެ ބަޔަކު މިޕާޓީއާ ގުޅެމުންދާކަމަށާއި އޭގެ ތެރޭގައި އެހެން ޕާޓީތަކުގައި ވަރަށް އިސްކޮށް އުޅުނު މީހުންނާއި އެހެންޕާޓީތަކުން ހޮވިފައިވާ ގިނަ ޢަދަދެއްގެ ކައުންސިލަރުންވެސް ހިމެނޭ ކަމަށެވެ. އެކަމުގެ ސަބަބަކީ ވޭތުވެދިޔަ ތަނުގެ ތަޖްރިބާއަށް ބަލާއިރު ރައްޔިތުންނަށް ކަމެއްކޮށްދީފައިވަނީ އަދި ކޮށްދޭން އުޅެނީވެސް މިޕާޓީންކަން އެމީހުންނަށް ޤަބޫލުކުރެވުން ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްޝެއިޚް ހުސައިން ރަޝީދު ވިދާޅުވީ މިހާރު ކުރިމަތިލައްވަން ނިންމަވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ދީނީގޮތުންވެސް އެންމެ ރަނގަޅު ލީޑަރަކީ ރައީސް ނަޝީދުކަމަށާއި އެމަނިކުފާނަށް ލާދީނޭ ގޮވި މީހުންގެ އަސްލު ސިފަ މިހާރު ފެންނަމުންދާ ކަމަށެވެ. އެގޮތުން ވަހީދުގެ ލާދީނީކަން މިހާރުވެސް މާބޮޑަށް ފެންނަމުންދާ ކަމަށާއި ވަހީދަކީ ފައްޅިތަކަށް މާބޮޑަށް ދޯޅު މީހެއްކަން މިހާރު ޤަބޫލު ކުރެވޭނެ ކަމަށެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ޢަބްދުﷲ ވިދާޅުވީ ރައީސް ނަޝީދު އެއްބުރުން އިންތިޚާބު ކާމިޔާބު ކުރައްވާނެ އެންމެބޮޑު ސިއްރަކީ އެމަނިކުފާނާއި އެމްޑީޕީން ގެންގުޅޭ ރައްޔިތުންނަށް ފައިދާހުރި ސިޔާސަތުތައް ކަމަށެވެ. އެގޮތުން އެމްޑީޕީގެ 3 އަހަރު ތެރޭ ރައްޔިތުންނަށް ކޮށްދިން ކަންތައްތައް ރައްޔިތުން އެބަ ޤަބޫލުކުރާ ކަމަށާއި ރައީސް ނަޝީދަށް ވޯޓު ދެއްވާނީ އެހެން ވެގެން ކަމަށެވެ. “50 ރުފިޔާއަށް ކުރެވުނު ދަތުރު ފަތުރު މިއަދު އެޖެހެނީ 7000 ރުފިޔާއަށް ކުރަން. ގިނަ ފެރީތައް މިހާރު އެވަނީ ހުއްޓާލާފައި” އަހުމަދު ޢަބްދުﷲ ވިދާޅުވިއެވެ.

މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ރައްޔިތުން ބޭނުންވާ ސިޔާސަތު ތަކަކައިގެން މިޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް މިއަދު މިނިކުމެވެނީ ފެބްރުއަރީ 7 ވަނަ ދުވަހު ލިބުނު އަނިޔާއަށް ބެއްލެވުމެއް ނެތި 8 ވަނަ ދުވަހު ނިކުންނެވުމުން ކުރި އަނިޔާ ރައްޔިތުންނަށް ފެނި ހާމަވުމުން ކަމަށެވެ. ނާޒިމް އިތުރަށް ވިދާޅުވީ ރައީސް ނަޝީދަށް ލާދީނޭ ކިޔައިގެން އިދިކޮޅު މީހުން ދެއްކި ވާހަކަތައް އެމީހުންނަށް ރައްދުވާވަރަށް ކަންކަން ފަޅާއަރަމުންދާކަމަށާއި އެއީ ތަޤްދީރުގެ ނިންމެވުން ކަމަށެވެ.

މިޕާޓީގެ ސަރުކާރުގެ ހޯމް މިނިސްޓަރ ހަސަން އަފީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިހާރުވެސް ބަލި ޤަބޫލުކޮށްފި ކަމަށާއި އޭގެ އެއް ހެއްކަކީ ޕީޕީއެމުންވެސް ބައިވެރިވާ ސަރުކާރެއް ފޭލްވެ ހުއްޓިއްޖެކަމަށް އެޕާޓީގެ ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމް ވިދާޅުވުން ކަމަށެވެ.

ރޭގެ ޖަލްސާގައި ވާހަކ ދެއްކެވި މިޕާޓީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަހުމީ ބާޣީން މިހާރު ކުރަމުން ގެންދާ މަސައްކަތަކީ އެކިގޮތްގޮތުން ބިރު ދައްކާ ނުފޫޒު ފޯރުވުން ކަމަށާއި އެގޮތައް ކިތައްމެ ވަރަކަށްވ ބިރުދެއްކި ކަމުގައި ވީނަމަވެސް ފަހަށް ނުޖެހޭނެ ކަމަށެވެ. އެގޮތުން އިމްތިޔާޒްގެ މައްޗަށް މިހާރު ކޮށްފައިވާ ދައުވާއަށް އިޝާރާތްކޮށް އިމްތިޔާޒް ވިދާޅުވީ ކިތައްމެ ދައުވާއެއް ކުރެއްވި ނަމަވެސް ޖުޑިޝަރީގައި ތިއްބެވި ސިޔާސީ ފަނޑިޔާރުންނަކީ ގިބުލައެއް ކަމުގައި ނުދެކޭނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރ ޢަބްދުލް ޣަފޫރު ވަނީ މިޕާޓީގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ރައްޔިތުންނަށް ދެމުން ގެންދިޔަ ޚިދުމަތްތަކާއި މިހާރު އެކަން ހުއްޓިފައިވާކަން ފާހަގަ ކުރައްވާ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރޭގެ ޖަލްސާއަށްވެސް މިޕާޓީގެ ވަރަށް ގިނަ މެންބަރުންނާއި ޕާޓީއަށް ތާއީދު ކުރައްވާ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ހާޒިރުވެފައެވެ.