ފ. ބިލަތްދޫގައި އެމްޑީޕީގެ ދޭތިން ފަހެތި ކެންޕެއިން ޖަލްސާއެއް ބާއްވައިފި

އެމްޑީޕީން ކުރިއަށް ގެންދާ ދޭތިން ފަހެތި ކެންޕެއިންގެ ޖަލްސާއެއް ފ. ބިލެތްދޫގައި ރޭގައި ބާއްވައިފިއެވެ. ރޭ ފ. ބިލެތްދޫގައި އެމްޑީޕީން ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އެވެ.

ރޭ ބިލެތްދޫގައި ބޭއްވި ޖަލްސާގައި އެމްޑީޕީ ޕާލިމެންޓް ގްރޫޕްގެ މެންބަރ ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަލްއުސްތާޒު މުޙައްމަދު ހަމްޒާ ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީ އުފެދުނީ ދިވެހި ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރަމުންދިޔަ ވެރިކަމުގައި ގިނަ ރައްޔިތުން ތަކަކަށް މަންފާ ކުރަމުން ނުދާތީ ކަމަށެވެ. އަދި އެމްޑިޕީގެ މެންބަރުން ކުރި މަސައްކަތުން މިއަދު އެމްޑީޕީއަކީ ރާއްޖޭގައި އޮތް ޕާޓީ ކަމަށާއި އެކަން އެގޮތަށް ވާންޖެހުނީ، އެމްޑީޕީއަކީ ރައްޔިތުންނަށް އޮތް ޕާޓީއެއް ކަމުގައި ރައްޔިތުން ޤަބޫލު ކޮށްފައިވާތީ ކަމަށެވެ.

ހަމްޒާގެ ވާހަކަފުޅުގައި ވިދާޅުވީ މިހާރު ކުރެވެމުންދާ މަސައްކަތްކީ އިހުގެ ވިސްނުމާއި މިހާރުގެ ވިސްނުމާ ކުރެވެމުންދާ ހަނގުރާމައެއް ކަމަށާއި، އެމްޑީޕީއަކީ ރާއްޖެއަށް ބޮޑު ބަދަލެއް ގެނައި ބައެއް ކަމަށެވެ. އަދި އެމްޑީޕީން އަބަދުވެސް ރައްޔިތުންނަށް ފައިދާ ހުރި ސިޔާސަތުތަކެއް ކަނޑައަޅާ ކަމަށާއި އެގޮތުން ޚާއްޞަ ގޮތެއްގައި އެމްޑީޕީގެ ދަތުރުފަތުރުގެ ސިޔާސަތަކީ އާއްމުންނަށް ވަރަށް ފައިދާ ކުރުވި ސިޔާސަތެއް ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތު ތަކަކީ ރައްޔިތުން ތަނަވަސްކޮށް ދިނުމުގެ ސިޔާސަތު ކަމަށެވެ.

އަދި އެމްޑީޕީއަކީ ވެރިކަން ކުރުމުގެ އެންމެ ފަހުގެ ނިޒާމު ތަޢާރަފްކޮށް އެ ނިޒާމުގެ ތެރެއިން ކަންކަން ކުރަމުން އަންނަ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީގެ ލާމަރުކަޒީ ނިޒާމުގެ ދަށުން ތަރައްޤީ ކުރެވި މީހުންނަށް ކަންކަން ކުރަން ދަސްވާ ކަމަށާއި ލާމަރުކަޒީ ވިސްނުމަކީވެސް އެމްޑީޕީގެ ވިސްނުމެއް ކަމަށް ހަމްޒާ ވިދާޅުވިއެވެ.

ރޭގެ ބިލަތްދޫގައި ބޭއްވި ޖަލްސާގައި އެމްޑީޕީ ޕާލިމެންޓް ގްރޫޕްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު ރައީސް މުޙައްމަދު ޝިފާޒް ވާހަކަ ފުޅުގައި އެމްޑީޕީގެ ކޮންމެ ސިޔާސަތަކީ ރައްޔިތުންނާއި ގުޅި ލާމެހިފައިވާ ސިޔާސަތެއް ކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުން ތަރައްޤީ ވުމާއި ޒުވާނުންނަށް ވަޒީފާ ލިބުމާއި އެކަމަށް ކަންކަން ފަހިވެފައި ހުރުމަކީ އެމްޑީޕީގެ ސިޔާސަތުގެ ތެރޭގައި ހިމެނޭކަންކަން ކަމަށް ޝިފާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ދޮރުން ދޮރަށް ހިނގުމުގެ ބޭނުމަކީ ރައްޔިތުން ކައިރީ ބޭނުންވާ ކަންކަން އަހާ އޮޅުން ފިލުވުން ކަމަށާއި އެމްޑީޕީ ވުޖޫދަށް އައީ ދަރިންނާ ދަރިންގެ މުސްތަޤްބަލަށްޓަކައި ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސިޔާސަތުތައް މުޅި ދިވެހިރާއްޖެ ޤަބޫލު ކުރަމުންދާކަން މިހާރު ވަރަށް ސާފުކޮށް ފެންނަ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ރޭ ބިލެތްދޫގައި އެމްޑީޕީ ޕާލިމެންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު ވިދާޅުވީ ކިތަންމެ ފުޅާ ކޯލިޝަނެކޭ ކީޔަމުގައިވިއަސް އެއީ “ބާގީ ބްރަދާސް” ކަމަށާއި ބަޣާވަތް ކުރި ފަރާތްތަކުން އެތިބީ ކުރެވުނު ކަންތައްތަކުގެ ސަބަބުން ލަދުން ރައްޔިތުންނާ ކުރިމަތިލާން ނުކެރިފައި ކަމަށެވެ. އަދި ކޯލިޝަނެކޭ ބުނާއިރު ބަޣާވަތް ކުރި އެމީހުން ރައްޔިތުންނަށް ކުރަމުންދާ ވަޢުދެއްވެސް ނެތް ކަމަށް ޢަލީ ވަހީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ފެށުނީއްސުރެ އެނގެން އޮތް ސިޔާސަތެއް ކަމަށާއި އެގޮތުން އެމްޑީޕީގެ ސިޔާސަތުތަކާއި ބެހޭގޮތުން ވާހަކަ ދައްކަވައި ތަފްޞީލްކޮށްދެއްވިއެވެ. އަދި އެމްޑީޕީގެ ސިޔާސަތަކީ ބަޣާވަތް ކުރި މީހުންނަށް އަދަބު ދިނުން ކަމަށާއި ރާއްޖެ ތަރައްޤީ ކުރުން ކަމަށެވެ. އަދި އެމްޑީޕީ ކަމެއް ތަންފީޒު ކުރަމުންދާ އިރު އޭގެ ފައިދާ ކުރާނީ ހަމައެކަނި އެމްޑީޕީ މެންބަރުނަށް ނޫން ކަމަށާއި އެކަމުގެ ފައިދާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފައިދާ ކުރަމުން ދާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަދި އެމްޑީޕީގެ ސަރުކާރެއްގައި އިސްލާދީން ނޫން އެހެން ދީނަކަށް ޖާގައެއް ނޯންނާނެ ކަމަށް އެމްޑީޕީން ކުރަމުންދާ ވަކާލާތު އަލީ ވަހީދު ވަނީ ތަކުރާރު ކުރައްވާފައެވެ. އަދި ބަޔަކު ނޫސް ބަޔާން ނެރުނޭ ކިޔާފައި އެމްޑީޕީން ގުޑުގުޑެއް ނާޅާނެ ކަމަށެވެ. އަދި ނުކިއްސަރު ވިސްނުމާއިއެކު ރާއްޖެ ތަރައްޤީ ނުކުރެވޭނެ ކަމަށާއި ދީނޭ ކިޔައިގެން އަސްލެއްނެތް ވާހަކަ ދައްކާ އުޅޭ ބައެއް މީހުން އުޅެމުންދާ ގޮތާއި މެދު ޢަލީ ވަހީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރޭގެ ބިލެތްދޫގައި ބޭއްވި ދޭތިން ފަހެތި ކެންޕެއިން ޖަލްސާގައި ބިލަތްދޫ ކައުންސިލްގެ ރައީސް އާއި އާއްމު ރައްޔިތުންގެ ގިނަ ޢަދަދެއްގެ މީހުން ވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.