އިބްރާހީމް ރާމިޒް
މަށެއް ނޫން ސަރުކާރަކަށް ވޯޓުދީގެން ދިވެހިރައްޔިތުންނަށް ވާނޭ އެއްވެސް ފައިދާއެއް ނޯންނާނޭ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިހާރު ފަށައިގެން ކުރިޔަށް ގެންދާ “އެއްބުރުން” ޖަލްސާތަކުގެ ތެރެއިން ބޮޑުތިލަދުންމަތީ ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި އަލީ ވަހީދު ވިދާޅުވީ މިހާރު ވެރިކަމާ ހަވާލުވެވަޑައިގެން ހުންނެވި ޑރ.ވަހީދު ހަސަން މަނިކާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ޢަބްދުﷲ ޔާމީން ރަށްރަށަށް ވަޑައިގަތުމުން އެރަށްރަށުގެ ތަރައްގީއަށް ކުރާ މަސައްކަތް ހުއްޓިފައިވަނީ ކީއްވެތޯ އެރަށްރަށުގެ ރައްޔިތުން ސުވާލުކުރުމުން އެކަންތަކުގެ މަސްއޫލިއްޔަތު ނުނަންގަވައި “މަށެއް ނޫނޭ” ވިދާޅުވެ ސަރުކާރު ހިންގާ ކޯލިޝަންގެ ބޭފުޅުންގެ ތެރެއިން އެކެއް އަނެކެއްގެ ބޮލުގައި އަޅުވަމުންދާ ކަމަށް ވިދާޅުވިއެވެ.
ރޭގެ ޖަލްސާ ގައި ވާހަކަފުޅުދައްކަވަމުން އަލީ ވަހީދު އިތުރަށް ވިދާޅުވީ މި ސަބަބަށްޓަކައި ވެސް އެމްޑީޕީގެ ވެރިކަމެއް ގާއިމްކުރަންޖެހޭ ކަމަށާއި، އެމްޑީޕީއަށް އެއްބުރުން މިއިންތިޚާބު ކާމިޔާބުނުކުރެވިއްޖެ ނަމަ މިރާއްޖެއިން ފެނިގެންދާނީ އަފްޤާނިސްތާން އޮތްހާލަތުގައި އޮއްވާ ކަމަށް ވިދާޅުވިއެވެ. އަދި “ނިތްކުރިން ވިސްނައިގެން ތަރައްގީއެއް ނުގެނެވޭނޭ” ކަމަށާއި، ދީނީ އިލްމުވެރިން ތިއްބަވަންޖެހޭނީ ދީނީ ތާޖުއަޅައިގެން އެ ދީނީ އިލްމުވެރިން ތިއްބަވަންޖެހޭ ތަނުގައި ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީޕީގެ ސަރުކާރެއްގައި ދީނީ އިލްމުވެރިންނަށް އަނެއްކާ ވެސް ފުރިހަމަ މިނިވަންކަން ލިބިގެންދާނޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ސިޔާސަތުތަކަކީ ރައްޔިތުންނަށް ފައިދާހުރި ސިޔާސަތުތަކެއް ނަމަވެސް އެ ސިޔާސަތުތަކަކީ މަހުޖަނުންނާ ދެކޮޅަށް ހަދާފައިވާ ސިޔާސަތުތަކެއް ނޫން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސަރުކާރެއްގައި ރާއްޖޭގެ ކޮންމެ ޒުވާނަކީ ވެސް ހުނަރުވެރި ޒުވާނަކަށް ހައްދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ލާމެހިފައިވާ ސިޔާސަތުތަކުގެ ތެރެއިން ރިސޯޓްތަކުގައި މަސައްކަތްކުރައްވާ މުވައްޒިފުންނަށް ވެސް އަނބިދަރިން ކައިރިއަށް ރޭގަނޑު ރަށަށް ދެވޭނޭ ގޮތް ފަހިކުރުމަކީ އެމްޑީޕީގެ ވިސްނުން ކަމަށް ވިދާޅުވިއެވެ
.
މީގެ އިތުރުން ވެސް ފެބްރުއަރީ 7 ވަނަ ދުވަހު ރައީސް ނަޝީދު ފަހަތަށް ޖެހިވަޑައިގެންނެވީ ވަރަށް ހިކުމަތްތެރި ކަމާ އެކު ކަމަށާއި، “އެންމެ ބުއްދި ގަދަ ހިޔަޅުވެސް ފަހަތަށް ޖެހެންޖެހޭ ތަންތާނަގައި ފަހަތަށް ޖެހޭ” ކަމަށް ވިދާޅުވެ، ރައީސް ނަޝީދު އެދުވަހު އެނިންމެވި ޙިކުމަތްތެރި ނިންމެވުމުގެ ފައިދާ އަދި ފެނިވަޑައިގަންނަވާނޭ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.