މަޖިލީހަށް ވާދަކުރާ އިންޑިޕެންޑެންޓު ކެންޑިޑޭޓުންނާ ދޭތެރޭ ތިޔަބޭފުޅުން ވިސްނަވަންޖެހޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހޭ ފޯމުތައް ހުށަހެޅުމުގެ މުއްދަތު ހަމަވީއިރު މިޕާޓީން ވަނީ ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ކެންޑިޑޭޓުން ހޮވާފައެވެ. އަދި ކެންޑިޑޭޓުން އެމީހުންގެ ކެންޕޭނަށް ތައްޔާރުވުމުގެ މަސައްކަތުގައި އުޅޭތަން ފެނުމުން ހިތްހަމަޖެހުން ލިބެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ލިސްޓުގައިވާ އިންޑިޕެންޑެންޓް ކެންޑިޑޭޓުންގެ އަދަދު ފެނިފައި އެކަމާ އަޅުގަޑު ކަންބޮޑުވާ ގޮތްވިއެވެ.
ނިކަން ވިސްނަވާށެވެ! އަޅުގަޑުމެން މިއުޅެނީ ޑިމޮކްރަސީއެއް ބިނާކުރެވޭތޯއެވެ. މަލްޓިޕާޓީ ސިސްޓަމެއް ރާއްޖެއަށް ތައާރަފް ކުރެވޭތޯއެވެ. އެހެންކަމުގައި ވީހިނދު އަޅުގަޑު ދަންނަވާނީ ތިޔަބޭފުޅުން މިކަމާމެދު ފުންކޮށް ވިސްނަވާށެވެ. މަޖިލީހުގެ ތެރޭގައި އިންނަ އިންޑިޕެންޑެންޓް ކެންޑިޑޭޓަށް އެމީހަކަށް ވޯޓުދިން މީހުން މަޖިލީހުގައި ތަމްސީލް ކުރެވޭނީ ކިހާވަރަކަށްތޯއެވެ؟ އެއާ ޚިލާފަށް ޕާޓީއަކުން ޕާޓީ ޓިކެޓްގައި އަންނަ ކެންޑިޑޭޓް ބަނދެލެވިފައި އޮންނާނީ ކިހާ މިންވަރަކަށްތޯއެވެ؟ ޕާޓީއެއްގެ މެނިފެސްޓޯ ހިފައިގެން މަޖިލީހުގައި އިންނަވާ މެމްބަރަކަށް އޭނާގެ ޕާޓީން ވަޑައިގެން ތިއްބަވާ އެހެން މެމްބަރުން ވާގިވެރިވެ ވަޑައިގަންނަވާނެއެވެ. ނަމަވެސް، ބިލެއް ފާސްކުރުމަށް ހެލިގަންނަ ވަގުތު އެއްކަލަ އިންޑިޕެންޑެންޓް މެމްބަރު އެކަނި ވޯޓު ދެއްވައިގެން ފުދޭނެތޯއެވެ؟
ޕާޓީ މި ބަސް ރަމްޒުކޮށްދެނީ ވަކި ސިޔާސީ ފިކުރެއްގައި އެކުވެ އަޑުއުފުލާ ހަރަކާތްތެރިވާ ބައެކެވެ. ޕާޓީ ސިސްޓަމް ފެތުރިފައި އޮންނަ ގައުމުތަކުގައި، ވަރަށް މަދުފަހަރަކު ނޫނީ އެއްވެސް ޕާޓީއަކާ ނުގުޅި އިންތިޚާބާ ކުރިމަތިލާ މެމްބަރުންނެއް ނުއުޅުއްވާނެއެވެ. އަދިހަމަ އެފަދައިން ވަކިން އުޅުއްވާ މެމްބަރުންގެ މައްޗަށް ބާރުފޯރުވައިގެން އެ މެމްބަރަކަށް ވޯޓު ދެއްވި ރައްޔިތުންނަކަށް އެއްވެސްކަމެއް މަޖިލީހުގެ ތެރެއަކު ކާމިޔާބެއް ނުކުރެއްވެވޭނެއެވެ. އެހެނީ މަޖިލީހުގައި ޕާޓީތަކުން ކުރިމަތިލައްވައިގެން އިންތިޚާބުވެވަޑައިގެން ތިއްބަވާ މެމްބަރުން ގެ ‘ރުއް’ ގިނަ ވާނެއެވެ.
އެމްޑީޕީއަކީ ހަމައެކަނި އެކެއްގެ ނޫނީވިއްޔާ ދެމީހެއްގެ ޕްރައިވެޓް އެޖެންޑާއެއް ފުރިހަމަކުރުމަށް އުޅޭ ބައެއް ނޫނެވެ. މި ޕާޓީން ކުރިމަތިލައްވައިގެން މަޖިލީހަށް ވެދެވަޑައިގަންނަވާ މެމްބަރުން ކުރިއަށް ނެރުއްވާނީ ޕާޓީގެ ފަލްސަފާއެވެ. ރައްޔިތުންގެ އަޑުއަހައިގެން، މަޝްވަރާތަކެއްކޮށް ސިޔާސަތުތަކެއް ކަނޑައަޅައިގެން ރައްޔިތުންނަށް އެސިޔާސަތުތައް ތަންފީޒު ކޮށްދިނުމަށްޓަކައި ސިޔާސީ މައިދާނަށް ނުކުމެ އުޅޭ ބަޔަކީ އަޅުގަޑުމެންނެވެ. އެމްޑީޕީއެވެ. އެއީ 2008 ވަނަ އަހަރުގެ ފަހުކޮޅުގައި އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރެއް އެކުލަވާލުމަށް ރައްޔިތުންގެ މެޖޯރިޓީ ވޯޓު ލިބުނު ޕާޓީއެވެ. އެހެންކަމުން ތިޔަބޭފުޅުން މި ޕާޓީއާއި ހަވާލުކުރެއްވި މަސައްކަތް ފުރިހަމަކުރުމަށްޓަކައި ބޭނުންވާ ގާނޫނީ ބާރު ހޯދުމަށް އަޅުގަޑުމެން މިތިބީ ކެރިގެން ނުކުމެއެވެ. އެއާ ޚިލާފަށް އަންނަން އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައިގެން މިއުޅޭ އިންޑިޕެންޑެންޓް ކެންޑިޑޭޓުންނަކީ ހަމަ ހުސް ސުވާލުމާކް ތަކެކެވެ. ގޮތް ނޭނގޭ ބައެކެވެ.
ތިޔަބޭފުޅުންނަކީ ހަމަވިސްނުން ގެންގުޅުއްވާ ބައެއްކަމުގައި އަޅުގަޑަށް ހަމަ ޔަގީނެވެ. ވޯޓު ބޭކާރުކޮށް ނުލައްވާނެ ކަމުގައި އަޅުގަޑު ހީކުރަމެވެ. އަޅުގަޑުމެން އެންމެނަށް މާތް ﷲ ހެޔޮވިސްނުންދެއްވާ ހީލަތްތެރި ރޭވުންތަކުން ސަލާމަތް ކުރައްވާށިއެވެ!