އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙްކޮށްފި

agri.kulhudhuffushi11

އެމްޑީޕީގެ އެގްރިވިޔަފާރި ނުވަތަ ދަނޑުވެރި ކަމުގެ “ހެއްދި އެތިކޮޅު ދޭ ކިރާލަން، ވަގުތުން ފައިސާ ދޭ” ސިޔާސަތުގެ މިނީ މެނިފެސްޓޯ ޤައުމީ ފެންވަރުގައި އިފްތިތާޙް ކޮށްފިއެވެ.

ހދ. ކުޅުދުއްފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު އިފްތިތާޙް ކޮށްދެއްވުމާއި އެކު ރާއްޖޭގެ 18 އަތޮޅާއި ދެ ސިޓީގައި އެމްޑީޕީގެ މި ސިޔާސަތު އެއްފަހަރާ އިފްތިތާޙްކޮށްދެއްވީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސް ނަޝީދު ސަރުކާރުގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި އެމްޑީޕީގެ ޤައުމީ މަޖިލިސް މެންބަރުންނެވެ.

އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު އިފްތިތާޙް ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ދަނޑުވެރިކަމެއް ކުރުމަށްވުރެ ބޮޑަށް ވިޔަފާރިއެއްގެ ގޮތުގައި ދަނޑުވެރިކަން ކުރުމުން ލިބޭ މަންފާއާއި ފައިދާ މާބޮޑަށް ބޮޑުވެގެން ދާނެ ކަމަށާއި އަދި ހައްދާ އެތިކޮޅު ވިއްކާލާފައި އަވަހަށް ފައިސާ ލިބިގެންދާނެ ގޮތެއް ވުން އެއީ މުހިއްމު ކަމެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާސަތުގެ ދަށުން ދަނޑުވެރިން އުފައްދާ ތަކެތި ގަތުމަށްޓަކައި ކުންފުންޏެއް އުފައްދާނެ ކަމަށާއި އެކުންފުނި މެދުވެރިކޮށް ރާއްޖޭގައި ހުރިހާ ދަނޑުވެރިން އުފައްދާ ތަކެތި ގަނެ އެތަކެތި އެހެން ރަށްރަށަށާއި ރިސޯޓް ތަކަށާއި އަދި ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ގޮތަށް ރައްކާތެރިކަމާއެކު ބެހެއްޓޭނެ ގޮތަކަށް އިންތިޒާމް ކުރެވިގެންދާނެ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން އުފައްދާ ކުންފުނީގައި އެހެން ވިޔަފާރި ވެރިންނަށާއި އާއްމު ރައްޔިތުންނަށް ބައިވެރި ވެވޭނެ ފުރުޞަތު ހުޅުވައިލެވިގެން ކުރިއަށް ދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ޤައުމީ ފެންވަރުގައި އިފްތިތާޙް ކުރެވިގެންދިޔަ އެމްޑީޕީގެ އެގްރިވިޔަފާރީގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވި ބޭފުޅުން ދެއްކެވި ވާހަކަ ފުޅުގައި އެމްޑީޕީގެ އެގްރިވިޔަފާރިގެ ސިޔާސަތުގެ ސަބަބުން ވަޒީފާގެ އެތައް ފުރުޞަތެއް ތަނަވަސްވެގެންދާނެ ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި އެމްޑީޕީގެ މި ސިޔާސަތަކީ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރުމާއި އެހެން ފަރާތްތަކަށް ލިބުމުގެ ފަސޭހަކަން ލިބިގެންދާނެ ކަމަށެވެ.

އެގްރިވިޔަފާރި އިފްތިތާޙް ކުރުމަށް އެމްޑީޕީ މެންބަރުން ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީގެ އެގްރިވިޔަފާރީގެ ސިޔާސަތުގެ ދަށުން 1000 މީހުން ތަމްރީނު ކުރުމާއި ތަރައްޤީގެ ބޭންކުން 188 މިލިއަން ރުފިޔާގެ ލޯން އެހީ ފޯރުކޮށްދިނުމާއި އަދި އެމްޑީޕީ އެގްރިވިޔަފާރި ސިޔާސަތުގެ ދަށުން އުފައްދާ ކޮންމެ ދަނޑެއްގައި ކަރަންޓާއި ފެނާއި މުޑުވައް އަދި ގަސްކާނާފަދަ ވަޞީލަތްތައް ލިބެން ހުންނާނެ ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހައިޑްރޯ ޕޯނިކްސް ފަދަ ނިޒާމްތައް ޤާއިމްކޮށް މަގުފަހިކޮށްދީ ރާއްޖޭއަށް އެތެރެކުރާ ތަރުކާރީއާއި މޭވާ ދަށްވެ ދިވެހިންގެ ދަނޑުތަކުން ހެއްދޭ ތަކެތި ރައްކާތެރިކަމާއި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ފަހިވެގެންދާނެ ކަމަށެވެ.

“އެގްރިވިޔަފާރި: ހެއްދި އެތިކޮޅު ދޭ ކިރާލަން، ވަގުތުން ފައިސާ ދޭ” މިނަމުގައި އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙް ކުރުމުގެ ރަސްމީއްޔާތު ބޭއްވި ރަށްތަކަކީ: ހދ. ކުޅުދުއްފުށި، ހއ. ކެލާ، ށ. ކަނޑިތީމް، ނ. ލަންދޫ، ރ. ހުޅުދުއްފާރު، ބ. ގޮއިދޫ، ޅ. އޮޅުވެލިފުށި، ކ. ކާށިދޫ، އއ. ތޮއްޑޫ، އދ. ކުނބުރުދޫ، ވ. ރަކީދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ލ. ކަޅައިދޫ، ގއ. ނިލަންދޫ، ގދ. ހޯޑެއްދޫ، ޏ. ފުވައްމުލައް، އައްޑޫ ސިޓީއިން ހުޅުމީދޫ އަދި މާލެ ސިޓީގައެވެ.

އެމްޑީޕީގެ އެގްރިފިޔަފާރީ ސިޔާސަތުގެ އަތްމަތީ ފޮތްތަކާއި ކަމާބެހޭ މައުލޫމާތު ދިނުމާއި އާއްމު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދިނުން މި ރަސްމިއްޔާތު ތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ.


އެގްރިވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީ ސިޔާސަތު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ލައިވް ބްލޮގް

agriviyafaari.poster2