އެމްޑީޕީން ރައްޔިތުންނަށް ހުށައަޅަނީ ތަރައްޤީ ހޯދައިދޭނެ ސިޔާސަތުތަކެއް – ރައީސް ނަޝީދު

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓިން ރައްޔިތުންނަށް ހުށައަޅަނީ ކަންކަން ކުރެވޭނެ ސިޔާސަތު ތަކެއް ކަމަށާއި މި ރާއްޖެ ތަރައްޤީގެ މަގުގައި ދާނެ ސިޔާސަތު ތަކެއް ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިހާރު އެމަނިކުފާނު ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. މަޑުއްވަރީގައި “އެއްބުރުން” މިނަމުގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ވަރަށް ސާފުކޮށް އެދެނީ ތަރައްޤީއަށް ކަމަށެވެ. ބޯހިޔާވަހި ކަމަށާއި ބަލިވީމާ ބޭސްފަރުވާ ކުރެވޭނެ ގޮތެއް ކަމަށާއި އަދި ރައްޔިތުން އެދެނީ ސަލާންޖަހަން ނުޖެހުމަށް ކަމަށެވެ. އަދި އަޅުގަނޑުމެންގެ ކޮންމެ ރައްޔިތަކުވެސް އެދެނީ ތިމަންނާއަކީ ތިމަންނާގެ ހަލާލު މަސައްކަތުން މަސައްކަތް ކޮށްގެން ތިމަންނާއި ތިމަންނާގެ އާއިލާ ބަލަހައްޓަމުން ގެންދާ ބައެއް ކަމުގައި ޝަރަފްވެރިކަމާއެކު ބުނެވޭނެ ދުވަސް ހޯދުމަށް ކަމަށެވެ. އަޅުގަނޑުމެން ކޮންމެ މީހަކުވެސް އެދެނީ ވަޒީފާގެ ފުރުޞަތުކަމަށާއި އާމްދަނީ ލިބުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރ. މަޑުއްވަރީގައި ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި 2008 ވަނަ އަހަރު އެމްޑީޕީގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހުށަހެޅީ މިރާއްޖޭގައި ފަޤީރުކަން ނައްތާލުމަށްޓަކައި ހުށަހެޅި ސިޔާސަތެއް ކަމަށެވެ. އިޖްތިމާޢީ ރައްކާތެރިކަން ރާއްޖޭގެ ރައްޔިތުންނަށް ހޯދާ ދިނުމަށްޓަކައި ހުށަހެޅި ސިޔާސަތުތަކެ ކަމަށެވެ. އޭގެ ތެރޭގައި ދޮށީ އުމުގެ މީހުންނަށް ޕެންޝަން ދިނުމާއި އެކަނިވެރި މައިންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުދިނުންކަމަށެވެ. އަދި ބޭސްފަރުވާ ކުރެވޭނެ އުޞޫލުތަކެއް، އިންތިޒާމްތަކެއް ހަމަޖައްސައި ދިނުން ކަމަށެވެ. ދަތުރުފަތުރު ކުރުމުގެ ނިޒާމުން ރާއްޖޭގެ ރައްޔިތުން ރަށު ބަންދުން ފިލުވައި ދިނުން ކަމަށާއި ރައްޔިތުންގެ އިޖްތިމާޢީ އެންމެހާ ކަންކަން ރައްކާތެރި ކޮށްދިނުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޤައުމެއްގެ ގިނަ ބައިވަރު ރައްޔިތުން ތަކެއް ފަގީރުކަންމަތީ ތިބިހާ ހިނދަކު އެ ޤައުމެއް ތަރައްޤީވެ ނުދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ އެމްޑީޕީ ހަވާލުވި އިރު ރާއްޖޭގެ އާބާދީގެ 1/3 ރައްޔިތުންނަކީ އދ. ބުނާ ހައިހޫނު ކަމުގެ މިންގަނޑުން ތިރީގައި ތިބި ރައްޔިތުން ކަމަށެވެ. އެހެންކަމާއެކު އެމްޑީޕީގެ އަމާޒަކަށްވީ 2008 ވަނަ އަހަރުގެ މެނިފެސްޓޯ މެދުވެރިކޮށް ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދާދިނުން ކަމަށެވެ. އަދި އިޖްތިމާޢީ ރައްކާތެރި ކަމުގެ އަގުވެސް 2009 ވަނަ އަހަރުވެސް ދޮޅު ބިލިއަން ރުފިޔާއަށް އަރާކަމަށާއި އެމްޑީޕީ 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވި އިރު ދިވެހި ސަރުކާރުގެ އާމްދަނީ އަކީވެސް 7 ބިލިއަން ހަމަނުވާ ޢަދަދެއް ކަަމަށެވެ. މީގެ ތެރޭގައި ސަރުކާރުގެ މުއައްޒަފުންގެ މުސާރައާއި ކަންކަމަށް 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ވާކަމަށެވެ. އެހެންކަމުން ހިންގުމުގެ ޚަރަދާއި ހުރިހާ ކަމަކަށް ކެނޑީމާ ރާއްޖޭގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރި ކަމަށާއި ތަރައްޤީގެ މަސައްކަތް ހިންގުމަށް ފައިސާ ނުހުންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެމްޑީޕީގެ އަމާޒަކަށްވީ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ޓެކްސްގެ ނިޒާމް ޤާއިމް ކުރުން ކަމަށާއ އަދި ރައީސްލްޖުމްހޫރިއްޔާއަށް ހިނގާ ޚަރަދު ކުޑަކުރުން ކަމަށް ވިދާޅުވިއެވެ. އެމްޑީޕީ ވެރިކަމާއި ހަވާލުވުމުގެ ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ ޚަރަދަށް އެކަނިވެސް 700 މިލިއަން ރުފިޔާ ޚަރަދު ކުރަމުން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީ ސަރުކާރުން ކުރި މަސައްކަތުން 700 މިލިއަން ރުފިޔާއިން ކުރި ޚަރަދު 30 މިލިއަން ރުފިޔާއަށް ދަށްކުރެވުނު ކަމަށް ވިދާޅުވިއެވެ. އަދި 2009 ވަނަ އަހަރު ޓެކްސްގެ ނިޒާމް ޤާއިމް ނުކުރެވުނު އިރުވެސް ދޮށީ އުމުރުގެ މީހުންނަށް ޕެންޝަނެއް ދެވެން ފެށުނީ ރައީސްލްޖުމްހޫރިއްޔާއަށް ކުރިން ޚަރަދު ކުރަމުން އައި 700 މިލިއަން ރުފިޔާ ޚަރަދު 30 މިލިއަން ރުފިޔާއަށް ދަށްކުރެވުނީތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ރ. މަޑއްވަރީގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ތަޢާރަފްކުރި ޓެކްސްގެ ނިޒާމްގެ ސަބަނުން މިއަދު ދިވެހި ސަރުކާރުގެ އާމްދަނީ އަކީ 12 ބިލިއަން ރުފިޔާ ކަމަށާއި އެމްޑީޕީގެ ސަރުކާރުގައި ދިވެހި ސަރުކާރުގެ އާމްދަނީ ދެގުނަ ކުރެވުނު ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރީގައި ރައްޔިތުންނަށް ލިބެމުންދިޔަ އެހީތެރިކަމާއި އެމްޑީޕީ ވެރިކަމުގައި ރައްޔިތުންނަށް ލިބެމުންދިޔަ އެހީތެރިކަން މިހާރު ރާއްޖޭގެ ރައްޔިތުންނަށް ސާފުވާނޭ ކަމަށެވެ. އަދި ފަގީރުކަން ނައްތާލުމަށްޓަކައި އެހީތެރިކަން ދިނުމަށް އެމްޑީޕީ ސަރުކާރުން ދިޔައީ ގަދައަޅާ މަސައްކަތް ކުރަމުން ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މިފަހަރު މި ނުކުންނަނީ ކިތަންމެ ތަޖުރިބާ އަކާއެކީ ކަމަށާއި އޭގެ ތެރޭގައި ޑިމޮކްރެޓިކް ނިޒާމުގައި ސަރުކާރު ހިންގުމުގެ ތަޖްރިބާ އެމްޑީޕީ ފިޔަވާ ރާއްޖޭގައި އެހެން އެއްވެސް ޕާޓީއެއްގެ ކިބައިގައި ނެތް ކަމަށް ވިދާޅުވިއެވެ. ރައީސް މައުމޫނުގެ ދިގު 30 އަހަރު އެބޭފުޅާ ސަރުކާރު ހިންގަވާފައި އޮތީ ޚުދުމުޙްތާރު ވެރިކަމެއްގެ ގޮތުގައި ކަމަށާއި ޑިމޮކްރެޓިކް އުޞޫލުތަކެއްގައި ނޫން ކަމަށެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތް ކަމަށާއި ފާޑު ކިއުމަށް ޖާގައެއް ނެތް ކަމަށާއި އަދި މައުމޫނުގެ ވެރިކަމުގެ ދުވަސްވަރުގައި ރައްޔިތުންގެ ވޯޓް އަބަދުވެސް ގެންދެވީ އޮޅުވާލަމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިއަދު ޑޮކްޓަރ ވަހީދު ހިންގަވާ ސަރުކާރަކީ ބަޣާވާތުގެ ސަރުކާރެއް ކަމަށާއި އެއީ ޑިމޮކްރެޓިކް ސަރުކާރެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ދެކެނީ ހަލުވި މިނުގައި ރާއްޖެ ތަރައްޤީ ކުރެވިދާނެ ކަމަށާއި އެމްޑީޕީ އިން ހުށަހަޅަނީ ތަރައްޤީގެ ސިޔާސަތު ކަމަށެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެމްޑީޕީން ރައްޔިތުންނަށް ހުށަހަޅައިދެމުންދާ ތަރައްޤީގެ ސިޔާސަތު ތަކާއި ބެހޭގޮތުން އަލިއަޅުއްވާ ލެއްވިއެވެ. އަދި އެމްޑީޕީގެ ސަރކާރެއްގައި މަޑުވަރީގެ ހުރިހާ ޒުވާނުންނަށްވެސް ވަޒީފާގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް މިއޮތް ރިޔާސީ ދައުރުގެ ތެރޭގައި އެމްޑީޕީގެ ސިޔާސަތުގެ ތަކުގެ ތެރެއިން ބައިލައްކަ ވަޒީފާ އުފެދިގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީން މި ހުށަހަޅަނީ ގެސްޓްއަހުސްގެ ވިޔަފާރި އާއި ފަޅުގޮވާމާއި އެގްރި ވިޔަފާރީގެ ފުރުޞަތު ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީން ހުށަހަޅަނީ މަޑުއްވަރީގެ ޒުވާނުން ކޮންމެ ދުވަހަކު 30 މީޓަރު އަޑިއަށް ނުގޮސް އާމްދަނީ ހޯދޭނެ ގޮތެއް ކަމަށާއި މަޑުއްވަރީގެ ޒުވާނުން ފުރާނަ އަތްމައްޗަށް ނުލައި އާމްދަނީ ހޯދޭނެ ގޮތެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ތަރައްޤީ ވާނީ ރާއްޖޭގެ ރައްޔިތުން ތަރައްޤީ ވެގެން ކަމަށާއި ރައްޔިތުންނަށް ރަނގަޅު އާމްދަނީއެއް ލިބިގެން ކަމަށެވެ. އަދި އެ އާމްދަނީއަކީ އެ ރައްޔިތުންގެ ހަލާލު މަސައްކަތުން ލިބޭ އާމްދަނީއަކަށްވާން ޖެހޭ ކަމަށާއި އަދި އެމްޑީޕީން ހުށަހަޅާނީ އެ ރަނގަޅު މަސައްކަތްތައް ކުރެވޭނެ ސިޔާސަތު ކަމަށްވެސް ވިދާޅުވިއެވެ. އެމްޑީޕީން ހުށަހަޅަނީ ހަމައެކަނި ގެސްޓް ހައުސްގެ ވިޔަފާރި ސިޔާސަތު ނޫން ކަމަށާއި ހަމައެކަނި ފަޅުގޮވާން ކުރުމުގެ ސިޔާސަތު ނޫން ކަމަށެވެ. “ހެއްދި އެތިކޮޅު ދޭ ކިރާލަން ވަގުތުން ފައިސާ ދޭ” އެގްރިވިޔަފާރީގެ ސިޔާސަތުވެސް އެމްޑީޕީން ހުށައަޅާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން ރައްޔިތުންނަށް ވަޢުދުވަނީ އިރާދަ ކުރެއްވިއްޔާ މިރާއްޖެ ތަރައްޤީ ކުރާނެ ކަމަށާއި މިމަޑުއްވަރީ އިރާދަ ކުރެއްވިއްޔާ ތަރައްޤީ ކުރާނެ ކަމަށެވެ. މުޅި ޤައުމު އިރާދަ ކުރެއްވިޔާ ތަރައްޤީ ކުރާނެ ކަމަށެވެ. މުޅި ރާއްޖެ އިރާދަ ކުރެއްވިޔާ ތަރައްޤީ ކުރާނެ ކަމަށެވެ. ޗާލު ވަޠަނީ ބަގީޗާ ރުވާނެ ކަމަށާއި މުޅި ދީބު އިރާދަ ކުރެއްވިޔާ އުޖާލާ ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޕީގައި އޮތީ އެންމެ އަމާޒެއް ކަމަށާއި އެންމެ މަޤުޞަދެއް ކަމަށެވެ. އެއީ އެމްޑީޕީ އިން ވަމުންދާ ވަޢުދުތައް ފުއްދާ ދިނުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި އެމްޑީޕީނ ވެފައިވާ ވަޢުދުތައް ފުއްދިފައިވާ މިންވަރު އެންމެ ރަނގަޅަށް އެނގޭނީ ރާއްޖޭގެ ރައްޔިތުންނަ ކަމަށާއި އެރައްޔިތުން ނިންމާނީ ވެރިކަމަށް ގެންނާނީ ރައްޔިތުންނަށް ކަމެއްކޮށްދިނުމަށް މަޢުދުވަމުން ސިޔާސަތު ތަކެއް ހިފައިގެން އަންނަ ޕާޓީތޯ ނުތަނަ ވެރިކަމަށް ގެންނާނީ އިދިކޮޅު ޕާޓީގެ މީހުން ދިގު މުއްދަތަކަށް ޖަލަށް ލާން ވަޢުދުވަމުން އަންނަ ޕާޓީތޯ ކަމަށެވެ.

މިހާރު ރާއްޖޭގައި ދެކެމުންމިދާ އެންމެހާ ހެޔޮބަދަލުގެ މެދުވެރިއަކީ އެމްޑީޕީ ކަމަށާއި ދިވެހިރާއްޖޭގައި ތަރައްޤީގެ މަސައްކަތް ކުރިއަށް ގެންދެވެން އޮތް އިންސާނީ ތަޖުރިބާ ދައްކާފައިވާ މަގަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުން ވެރިކަމުގެ ކަންކަން ކުރިއަށް ގެންދިއުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ދިވެހިރައްޔިތުން އުފާކުރާ އެއްވެއުޅުމުގެ މިނިވަންކަމާއި މިބޭއްވޭ ޖަލްސާގެ ރަމްޒަކީވެސް އެމިނިވަންކަން ކަމަށާއި މިހުރިހާ ކަމެއް ހޯދާފައިވަނީ އެމްޑީޕީގެ ހިތްވަރުގަދަ މެންބަރުން ނުހަނު ގަދަހިއްވަރާ ބުރަ މަސައްކަތުން ހޯދާފައިވާ ކާމިޔާބީއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިއްދު ރާއްޖޭގެ މައިގަނޑު އުޞޫލުތައް ބަޔާން ކުރެވިފައިވަނީ އެމްޑީޕީގެ ފިކުރުގައި ކަމަވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެމަނިކުފާނު ރަށްރަށަށް ވަޑައިގަތުމުން އެމަނިކުފާނަށާއި އެމަނިކުފާނުގެ ޓީމަށް ކިޔުއްވަމުންދާ ހޫނު މަރުޚަބާ އަށާއި ދެއްވާ ފުރިހަމަ މެޙެމާންދާރީއަށް ހިތުގެ ޚާލިޞް ކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.