ސިޔާސީ ޕާޓީ ތަކުގެ ބޭނުން: ރައްޔިތެއްގެ ލޮލުން

ތަޖްރިބާކާރު ސިޔާސީ ބޭފުޅުން ވިދާޅުވާ ފަދައިން ފިނި ހަގުރާމައަށް ފަހު ދުނިޔެ ކުރިމަތިލާފައި މިވަނީ ޑިމޮކްރެޓިކް ސިޔާސީ އިންގިލާބާއެވެ. އެހެންކަމުން ދިވެހިރާއްޖެ ކިތަންމެ ކުޑަ ޖަޒީރާ ގައުމަކަށް ވިޔަސް ދުނިޔޭގައި ހިގާ އޮޔާއި ވައި ދިވެހިރާއްޖެއަށް ވެސް ފޯރާނެ ކަމީ ޝައްކު ކުރަން ޖެހޭ ކަމެއް ނޫނެވެ. ކަންއޮތީ މިހެން ކަމަށްވާތީ ރާއްޖޭގައިވެސް މިދެންނެވި ސިޔާސީ އިންގިލާބުގެ މޭސްތިރިން އުފެދި ގައުމު ގައި ޑިމޮކްރެޓިކް ސިޔާސީ އިންގިލާބެއް ގެނެސް ގައުމުގައި ހިންގަމުން ގެނައި އާއިލީ ޚުދުމުޚުތާރު ވެރިކަން ބަދަލުކޮށް ރައްޔިތުންގެ ވެރިކަމެއް ގާއިމު ކުރުމުގެ ބިންގާ އެޅުމުގެ މަރުހަލާ މިއަދު މިވަނީ ފައްޓާފައެވެ.
މިދެންނެވި ސިޔާސީ ވެށި ގާއިމު ކުރެވޭނީ މިކަން ހިތުގެ އަޑީން ގަބޫލުކޮށް މިކަންކުރުމުގެ ކެރުންތެރިކަމާއި ގާބިލްކަން ހުރި ބަޔަކަށެވެ. ކަމުގެ ފެށުމެއްގެ ގޮތުން ފާހަގަ ކޮށްލަން ޖެހޭ ކަންކަމުގެ ތެރޭގައި އިންސާނީ ހަމަހަމަކަން ހިތުގެ އަޑީން ގަބޫލު ކުރުމާއި އިންސާނީ ކަރާމާތް ލިބިދިނުމަށް އުފައްދަންޖެހޭ ހަމަތަކާއި މުއައްސަސާތައް އުފެއްދުން މުހިންމެވެ. މިގޮތުން ބަލާއިރު އަދުލުވެރިކަން ފޯރުކޮށްދިނުމާއި ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތައް ދިނުމަށް ކޮށްދޭން ޖެހޭ ކަންކަން ކުރެވޭނޭ ގޮތްތައް އިންތިޒާމް ކުރުމާއި އެކަންކަމަށް މަގު ފަހިކޮށްދިނުން އެއީ ދައުލަތް ހިންގަން ހަވާލުވާ ސަރުކާރެއްގެ މަސްއޫލިއްޔަތަކަށް ވާންޖެހެއެވެ.
ފާހަގަ ކުރެވުނު މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ބުއްދީގެ ހަމަތަކުން ބަލާއިރު، ބޭނުން ކުރެވޭނެ ވަސީލަތް ތަކުގެ ތެރޭގައި ހިމެނޭ އެއް ވަސީލަތަކީ ސިޔާސީ ޕާޓީ ތަކެވެ. އަނެއް ވަސީލަތަކީ މިނިވަން މުސްތަގިއްލު އަދުލުވެރި ކަމެވެ. ސިޔާސީޕާޓީ ތަކުގެ ދައުރަކަށް މިވަނީ ރައްޔިތުންނަށް ތަނަވަސްކަމާއި އުފާފާގަތިކަން ފޯރުކޮށްދިނުމަށްޓަކައި ގާނޫނީ ހަމަތަކެއް އުފެއްދުމާއި އެކަންކަން ފުއްދައިދިނުމަށް މަސައްކަތް ކޮށްދިނުމެވެ. އަދި ހަމަ އެއާއިއެކު މިނިވަން އަދުލުވެރިކަމެއް ގާއިމުކޮށް ހިންގޭނޭ ހަމަތައް އުފައްދައިދިނުމާއި މިދެންނެވި ކަންކަން ހިންގުމަށްޓަކައި އެކަން ހިންގާނޭ ސަރުކާރެއް އުފައްދާ ހިންގާނޭ ހަމަތަކެއް އެކުލަވާލުމެވެ. މިދެންނެވި ކަންކަން ހިންގާ ބަލަހައްޓާ ފާހަގަ ކުރެވުނު މުއައްސަސާތައް މަގުގައި ބައިތިއްބައިގެން ރައްޔިތުންގެ މަސްލަހަތު ދެމެހެއްޓުމަށްޓަކައި މަޝްވަރާކޮށް ގޮތްތައް ނިންމާނޭ މަޖިލީހެއް އޮތުމަކީ ޑިމޮކްރަސީއަށް ދަތުރުކުރާ މިމަގުގައި އުފެއްދޭ އެންމެ މުހިންމު އެއް ގުނަވަނެވެ.
އަޅުގަޑުމެންގެ މިލޮބުވެތި ގައުމު މިހިސާބަށް ދަތުރު ކުރިއިރު އަދި ކިރިޔާ އަޅުގަޑުމެން މިފޯރީ ގިނަޕާޓީ އެކުލެވޭ ރައްޔިތުންގެ ވެރިކަމެއް ހިންގަން ފެށުމުގެ އައްސޭރިއަށެވެ. މިހިސާބުން ކުރިއަށް ދިޔުމަށް ވިސްނަންޖެހޭ ކަންތައްތަކެއް ހުރިކަން ގަބޫލުކުރަން ޖެހެއެވެ. އަދު އަޅުގަޑުމެން މިތިބީ ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވިގެން ދިވެހިރައްޔިތުންގެ ލާބައާއި މަންފާ އެރައްޔިތުންނަށް ފޯރުކޮށްދިނުމަށް އުފައްދަން ޖެހޭ ސިޔާސީ ވެށި އުފައްދާ ބިންގާ އެޅުމުގެ މަރުހަލާގައެވެ.
ކޮންމެއަކަސް ތަހުޒީބު ވެރިކަމެއްގެ ބިނާ އުފެއްދުމުގެ މަސްއޫލިއްޔަތު ކޮޑުގައި އަޅުއްވައިގެން ތިއްބެވި ބަޔަކީ މިއަދުގެ ސިޔާސީ ޕާޓީ ތަކުގެ އިސް މަގާމުތަކެއް ފުރުއްވަމުން ގެންދަވާ ބޭފުޅުންނެވެ. އެހެންކަމުން އެބޭފުޅުން ގެންގުޅުއްވާ ތަސައްވަރާއި ފިކުރާއި ވިސްނުން އެމަގުގައި ބަހައްޓަވަން ޖެހެއެވެ. އަދި އެބޭފުޅުން އެމަގަށް ފިސާރި ރަގަޅަށް ތައްޔާރުވެ ވަޑައިގެން ތިއްބަވަން ޖެހޭމެއެވެ. އަދި ޕާޓީތަކުގެ މަގުސަދުތަކާއި ރާސްތާއާއި ރޭވުންތަކާއި ހަރަކާތްތައް މިމަގުގައި ގެންދެވުން މުހިންމެވެ. މިދެންނެވި މަގުން ކަސިޔާރު ނުވެ ކުރިއަށް ގެންދެވިއްޖެ ނަމަ ކުރިމަގު އުޖާލާވާނެ ކަން ކަށަވަރެވެ. އެހެން ނުވެއްޖެނަމަ އެކަމުގެ ނުރަގަޅު އަސަރު ގައުމުގެ އެންމެހައި ރައްޔިތުންނަށް ކުރާނެ ކަމީ ޝައްކެތް ނެތް ކަމެކެވެ.
އަދުގެ ހަގީގަތަށް ކަޅި ހިންގާލައިފި ނަމަ ހިތާމައާއެކު ފާހަގަކުރަން ޖެހޭ ހަގީގަތަކީ ސިޔާސީ ޕާޓީތައް އެތުރިފައި ހުރި ފަލްސަފާތަކާއި ސިޔާސީޕާޓީތައް އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުން އެޕާޓީތައް ކެހިގެން ދާކަމެވެ. ދައުލަތުން ނުވަތަ ރައްޔިތުންގެ ޖީބުން ސިޔާސީ މުއައްސަސާތަކަށް ހޭދަކުރާ ބޭނުމާއިމެދު ޕާޓީތަކުގެ ފިކުރު ނެތްކަމެވެ. ފެންނަމުންދާ މަންޒަރަށް ބަލާއިރު ބައެއް ޕާޓީތައް ދަތުރު ކުރަމުންދަނީ އަމިއްލަވަންތަ ގޮތްތަކަކަށް ތަބާވެ ޑިމޮކްރަސީގެ މަގުން ކައްސާލައިގެން ދާކަން ފާހަގަ ނުކުރެވޭފަދަ ހޭވެރިކަން ނެތް ގޮތަކަށެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ!
ކަށަވަރުން ރައްޔިތުން ބޭނުންވާނީ ރައްޔިތުންނަށް މަންފާ ކުރަނިވި ގޮތެއްގައި ސިޔާސީ ޕާޓީތަކުގެ ސިޔާސީ ހަރަކާތްތައް ފެންނަމުން ދިޔުމެވެ. ބުއްދީގެ ހަމަތަކުގެ ނަޒަރުން ބަލާއިރު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް އޮންނަންވާނީ އެއިރެއްގައި އޮތް ސަރުކާރެއް ޖަވާބުދާރީ ކުރުވުމާއި ރައްޔިތުންގެ ދިރިއުޅުމަށް ތަނަވަސްކަމާއި އުޖާލާކަން ގެނެސްދިނުމުގެ މަސައްކަތުގައި ފުރިހަމައަށް މަސްއޫލިއްޔަތު އަދާކުރުން މަތީގައެވެ. މިކަން މިމަގުގައި ހިންގުމަށް މާބޮޑު ބުރައެއް އުފުއްލަވާކަށް ނުޖެހެއެވެ. އިންސާނުން ދިރިއުޅޭ ތަހުޒީބު ގައުމުތަކުގައި މިކަން ކޮށްއުޅޭ ގޮތްތައް ދެނެގަނެ އަޅުގަޑުމެންގެ ސަގާފަތާއި އާދަކާދަތަކާއި މަސްހުނިކޮށް ކަން ކުރެވޭނޭ ގޮތްތައް އެކުލަވާލުމަށް ފަހު އެކި ގިންތީގެ މެމްބަރުންނަށް ކަންތައްތައް ހިންގާނޭ ގޮތް އުގަންނާދިނުމުން ފުދޭނެއެވެ.
އަޅުގަޑުމެން ރައްޔިތުންގެ އުންމީދަކީ ތަހުޒީބު ދުނިޔޭގެ ސިޔާސީ ވެށި ފަދައިން ދިވެހިރާއްޖޭގެ ސިޔާސީ މާހައުލު ބައްޓަންކުރައްވާ އެއިރެއްގައި އޮތް ސަރުކާރެއް ކަންކަން ކުރަމުން ގެންދާ ގޮތް ބަލާ ހިޔަނި ސަރުކާރެއް ގޮތަށް ދެންއޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެއް ހަރަކާތްތެރި ވާތަން ފެނުމެވެ. އަދި ރިޔާސީ ނިޒާމްގެ އަސްލުތަކުން އެއްކިބާނުވެ ހިޔަނި ޕާޓީ ތަކެއްގެ ގޮތުގައި ހަރަކާތްތެރިވެ ސަރުކާރުން ހިންގަމުން ގެންދާ ހަރަކާތްތައް ހިންގަމުން ގެންދަނީ ގާނޫނާއި ގަވާއިދު ތަކުގެ އިމުގެ ތެރޭގައިތޯ ބަލާ މަގަށް އަޅުވައިގެން ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތަށް ދެންތިބި ޕާޓީތަކުގެ މަސްއޫލިއްޔަތު އަދާކުރަމުން ގެންދިޔުމުން އެކަން އެނިމުނީއެވެ. ޕާޓީތަކުގެ ނަޒަރު ހުންނަންވާނީ ސަރުކާރު ހިންގާ ޕާޓީ ޖަވާބުދާރީ ކުރުވުމާއި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި އުނިކަންކަން ފާހަގަކޮށް އެކަންކަމުގައި މަޖިލީހުގައި ވަކާލާތުކޮށް ވެރިކަމުން ރައްޔިތުންނަށް ފޯރުކޮށްދޭން ބުނި ކަންކަން ފޯރުކޮށްދިނުމަށް އުފުލަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން މަތީގައެވެ. ދަންނަވަމެވެ. ޒާތީ ޖައްސާލުންތަކަކީ އެކަންކަމުން ރައްޔިތުންނަށް މަންފާއެއް ކުރާނެ ކަންކަމެއްނޫނެވެ. ރައްޔިތުންނަށް މަންފާ ނުކުރާ ކަންކަން ކުރިއަށް ނެރޭ އަމަލުތަކަކީ ރައްޔިތުންނަށް މަގު އޮޅުވާލުމެއްކަމަށް ބަލަން ޖެހެއެވެ. (ނިމުނީ)