ރިޔާސީ އިންތިޚާބަށް 100 ދުވަހަށް ވުމާއި ގުޅިގެން ކޮލަމާފުށީގައި ވެސް ރިޔާސީ އިންތިޚާބުގެ ކައުންޓްޑައުން ފަށައިފި

އިބްރާހީމް ރާމިޒް

ރިޔާސީ އިންތިޚާބަށް 100 ދުވަހަށް ވުމާއި ގުޅިގެން ހުވަދު އަތޮޅު އުތުރުބުރީ ކޮލަމާފުށީ ގައި ރޭ އެމްޑީޕީގެ މެންބަރުން އެ އިންތިޚާބުގެ ކައުންޓްޑައުން ފަށައިފިއެވެ.

މި ގޮތުން ރޭ ސޮސައިޓީ އޮފް ކޮލަމާފުށީ ޔޫތު (ސްކައި) ގެ އިޖުތިމާޢީ މަރުކަޒުގައި ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި އެމްޑީޕީގެ ހުވަދު އަތޮޅުގެ ކެމްޕެއިން ކޯޑިނޭޓަރ އަދި އެމްޑީޕީ ސަރުކާރުގެ ހެލްތު މިނިސްޓަރ ޑރ. އައިމިނަތު ޖަމީލް އާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް އަދި އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޙަފްލާގައި ޝިފާޒް ދެއްކެވި ވާހަކަފުޅުގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ވޯޓުދޭންވީ ސަބަބުތައް ވަރަށް ތަފްސީލްކޮށް ވިދާޅުވެދެއްވިއެވެ. އެ ގޮތުން ކޯލިޝަން ހެދުމުން ނިކުންނަ ހިތި ނަތީޖާ މިހާރު ސަރުކާރު ހިންގާ ކޯލިޝަނުން ވެސް ފެންނަމުންދާ ކަމަށާއި، އެމްޑީޕީން ކޯލިޝަނާ ދެކޮޅަށް ވަކާލާތުކުރަނީ އެ ސަބަބުތަކަށްޓަކައި ކަމަށް ވިދާޅުވިއެވެ.

މި ޖަލްސާ ގައި ޑރ. އައިމިނަތު ޖަމީލް އާއި ޝިޔާމާގެ އިތުރުން ކޮލަމާފުށީ ކައުންސިލްގެ ރައީސް އަހުމަދު ޖަމީލް އާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޝާމާ ތައްޚާން އަދި އެ ކޮމިޓީގެ މެންބަރު ރާމިޒާ މުހައްމަދު ވެސް ވާހަކަދެއްކެވިއެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބު 100 ދުވަހަށް ގާތްވުމާ ގުޅިގެން އެއިންތިޚާބުގެ ކައުންޓްޑައުން ފެށުން ކޮލަމާފުށީގައި އިފްތިތާޙްކުރުމުގެ ގޮތުން އެރަށުގެ އެމްޑީޕީގެ 2 މެންބަރުން ކަމަށްވާ އިބްރާހީމް ރާމިޒް އާއި ނަޢީމާ ޤާސިމް ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދަށް ކޮންމެހެން ވޯޓުދޭންޖެހޭ ޚާއްސަ 50 ސަބަބު މި ހަފްލާގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ.

ދޭތިން ފެހެތި ކެމްޕެއިނާ ވެސް ގުޅިގެން ކޮލަމާފުށީގައި މި ބޭއްވި ޖަލްސާ އަކީ އެރަށުގައި އެމްޑީޕީން މިހާތަނަށް ބޭއްވި އެންމެ ފޯރިގަދަ އެއް ޖަލްސާ އެވެ.