ހއ.އަތޮޅުން އިތުރުވި ގޮނޑިޔަށް ކުރިމަތިލީ އެމްޑީޕީގެ ދެ ކެންޑިޑޭޓުންގެ ޕްރައިމަރީސް އަންނަ އަންގާރަ ދުވަހު ބާއްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހއ. އަތޮޅުން އިތުރުވި ގޮނޑިކަމުގައިވާ ހއ. ބާރަށު ދާއިރާއަށް އެމްޑީޕީން ކުރިމަތިލީ ދެ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ޕްރައިމަރީސްއެއް އަންނަ އަންގާރަ ދުވަހު ބާއްވާ ގޮތަށް ޕާޓީން ހަމަޖައްސައިފިއެވެ.
މިޕްރައިމަރީސް ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށް ބާރަށު ދާއިރާގައި ހިމެނޭ ހއ. ތަކަންދޫ، އުތީމު، ބާރަށް، އަދި މުރައިދޫގައި ތިބި އެމްޑީޕީގެ މެންބަރުންނަށެވެ. އަދި މާލޭގައި ދިރިއުޅޭ މިދާއިރާގެ މީހުންނަށް ވޯޓުލުމުގެ އިންތިޒާމް އެމްޑީޕީ ހަރުގެ ދުންފިނިހިޔާގައި ހަމަޖެހިފައިވާނެއެވެ.
މިޕްރައިމަރީސްގައި ހއ. ބާރަށު ދާއިރާއަށް ވާދަކުރާ ދެ ކެންޑިޑޭޓުންނަކީ ހއ. ދިއްދޫ އިރުމަތީގެ އަބްދުލް ހަމީދު އީސާ އާއި ހއ. ބާރަށު މަދޮށިމާގެ މުހައްމަދު ޝިފާޒުއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލިހުން މިހާތަނަށް 75 ކެންޑިޑޭޓަކަށް ޕާޓީ ޓިކެޓް ދެއްވާފައިވެއެވެ.