އެމްޑީޕީގެ ހަރަކާތްތައް މީޑިއާއިން ކަވަރު ކުރުމުގައި ނޫސްވެރިންނަށް ފުރިހަމަ އެއްބާރުލުމާ ސަޕޯޓު ދޭނެކަމުގެ ޔަޤީންކަން އަރުވައިފި.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމްބީސީ)އިން އިންތިޒާމް ކޮށްގެން ކަމާގުޅޭ އިދާރާތަކަށާއި ސިޔާސީ ޕާޓީތަކަށް ދަޢުވަތު ދީގެން މިއަދު ބޭއްވި “އިލެކްޝަން ކަވަރޭޖް ވޯރކްޝޮޕް” ގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މީޑިއާ ޓީމުންވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަދި މިއަދުގެ މި ވޯރކްޝޮޕްގައި އެމްޑީޕީގެ މީޑިއާ ކޮމިޓީގެ ފަރާތުން ވަނީ މީޑިއާއަށާއި ނޫސްވެރިންނަށް ޕާޓީގެ ހަރަކާތްތައް ކަވަރު ކުރުމުގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

އެމްބީސީއިން މި މަހުގެ 5ން 9ށް ކުރިޔަށްގެންދާ މި ވޯރކްޝޮޕްގައި މިއަދުގެ ހެނދުނުގެ ސެޝަންގައި، މައުލޫމާތު ލިބިގަތުމާއި މައުލޫމާތު ހޯދުމާއި މައުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަން ކަމަށާއި، ސިޔާސީ ޕާޓީތަކަށާއި މީޑިއާއަށް ދިމާވާ ތަފާތު ކަންކަމާ ބެހޭގޮތުން މަޝްވަރާ ބަދަލުކުރުންތައް ކުރިއަށްގެންދެވިއެވެ.

މިއަދުގެ ވޯރކްޝޮޕްގައި އެމްޑީޕީގެ މީޑިއާ ކޮމިޓީއަށް ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތުގައި ރާއްޖޭގެ މީޑިއާގެ މިނިވަން ކަމަށާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކަށް މިނިވަންކަމާއި ރައްކާތެރިކަމާއެކު މަސައްކަތް ކުރެވޭނޭ މާޙައުލެއް ޤާއިމްކޮށް ބިނާ ކުރުމުގެ މައްޗަށް ވަނީ ވާހަކަ ދައްކާވާފައެވެ. އަދި މީޑިއާގެ މިނިވަންކަން އޭގެ އެންމެ ފުޅާ ދާއިރާގައި ލިބިދިނުމަށާއި އެކިއެކި ވަކިތަކުންނާއި ބިރު ދެއްކުންތަކުން އެއްކިބާވެ، އިންސާފުވެރި ކަމާއެކު މައުލޫމާތު ހޯދައި ފޯރުކޮށްދިނުމަށްޓަކައި ނޫސްވެރިންނަށް މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް އުފައްދައިދިނުމުގެ މައްޗަށް އެމްޑީޕީ މީޑިއާ ކޮމިޓީގެ ފަރާތުން ވާހަކަ ދެއްކެވިއެވެ.

އަދި މައުލޫމާތު ލިބިގަތުމާއި މައުލޫމާތު ހޯދުމުގެ ފުރިހަމަ މިނިވަންކަމާއި ޤާނޫނު އަސާސީން މީޑިއާއަށް ދީފައިވާ މިނިވަންކަން ފުރިހަމަ ގޮތުގައި ހަމަހަމަ ކަމާއެކު ފޯރުކޮށްދިނުމަށް އެފަރާތުން ކުރާ މަސައްކަތް އެއީ އެމްޑީޕީ ސަރުކާރެއްގައި އެންމެބޮޑު އެއް އަހައްމިޔަތު ކަމެއް ދޭނެ ދާއިރާއެއް ކަމަށާއި ޑިމޮކްރްސީގައި މިނިވަން މީޑިއާގެ މުހިއްމު ކަމުގެ މައްޗަށް މި މަސައްކަތު ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ފާހަގަ ކުރެއްވިއެވެ.

އަދި އެމްޑީޕީގެ ހަރަކާތްތަކުގެ ޚަބަރު މީޑިއާއިން ފެތުރުމުގައި ގެންގުޅޭ ހަމަތަކުގެ މައްޗަށްވެސް މިއަދުގެ މި ވޯރކްޝޮޕްގައި މީޑިއާ ކޮމިޓީގެ ބޭފުޅުން ވާހަކަ ދެއްކެވިއެވެ. އަދި އެމްޑީޕީ މިއީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމުން މި ޕާޓީގެ ހަރަކާތްތަކުގެ ޚަބަރު ރާއްޖޭގެ މީޑިއާއިން އާއްމުންނަށް ފޯރުކޮށްދިނުމުގައި ޕާޓީއިން ބޭނުންވާގޮތާ ވިސްނުން ހާމަކުރެއްވިއެވެ. އަދި އެމްޑީޕީގެ ސަރުކާރެއް ޤާއިމް ވުމާއެކު ރާއްޖޭގައި މިނިވަން މުސްތަޤިއްލު މީޑިއާ ޤާއިމްކޮށް ދެމެހެއްޓުމާއި މީޑިއާގެ މިނިވަންކަން ޤާއިމްކޮށް ކަށަވަރު ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނޭކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް ބްރޮޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)އިން އިންތިޒާމް ކޮށްގެން ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމްޑީޕީ މީޑިއާ ކޮމިޓީގެ މެމްބަރ އަދި ރައީސް ނަޝީދު ސަރުކާރުގެ ސްޓޭޓް މިނިސްޓަރ ޠައްޔިބް މުޙައްމަދާއި އެމްޑީޕީ ގެ މީޑިއާ ކޮމިޓީގެ މެމްބަރ އަދި ރައީސް ނަޝީދު ސަރުކާރުކާރުގައި ރައީސްލްޖުމްހޫރިއްޔާ އޮފީހުގެ އަންޑަރ ސެކްރެޓަރީ އައިމިނަތު ޝައުނާ އަދި އެމްޑީޕީ އޮފީހުގެ މީޑިއާ ކޮމިޓީގެ މެމްބަރ ފާތިމަތު ޝަހީދާ އެވެ.