ޕާޓީގެ އިސްމަގާމަށް މެމްބަރެއް ހޮވަން ޖެހިފައި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ އަސާސީ ގަވާއިދު ގެ 7.6 ޕާޓީގެ ރައީސް، ނައިބު ރައީސް، ގައުމީ ޗެއަރޕަރސަން އިންތިޚާބުކުރުން، މި މާއްދާގެ (ހ) ގައި ވާގޮތުން، މި ދެންނެވި މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެކަމުގެ ފުރުސަތު އިންތިޚާބު ބޭއްވުމުގެ 60 ދުވަސްކުރިން، ހުޅުވާލަން ވާނެއެވެ. 7.6 ގެ (ށ) ބުނާގޮތުން އިންތިޚާބުގައި ވޯޓްލާން ހައްގު ލިބިގެންވާ މެންބަރުންގެ ލިސްޓެއް އިންތިޚާބު ބޭއްވުމުގެ 30 ދުވަހުގެ ކުރިން ޕާޓީގެ އިދާރާއިން އާންމުކޮށް ލިބެން ހުންނަން ޖެހޭނެއެވެ.
އެގިވަޑައިގަންނަވާނެ ފަދައިން، 11 ނޮވެންބަރު 2008 ން ފެށިގެން، އެމްޑީޕީ ސަރުކާރު ހިންގުމާއި ހަވާލުވުމާއި ގުޅިގެން، ޕާޓީގެ އެތެރޭގެ ހިންގުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ. އަދި އިތުރު ބަދަލުތައް ދާނީ އަންނަމުން ކަމުގައި ގަބޫލު ކުރެވެއެވެ. ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އެމްޑީޕީ އިއްތިހާދުގެ ކެންޑިޑޭޓަކަށް ވެ، އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް ރައީސުލްޖުމްހޫރިއްޔާގެ ހުވާކޮށް އެމަގާމާއި ހަވާލުވި ހިސާބުން، ޕާޓީގެ ކަންކަން ހިންގެވުމަށް ތިއްބެވީ އިސް ދެބޭފުޅުންނާއި ގައުމީ ހިންގާކޮމެޓީ އާއި، ޕާޓީގެ ޕާލަމެންޓަރީ ގްރޫޕް އަދި ގައުމީ މަޖިލީހެވެ.
އާ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ފާހަގަކުރަމުން ދާއިރު، ޕާޓީގެ ވަގުތީ ރައީސް އަދި ނައިބު ރައީސް ގިނަ ވަގުތު ހޭދަކުރައްވަމުން ގެންދަވަނީ ސަރުކާރުގެ އެކިއެކި ކޮންފަރެންސްތަކާއި ދަތުރުފުޅު ތަކުގައެވެ. އެހެނީ ނައިބު ރައީސް އިބްރާހިމް ހުސެއިން ޒަކީ އަކީ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިވެސް މެއެވެ. އަދި އޭނާގެ ދިގު ތަޖްރިބާގެ ފައިދާ ޕާޓީއަށާއި ސަރުކާރަށް ދަނީ އަބަދުވެސް ލިބެމުންނެވެ.
ނަތީޖާއެއްގެ ގޮތުން ޕާޓީ ގެ ހުރިހާ ޒިންމާއެއް އުފުއްލެވުމަށް އެހުންނެވީ ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޒާ މާރިއާ އަހުމަދު ދީދީއެވެ. ޕާޓީގެ ހަރަކާތްތަކަށް އައިލޮޅުމުގެ ތެރޭގައި އާންމު މެމްބަރުންގެ ޝަކުވާތަކާއި، ޕާޓީ ހިންގުމުގައި ކުރަންވެފައިވާ ގިނަގުނަ އިސްލާހުތައް ގައުމީ މަޖިލިސް މެދުވެރިކޮށް ގެނައުމުގެ ބުރަ މަސައްކަތާ ކުރިމަތިލައްވާން އެކަމަނާއަށް މިހާރު ވަނީ މަޖުބޫރު ވެފައެވެ. ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ޕާޓީން ކާމިޔާބުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން، އިންތިގާލީ ރައްޔިތުންގެ މަޖިލީހުގައި އޭނާގެ ގޮނޑިއަށް ނިސްބަތްވާ ޒިންމާތައް އުފުއްލަވަމުން އަދި ޕާޓީ ލައިން ދިފާއު ކުރައްވަމުން ގެންދަވާއިރު، ޕާޓީގެ ކަންކަން ހަލުވިކަމާއި ހަރުދަނާކަންމަތީ ކުރިޔަށް ގެންދެވުމުގައި ގިނަގުނަ ދަތިތަކެއް ޗެއަރޕަރސަންގެ ކުރިފުޅުމަތީގައި އެބަވެއެވެ.
އެމްޑީޕީ ކުރިޔަށްއޮތް ރައްޔިތުންގެ މަޖިލީހުގެ 50 ގޮނޑި ކާމިޔާބު ކުރުމަށް ވަނީ ވައުދުވެފައެވެ. އެހެން ކަމުން ކެމްޕޭނުގެ އުސޫލުތައް ގައުމީ މަޖިލީހުން ކަނޑައެޅުއްވުމުން ޗެއަރޕަރސަން އަށް އޭނާގެ މަސައްކަތް ކުރެއްވުމަށް މެންޑޭޓެއް ލިބިވަޑައިގަންނަވާނެއެވެ. އަދި، ޕާޓީގެ ހުސްވެފައިވާ އިސް މަގާމުކަމުގައިވާ ރައީސްގެ މަގާމަށް މެމްބަރަކު ހޮވުމަކީ މިވަގުތައް ކޮންމެހެން ބޭނުން ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އާންމު މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން އަރިހުން މިއެދެނީ ޕާޓީ ދަތުރުކުރާ މިސްރާބު ސާބިތުކޮށް ދެއްވުމަށެވެ.