ކޮޅުމަޑުލު ވަނީ ރައީސް ނަޝީދަށް މަރުޚަބާ ދެންނެވުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައި.

ރައީސް ނަޝީދަށް މަރުޚަބާ ދެންނެވުމަށް ކޮޅުމަޑުލު ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް ކޮޅުމަޑުލުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ޓީމުން ހާމަކޮށްފިއެވެ. ކެންޕެއިން ޓީމުން މައުލޫމާތު ދެއްވި ގޮތުގައި ރައީސް ނަޝީދު ކޮޅުމަޑުލު ވަޑައިގަތުމަށް ތާވަލް ކުރެވުނު ހިސާބުން ތ. އަތޮޅުގެ ހުރިހާ ރަށްތަތަކުން ރައީސް ނަޝީދުއަށް މަރުޚަބާ ދެންނެވުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ.

ޓީމުގެ މެމްބަރުން ވިދާޅުވީ ތ. އަތޮޅުގެ ރަށްތަކުގައި އެމްޑީޕީގެ ހަރުގެ ތަކާއި ޖަގަހަތަށް ހެދުމާއި ޒީނަތް ތެރިކުރުމުގެ ގޮތުން އެމްޑީޕީ މެންބަރުން ވަރަށް އަވަދި ނެތި ހަރަކާތްތެރި ވަމުންދާ ކަމަށާއި އަދި ރައީސް ނަޝީދުގެ ދަތުރުފުޅާ ގުޅުވައިގެން އެމްޑީޕީއަށް މެންބަރުން އިތުރު ކުރުމުގެ ޚާއްޞަ ހަރަކާތްތަކެއް މިހާރު ފެށިފައިވާ ކަމަށެވެ.

ރައީސް ނަޝީދު މިހާރު ކޮޅުމަޑުލަށް ކުރައްވަމުންގެންދަވާ ތަދުރުފުޅުގައި ތ. އަތޮޅުގެ ހަތަރު ރަށަކަށް މިއަދު ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު ރައީސް ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުރުނި، ގުރައިދޫ އަދި ވިލުފުއްޓަށެވެ.

ރައީސް ނަޝީދު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަޑައިގަންވާ ބައެއް ރަށްރަށުގެ ސްކޫލްތަކުގެ މެނޭޖްމަންޓްގެ ފަރާތުން ބައްދަލު ކުރައްވަން އެދި ވަޑައިގަންނަވަމުން ދާކަމަށް ތ. އަތޮޅުގައި ހަރަކާތްތެރިވާ އެމްޑީޕީ ޓީމުން މައުލޫމާތު ދެއްވިއެވެ. އެގޮތުން މިއަދު ތ. ބުރުނި ސްކޫލްގެ މެނޭޖްމަންޓްގެ ބައެއް ބޭފުޅުންނާއި ބައްދަލު ކުރެއްވި ކަމަށެވެ. މި ބައްދަލު ކުރެއްވުމުގައި އެސްކޫލްތައް ހިންގުމުގައި މިހާރު ދިމާވެފައިވާ ދަތި ތަކުގެ ވާހަކަ ރައީސް ނަޝީދަށް ހުށަހެޅުއްވި ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރު ޤާއިމް ވުމާއެކު ތަޢުލީމީ ދާއިރާއިން ރަށްރަށުގެ ސްކޫލް ހިންގުމަށް ދިމާވެފައިވާ ދަތިތައް ވިހާވެސް އަވަހަކަށް ޙައްލު ކޮށްދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ.

ތ. ބުރުނީ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ކުދި ރަށްރަށުގެ މަތިން އެމްޑީޕީ ސަރުކާރަކުން ހަނދާން ނައްތާ ނުލައްވާނެ ކަމަށާއި ކުދި ރަށްރަށުގެ ތަރައްޤީއަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އެމްޑީޕީ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނީ ބޮޑެތި ރަށްރަށާއެކު ކުދި ރަށްރަށްވެސް ތަރައްޤީއަށް ކުރިއަށް ގެންދިއުން ކަމަށް ރައީސް ނަޝީދު ވިދާޅުވިކަމަށެވެ.

ކޮޅުމަޑުލުގައި ހަރަކާތްތެރިވާ އެމްޑީޕީ ޓީމުން މައުލޫމާތު ދެއްވި ގޮތުގައި ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބްގައި ކޮޅުމަޑުލުގެ ފުރިހަމަ އަޣްލަބިއްޔަތު ރައީސް ނަޝީދަށް ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.