މަސައްކަތްތެރީންގެ އެމްޑީޕީގެ ސިޔާސަތު ރާއްޖޭގެ 20 ސަރަޙައްދެއްގައި އިފްތިތާޙް ކޮށްފި.

masakkaitheringe mdp siyaasathu launch gdh. thinadhoo 040513 (50)

“މިނިވަން މަސައްކަތްތެރިޔާ ހަމައިސްކޮޅަށް ތެދުވެވޭ، ފަޚްރުވެރި ދިވެހީން” މިނަމުގައި މަސައްކަތްތެރީންގެ އެމްޑީޕީގެ ސިޔާސަތު މިއަދު (4 މޭ 2013-ހޮނިހިރު)ހަވީރު ރާއްޖޭގެ 20 ސަރަހައްދެއްގައި އިފްތިތާޙް ކޮށްފިއެވެ.

މިގޮތުން މިއަދު ހަވީރު ގދ. ތިނަދޫގައި މަސައްކަތްތެރިންގެ އެމްޑީޕީގެ ސިޔާސަތު ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވާފައިވާއިރު ރާއްޖޭގެ އެހެން 19 ރަށެއްގައިވެސް މި ސިޔާސަތު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުތައް ވަނީ ކުރިޔަށްގެންގޮސްފައެވެ.

ގދ. ތިނަދޫގެ އިތުރުން މި ސިޔާސަތު މިއަދު އިފްތިތާހް ކޮށްފައިވަނީ ހއ. ހޯރަފުށި، ހދ. ނެއްލައިދޫ، ނ. މިލަންދޫ، ނ. ޅޮހި، ރ. އިންނަމާދޫ، ބ. ދަރަވަންދޫ، ޅ. ހިންނަވަރު، ކ. ތުލުސްދޫ، އއ. ބޮޑުފޮޅުދޫ، އދ. ދަނގެތި، ވ. ފެލިދޫ، މ. ކޮޅުފުށި، ފ. ބިލެތްދޫ، ދ. މާއެނބޫދޫ، ތ. މަޑިފުށި، ލ. ފޮނަދޫ، ޏ. ފުވައްމުލައް، އައްޑޫސިޓީއިން ފޭދޫ އަދި މާލެސިޓީއިން މާފަންނު އުތުރުގައެވެ.

މަސައްކަތްތެރީންގެ އެމް.ޑީ.ޕީގެ ސިޔާސަތު އިފްތިތާހް ކޮށްދެއްވުމަށް މިއަދު ހަވީރު 4 ޖެހިއިރު ގދ. ތިނަދޫގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެމް.ޑީ.ޕީއަކީ ރައްޔިތުމީހާ ތަރައްޤީ ކުރާ ޕާޓީއެއް ކަމަށާއި އެހެންކަމުން އެމް.ޑީ.ޕީގެ ހުރިހާ ސިޔާސަތުތަކެއް ތަންފީޒުކުރުމަށްޓަކައި އެމް.ޑީ.ޕީން ގުޅޭނީވެސް ރައްޔިތުންނާއިކަމަށެވެ. އަދި މަސައްކަތްތެރިންގެ ސިޔާސަތުގެ މަޤްޞަދަކީ މަސައްކަތުމީހާ އުވި މަސައްކަތްތެރިޔާ އުފެދުންކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމް.ޑީ.ޕީގެ ސަރުކާރުގައި ދިވެހި މީހާއަށް ފުރުސަތު ހޯދައިދިނުމަށް މުސާރައިގެ އެންމެ މަދުމިން އުޞޫލު ހަމަޖެއްސޭނެކަމަށާއި އެގޮތުން ފުލްޓައިމް މުވައްޒަފެއްގެ އެންމެ ކުޑަ އުޖޫރައަކީ 4500 ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އަންހެން ކަނބަލުންނަށް ޚާއްސަކޮށްގެން ފަސޭހަ ގަޑިއަކަށް އިސްކަންދީގެން ވަޒީފާ އަދާކުރެވޭ އުސޫލެއް މުޅިން އަލަށް ތައާރަފް ކުރާނެ ކަމަށާއި، މަސައްކަތްތެރީންގެ ސާވިސް ޗާޖާއި އިތުރު ގަޑީގެ ފައިސާ އެއްބަސްވެފައިވާ މިންވަރަށް ލިބިދިނުމަށް “ޕޭކަމިޝަން” ގެ ޚާއްސަ ދައުރެއް ކަނޑައެޅޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޝަރުއީ ނިޒާމް ހަރުދަނާވުމަކީ ޙައްޤުތައް ހޯދަން ވަރަށް މުހިންމުކަމެއްކަމަށާއި އެމް.ޑީ.ޕީގެ ސިޔާސަތަކީ ހުރިހާ ރައްޔިތުންގެ ސިޔާސަތެއްކަމަށާއި އެމް.ޑީ.ޕީގެ މެންބަރުން ނޫނަސް އެހެން ހުރިހާ އެންމެންގެ ޙައްޤުތައްވެސް އެ ސިޔާސަތުތަކުގެ ދަށުން ރައްކާތެރިކޮށްދޭނެކަމަށެވެ.

މިއަދު އިފްތިތާޙް ކުރެވިގެންދިޔަ މަސައްކަތްތެރީންގެ އެމްޑީޕީގެ ސިޔާސަތާ ބެހޭގޮތުން ރަށްރަށުގައި މައުލޫމާތު ދިނުމާއި ރަށްރަށުގެ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި މައުލޫމާތު އެކުލެވޭ ލުއިފޮތް ބެހުމާއި އަދި ކަމާގުޅޭ ތަޖްރިބާކާރުންގެ މައުލޫމާތު ހިއްސާކުރުން ކުރިއަށް ގެންގޮސްފައިވެއެވެ.

ގދ. ތިނަދޫގެ އިތުރުން އަނެއް 19 ރަށުގައި މަސައްކަތްތެރީންގެ އެމް.ޑީ.ޕީގެ ސިޔާސަތު އިފްތިތާހް ކޮށްދެއްވައިފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުގެ މިނިސްޓަރުންނާއި، އެމް.ޑީ.ޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނެވެ.