މައްޗަންގޮޅި ދެކުނު ދާއިރާގެ “ވަޢުދާ ހިނގުން” ރައީސް މުޙައްމަދުނަޝީދު ފައްޓަވައިފި

މައްޗަންގޮޅި ދެކުނު ދާއިރާގައި އެމްޑީޕީގެ ވަޢުދާ ހިނގުން – ދޮރުން ދޮރަށް ކެމްޕެއިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު ހެނދުނު ފައްޓަވައިދެއްވައިފިއެވެ. މިއަދު ހެނދުނު ވައުދާ ހިނގުން – ދޮރުން ދޮރަށް ރައީސް ނަޝީދު ފައްޓަވައި ދެއްވުން އޮތީ ޗާންދަނީމަގުގައި ހުންނަ މއ. ތަނބުރުމާގެ އިންނެވެ. ވަޢުދާ ހިނގުން ފައްޓަވައި ދެއްވުމުގެ ކުރިން އެމްޑީޕީ މައްޗަންގޮޅީ ދެކުނު ދާއިރާގެ އޮފީސް މއ. ތަނބުރުމާގޭގައި ރައީސް ނަޝީދު ހުޅުއްވައި ދެއްވިއެވެ.

މި ދާއިރާގެ ކަންމަތީ ބައްދަލުވުން ބާއްވާގޮތަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައި މައްޗަންގޮޅި ބުރު ކައިރީގައެވެ. މައްޗަންގޮޅި ދެކުނު ދާއިރާގައި އެމްޑީޕީގެ ވަޢުދާ ހިނގުން – ދޮރުން ދޮރަށް ކެމްޕެއިންގެ ކަންމަތީ ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެމްޑީޕީން ކުރަމުންދާ މި ކެމްޕެއިން މަސައްކަތުގައި މީގެ ކުރިން ވަނީ މާލޭގެ 9 ދާއިރާއެއްގައި ވަޢުދާ ހިނގުން ދޮރުން ދޮރަށް ކުރިއަށް ގެންގޮސްފައެވެ.