އެމްޑީޕީ އިން މިއަދު ކުރަމުންދިޔަ ގައުމީ މުޒާހަރާގެ ބައެއް ބައިވެރިންގެ ގައިގައި ބަޔަކު ތަޅައިގެންފި

14 ޖުލައި 2010

vagun-hayarukuraa-muzaahiraa-14-07-2010-83

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމްކޮށްގެން މިއަދު ބޭއްވި މުޒާހަރާގެ ބައެއް ބައިވެރިން ގައިގައި، ކޮރަޕްޝަނުގެ ތުހުމަތުގައި ދާދި ފަހުން ހައްޔަރުކުރި، ޕީއޭގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދިރިއުޅުއްވާ ގެކޮޅު، ގ ދޫވެހި ކައިރިން ބަޔަކު ތަޅައިގަނެފިއެވެ.
މިއަދު ހަވީރު 5.15 ހާއިރު ހިނގި މިހާދިސާގައި ގ.ދޫވެހި ކުރިމަތީގައި ތިބި ވިއްސަކަށް މިހުންގެ ގްރޫޕަކުން އެމްޑީޕީ މެންބަރުންގެ ގައިގައި ތަޅައިގަނެ، މާރާމާރީ ހިންގައި އެމީހުންގެ އަތުގައި ހުރި އެމްޑީޕީގެ ދިދަތައް އަތުލާފައިވެއެވެ.
މި ހަމަނުޖެހުން މައިތިރިވީ އެމްޑީޕީގެ އިތުރު މެންބަރުން އެސަރަހައްދަށް ގޮސް ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ކުރި މަސައްކަތުންނެވެ.
އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުން މާލޭގެ ގޭންގްތަކަށް ފައިސާދީގެން ހަމަނުޖެހުން ހިންގަން މަސައްކަތްކުރަމުންދާކަމަށް ގިނަފަރާތްތަކުން އަބަދުވެސް ބުނަމުން ދެއެވެ.