“ރާއްޖޭގައި ކަމެއް ބަދަލު ވެއްޖެތަ؟”
“އާނ… ބަދަލުވެއްޖެ. ކިތަންމެ ކަމެއް!”
“ނުވޭ… ނާދޭ… ނެތް! ކޮންބަދަލެއް އައީ؟”
މިފަދަ ޑައިލޮގްތައް، ހޮޅުއަށިތަކާ ރެސްޓޯރަންޓުތަކުގެ މޭޒުދޮށުގައި ދިގު ބަހުސްތަކަކަށް ދެމިގެންދާ އަޑުއިވެއެވެ. އަޅުގަނޑުމެންގެ ތެރެއިން ބަދަލެއް އަތުވެއްޖެކަމަށް ބުނާ މީހުން ގަބޫލުކުރާ ގޮތުގައި މިއަދު އަޅުގަނޑުމެން ތަޖްރިބާކުރާ އެންމެ ބޮޑު ބަދަލަކީ އެއްވެސް ބިރަކާނުލާ، ޖެހިލުމެއް ނެތި އަޅުގަނޑުމެންނަށް ފެންނަ އެއްޗެއް ކޮންމެ ބައެއްގެ ތެރޭގައިވިޔަސް ކޮންމެ ތަނެއްގައިވިޔަސް ބިރަކާނުލާ ހާމަކޮށްލުމެވެ. ހަމަ އެގޮތަށް ވިޔަފާރިވެރިންނަށް އެމީހުންގެ ވިޔަފާރިތަކަށް އެޅިފައި އޮތް ހުރަސްތަކުން ނެއްޓި މިނިވަންކަމާއެކު މަސައްކަތައިގެން ޖެހިލުމަކާނުލާ ގަވާއިދުގެ ތެރެއިން ކުރިއަށް ދެމިލުމެވެ. މިއީ އެމީހުން ދެކޭގޮތުގައި މިހާރު ހިނގަމުންދާ ސަރުކާރުން މި ވޭތުވެ ދިޔަ 100 ދުވަސް ތެރޭގައި ދިވެހީންނަށް ލިބިދީފައިވާ އަގެއް ނުކުރެވޭފަދަ ބަދަލެކެވެ.
ބަދަލެއް ނާންކަމުގެ ވާހަކަ ދައްކާ މީހުން ފާހަގަކުރާ ކަންކަމުގެ ތެރޭގައި ތަކެތީގެ އަގުތައް އަތްފޯރާ އަގަކަށް ތިރިނުވާކަމުގައި ބުނެއެވެ. އަދި އާންމު ޚިދުމަތްދޭ ސަރުކާރުގެ އޮފީސްތަކުން ދެއްވާ ޚިދުމަތް ރަގަޅު ނުވާކަމުގައި ބުނެއެވެ. އަދި ފުލުހުންގެ ބައެއް ބޭކަލުން ރައްޔިތުންނަށް އިހާނެތިކޮށް ކަންކަން ކުރަމުންދާކަމުގެ ޝަކުވާ އުފުލައެވެ. ބަދަލެއް ނާންނަކަމުގެ ޝަކުވާ އެންމެ ގިނަވެފައިވަނީ ކުރީގެ ރައީސް އުޅުއްވަމުން ގެންދާ ގޮތާމެދުގައެވެ. ބައެއް މީހުން ބުނާގޮތުގައި އެ “ކަލޭގެ އަދިވެސް އުޅެނީ ރައީސަކަށް ވެގެން މަތިހަށިނަގާ މޭފުއްޕާފަ” އެވެ.
ކޮންމެއަކަސް ބަދަލާ ދޭތެރޭ ވަކި އަތަކަށް ވާހަކަ ދައްކާއިރު ކުޑަވަރެއްގެ ދިރާސާއެއް ކޮށްލުމަކީ އެކަމާމެދު ބަހުސެއް ކުރާނަމަ ކުރަންޖެހޭ ގޮތެވެ. މިދަންނަވާ ފެންވަރުތަކުގައި ރާއްޖޭގެ ކަންކަން މިނެލުން ރަގަޅުވާނެއެވެ.
ފުރަތަމައީ ފަރުދީ ފެންވަރުގައި މިނެލެވޭނެ ބަދަލެވެ. އެއީ މީހަކު އިސްނަގައިގެން ނުވަތަ މީހެއް އަންގާގޮތެއްގެ މަތިން ގެނެވޭ ބަދަލެވެ. އެފަދަ މީހަކީ މުޖުތަމައުގައި ކޮންމެވެސް ދައުރެއް އަދާކުރާ މީހެކެވެ. މި ބަދަލު އަޅުގަނޑުމެންގެ ތެރޭގައި ފެންނަ އެންމެ ސަޅި މިސާލަކީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބެވެ. ރައްޔިތުން ވަކިވަކިން ދިން ވޯޓަކުން 30 އަހަރުގެ ވެރިކަމެއް އިނދަ ޖައްސާލިތަނެވެ. ދެވަނައަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ފުދޭނެއެވެ. މަގުމަތީގައި ހިންގަވާފައި އުޅުއްވާ ތަނެވެ. ސާދާކަންމަތީ ރައްޔިތުންނާ ވާހަކަފުޅު ދައްކަވާ އުޅުއްވާތަނެވެ. މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަކީ އެ ބޭފުޅާ ދެއްވާ ނިއުސް ކޮންފަރެންސްތައް ވަގުތުން ދުރަށް ފޮނުއްވުމުގެ ހިތްވަރުވެސް ހުރި ބޭފުޅެކެވެ.
ދެވަނައީ ޖަމާއަތް ނުވަތަ ކުންފުނީގެ ފެންވަރުގައި އަންނަ ބަދަލެވެ. ޓީވީ މޯލްޑިވްސް އަކީ މިސާލެކެވެ. އެތާގެ ޚަބަރަށް ބަލައިލާއިރު ރައީސް ނަޝީދު ވަކި މުނާސަބަތެއްގައި ދައްކަވާ ވާހަކައެއް 3 ސުރުޚީގެ ދަށުން ގެނެސް ޚަބަރު ގަޑީގެ ދެބައިކުޅަ އެއްބައި ރައީސުލްޖުމްހޫރިއްޔާއިން ފުރާތަނެއް ނުފެނެއެވެ. އަދި ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރު ފީތާ އެއްކޮޅުން އަނެއްކޮޅަށް ދައްކާތަނެއްވެސް ނުފެނެއެވެ. މިއީ ގިނަ ބަޔެއް ގިނަޒަމާންތަކެއް ވަންދެން އެދިއެދި ތިބި ބަދަލެކެވެ.
ތިންވަނައަށް ބަދަލު މިނެލެވޭނީ މުއައްސަސާތަކުގެ ފެންވަރުގައެވެ. ނުވަތަ މުޖުތަމައުގެ ފެންވަރުގައެވެ. 2004 ވަނަ އަހަރާއި މިއަދާއި އަޅުވާ ބަލާއިރު މިދެންނެވި ބަދަލު އެންމެ ބޮޑަށް ފެންނަނީ ރާއްޖޭގެ ނޫސް މަޖައްލާ ތަކުންނާއި ޓީވީއާއި ރޭޑިޔޯ މެދުވެރިކޮށް ގެނެސްދޭ ޕްރޮގްރާމާއި ޚަބަރުތަކުގައެވެ. ހިނގަމުންދާ ސަރުކާރަށް ފާޑުކިޔުމަކީ މިއަދުގެ ސަރުކާރުން މަރުހަބާ ކިޔާކަމެކެވެ. ވެއްޓިގެން ދިޔަ ކުރީގެ ސަރުކާރުން މަނާކުރި ކަމެކެވެ. އެ ސަރުކާރަށް ފާޑުކިޔަމުންދިޔަ މީހުންނާއި އެމީހުންގެ އާއިލާތަކަށް ޖެއްސުމާ، ދުއްތުރާލާ އަނިޔާ ދެމުންދިޔަ ކަންކަމެވެ. ރާއްޖޭގެ ގާނޫނު އަސާސީން ލިބިދީފައިވާ ބަދަލުތަކަކީވެސް އޭގެ މިސާލެކެވެ. މިއަދު މިފެންނަނީ އެ އަސާސީގެ ދަށުން 3 ބާރު ވަކިވެފައިވާ ތަނެވެ.
ބަދަލު މިނެލުމުގައި ހަތަރުވަނަ ފެންވަރަކީ ސަގާފީ ފެންވަރެވެ. ސަގާފީ ބަދަލު އަންނާނީ ބައެއްގެ ތެރޭގައި ބޭނުންތެރި އަދި ރަގަޅުކަމަށް ދެކޭ ސިފަތަކަށް ނުވަތަ އުސޫލުތަކަށް ބަދަލު އައުމުންނެވެ. ފިކުރީ ގޮތުން މިނެލެވޭ ބަދަލެވެ. ނުވަތަ ބައެއްގެ ތެރޭގައި އޮންނަ އާދަކާދައަށް އަންނަ ބަދަލެވެ. ވިސްނުން ބަދަލުކުރުމުން ފެންނަ ބަދަލެވެ. މިފަދަ ބަދަލަކީ އެންމެ އުދަގޫ އަދި ބަދަލުވާން އެންމެ ގިނަ ދުވަސް ނަގާ ކަންކަމެވެ. ސަރުކާރުގެ އޮފީސްތަކުން ރައްޔިތުންނަށް ލިބިދޭ ޚިދުމަތްތަކަށް ހެޔޮ ބަދަލެއް ނުފެންނަނީ މިކަމުގެ ސަބަބުންނެވެ. އެކަން އެހެން އޮތުމުގެ އެންމެ ބޮޑު ސިއްރަކީ ކުރިން ދެންނެވި ހުރިހާ ފެންވަރެއްގައި އައި ބަދަލުތަކާ އެންމެ ދުރުގައި ތިބި ބަޔަކަށް ރާއްޖޭގެ ސިވިލް ސަރވިސްގެ ގިނަބަޔަކު ވެފައިވުމެވެ. ކުރީގެ ސަރުކާރުގެ ތަރިކަ މުދާގޮތުގައި ސަރުކާރުގެ މުއައްސަސާތައް ކޮންޓްރޯލް ކުރެވިފައި 30 އަހަރު އޮތުމުގެ ނަތީޖާއެވެ. އަމުދުން ސިވިލް ސަރވިސްގެ ގިނަ ޕަރމަނަންޓް ސެކްރެޓަރީންނަކީ ލަކުޑިގަޑަކަށް ޖަހާފައިވާ މޮހޮރުތަކެއް ދަބަރުޖަހާގޮސް ހަލާކުވެފައިވާ ފަދައިން ކުރީގެ ސަރުކާރުގެ ތެރެއަށް ވަދެ ހުސްވެފައިވާ ބަޔަކަށް ވުމެވެ. މޮހޮރުތަކުގެ ބޯތައް ގިރިފައިވުމުން ލުހެލުމަކީ ވެސް ދަތިކަމަކަށްވުމެވެ. ޒަމާނީ ތަރައްގީއަށް ޖާހިލު، އެމީހުންގެ މަގާމަށް ތަސައްރަފު ނުފުދޭ، ކުރީގެ ސަރުކާރުގެ ގޮޑިކޮއްކޮތަކަކަށް ވެފައިވާ ބަޔަކަށް ވުމެވެ. އަދި ސަގާފީ ފެންވަރުގެ ބަދަލާ ދެކޮޅަށް ނާށިލާ އިހަލުގައި ތިބި މީދާކޭ އުނބުތަކަކަށް ވުމެވެ.
ބަދަލެއް ނާންނަކަމާމެދު އަޅުގަނޑު ކުރިން އިޝާރާތްކުރި ކަންކަމަކީ މިފެންވަރުގެ ބަދަލާ ގުޅޭ މިސާލުތަކެކެވެ. (ނިމުނީ)