އިންތިޚާބާއި ގުޅޭ އެކި ޝަކުވާ ގެ ހައްލު ހޯދުމަށް އެމްޑީޕީ “ކޮމްޕްލެއިންޓްސް ކޮމިޓީ” އިން މަސައްކަތްފަށައިފި

އިންތިޚާބާއި ގުޅޭ އެމްޑީޕީ ކޮމްޕްލެއިންޓްސް ކޮމިޓީ މިއަދު ( 12 މޭ 2013 ދުވަހު) ޕާޓީގެ ލީޑަރޝިޕުން އައްޔަނުކުރައްވައިފިއެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ގާނޫނީ ވަކީލުންކަމުގައިވާ (އެމްޑީޕީގެ ސްޕޯކްސްޕާސަން) އަލްއުސްތާޛު އިމްތިޔާޒް ފަހުމީ އާއި އަލްއުސްތާޛު އަބްދުﷲ ހަސީނު އަދި އަލްއުސްތާޛު މުހަންމަދު ފަރީދެވެ.

މި ކޮމިޓީއިން ބައްލަވައި ފިޔަވަޅު އަޅުއްވަމުން ގެންދަވާނީ މިނިވަން މުއައްސަސާ ތަކުންންނާއި އެންޖީއޯ އަދި ރަޖިސްޓަރީ ކުރެވިފައިވާ ޖަމާއަތްތަކުންނާ، އެމްޑީޕީގެ ދާއިރާތަކުންނާއި ގޮފި ތަކުން އަދި ޢާންމު ރައްޔިތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން ހުށައަޅުއްވާ ޝަކުވާ ތަކާއި ރިޕޯޓްކުރާ ނާޖާއިޒު ކަންކަމާމެދުގައެވެ.

އެމްޑީޕީ ކޮމްޕްލެއިންޓްސް ކޮމިޓީއިން ފިޔަވަޅު އެޅުއްވުމުގައި އިލެކްޝަންސް ކަމިޝަނާއި ކަމާއިގުޅޭ ދާއިރާތަކަށް ލިޔުއްވުމާއި އަދި ގާނޫނީ ގޮތުން ކުރައްވާން ފާހަގަވާ ކަންކަން ވަގުތުން ވަގުތައް ކުރިއަށް ގެންދަވާނެއެވެ. އަދި މިހާތަނަށް މައިގަނޑުގޮތެއްގައި ފާގަވާ މުހިންމު ޝަކުވާތަކާމެދު ލިބިލައްވާފައިވާ ތަފްޞީލް އިލެކްޝަންސް ކަމިޝަނަށް ފޮނުއްވެމާއެކު ކޮމްޕްލެއިންޓްސް ކޮމިޓީގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދަވާނެއެވެ.

ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕޭންކުރުން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ފާހަގަކުރެއްވާފައިވެއެވެ. ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބު ބާއްވަން ތައްޔާރުވަމުން އަންނައިރު ދައުލަތުގެ ޚަރަދުގައި ކެމްޕޭންކުރާ ކަމުގެ ޝަކުވާތައް އެ ކޮމިޝަނަށް ވެސް ލިބުން އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ރައީސްކަމު އަރާވަޑައިގެން ހުންނެވި ޑރ. މުހަންމަދު ވަހީދު މިދުވަސްވަރު ކުރައްވަމުން އެގެންދަވާ ދަތުރުފުޅުތަކަކީ އިންތިޚާބާ ދިމާކޮށް ކުރައްވާ ކެމްޕޭނެއް ކަމަށް ބެލުމުގެ ފުރުޞަތު އެބައޮތް ކަމަށް މިދިޔަ ބުރާސްފަތި (02 މޭ 2013) ދުވަހު އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ހުއްޓުވެން ޖެހޭ ކަމެއް ކަމަށާއި އެކަމަށް އުސޫލުތަކެއް ހަދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލްތަކުގެ ޖަލްސާ ތައް ނާޖާއިޒު ސިޔާސީ ބޭނުމަށް ބައެއް ކެންޑިޑޭޓުން ބޭނުންކުރައްވާ ކަން އެމްޑީޕީގެ ދެ ދާއިރާއަކުން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން، ސްކޫލް ޕީޓީއޭ ޖަލްސާއެއްކަމުގައި ވިދާޅުވެ ނުވަތަ އެނޫންވެސް ސްކޫލާއި ބެހޭ ޖަލްސާއެއްކަމުގައި އަންގަވައިގެން ބެލެނިވެރީން ހާޒިރުކުރައްވައި ބައެއް ރިޔާސީ ކެންޑިޑޭޓުން، އެބޭފުޅޫންގެ ޕާޓީ ގެ އެއްވެސް ގުނަވަނަކުން ފާސްކުރެއްވުމަކާއި ނުލާ ވެވަޑައިގަންނަވާ އިންތިޚާބީ ވަޢުދުކަމުގައި ވިދާޅުވެ، ދަރިވަރުންނަށް ލެޕްޓޮޕް ފަދަ ހަދިޔާ ކުރައްވާނެ ކަމަށް ވިދާޅުވުމާއި ކެންޑިޑޭޓްގެ ލޯގޯޖެހި ބޯޅައާއި ބެޓާއި ރެކެޓް ފަދަ ކުޅިވަރު އައިޓަމް މިހާރުވެސް ބެއްސެވުމާއި، އެބޭފުޅުންގެ ސިޔާސީ ޖަލްސާތަކަށް މީހުންދާ ނިސްބަތް މަދުކަމުން އެބައި ގިނަކަމަށް ދެއްކެވުމަށް ސްކޫލްތަކާއި ގުޅުންހުރި ޖަލްސާތައް ބޭނުންކުރައްވާ މައްސަލަތައް ހިމެނެއެވެ.