ހަރުގެ ބިތްދޮށުން ގޭގޭ ޖޯލިތަކުން

އިބުރާހީމު: އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އެ ދޭ 2000 ރުފިޔާ ދެނީ ފަންގިގަޑެއް ވިނުނަސް އެއަށް ކަނޑާފަޔޯ

މޫސަ: ތިޔައީ ދެން ކާކު ގަބޫލު ކުރާނެ ވާހަކައެއް. އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް 2000 ރުފިޔާ ސަރުކާރުން ދޭން ނިންމާފައިވޭ. އެކަމަކު ގެ ކުއްޔަށް ދީގެން މަހަކު 5000 ރުފިޔާ ލިބޭ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އެ ފައިސާ ހައްގުވޭތަ… ނުވާނެ… އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އެ ފައިސާ ދިނުމުގެ ކުރިން އެ މީހުންގެ ލިސްޓެއް ހިފައިގެން ގޭގެއަށް ސަރުކާރުން ފޮނުވައިގެން ބަޔަކު ހިގި. އެއީ އެމީހުންނަކީ އުޅޭ ބައެއްތޯ ބެލުމަށް… އަދި އެމީހުންނަށް އެހެން ގޮތަކުން އާމްދަނީއެއް ލިބޭތޯ ބެލުމަށް… އާމްދަނީގެ ގޮތުގައި މީހަކަށް ފަންގި ވިނެގެން ކޮންމެ މަހަކު 1000 ރުފިޔާ ލިބޭކަމަށްވަންޏާ ސަރުކާރުން ދެއްވާނީ އެމީހަކަށް 1000 ރުފިޔާ… ފަޅު ރަށަކަށް ގޮސްލާ ފަހަރަކު ފަންގި ގަނޑެއް ވިނެގެން އެ ވިއްކާލައިގެން ލިބޭ އެއްޗަކަށް އެ ދެއްވާ 2000 ރުފިޔާއަކުން ނުކަނޑާނެ… ރަށު އޮފީހުން ފޯމު ފުރިއިރު އެގޮތަށް ހާލަކުން ފަހަރަކު ލިބޭ މަދު ފައިސާކޮޅަކީ ކޮންމެ މަހަކު ގަވާއިދުން ލިބޭ އާމްދަނީއެއް ކަމަށް ބުނީމާ ތޯއްޗެ ތިޔަހެން ވެގެން ތި އުޅެނީ

————————————————————————————————————

ޚަދީޖާ: އަހަރެން ހީކުރީ އަންނިގެ ވެރިކަމުގައި ކަންކަން ރަގަޅުވާނެކަމަށް… އެކަމަކު ހައްތާވެސް މިއިވެނީ ޝަކުވާގެ އަޑު…

ހައްވަ: ބަލަ ހަދީޖާ… ޝަކުވާއެއް ނޫންތަ ކުރާނީ ޝަކުވާ ކުރެވޭނެ ގޮތް ވީމާ… މައުމޫނު ވެރިކަމުގައި އަގަހިމޭނުން ލައިގެން އަހަރުމެން ތިބީކީ ކަންކަން ރަގަޅުވެގެންނެއް ނޫނޭ… އެއިރު އެއްޗެކޭ ބުނެވޭކަށް ނޯވެއޭ… މަގޭ އެހެރަ ފަރުހާނާގެ އިސްކޫލުގައި ގުރުއާން އެއީ ނަމަކަށް ކިޔަވައިދޭ އެއްޗެއް… ހަރާން ގުރުއާން ކިޔަވައިދޭނެ ޓީޗަރެއް މިދިޔަ އަހަރު އެތާ ހުރީތީ… އެކަމަކު އަހަރެންވާ އެއްޗެކޭ ނުބުނެ ހުރީ… ސްކޫލުގެ ހެޑްމާސްޓަރަކަށް ހުރީ ކަތީބުގެ އެއްބަފާ މީހެއް… ދެންޖެހިގެން ހުރީ ކަތީބުގެ ކޮއްކޮއެއް… އެތާ އޮފީހުގައި އެތިބީ އޭނާގެ އާއިލާގެ މީހުން… އެޑިޔުކޭސަނުގައި އަހަރުމެން އެވާހަކަ ދެއްކިޔަސް އެކަކުވެސް ގަބޫލެއް ނުކުރާނެ މީ ވާކަމަކަށް… އެކަމަކު މިހާރު އަހަރުމެންނަށް އެވާހަކަތައް ދައްކާކަށް ޖެހިލުމެއް ނުވޭ… އެއީ މިހާރު އެވާހަކަ ތަންކޮޅެއް ބާރަށް ދައްކާލިޔަސް އަޑުއަހާނެ ބަޔަކު ތިބޭނެ… ކުރީގައި ހުރިހާކަމެއްވެސް ހުރީ ގޯހުން ގޯހަށް… އެކަމަކު އެންމެން ހަނު ތިބީ… މިހާރު ކަންކަން ގޯހުން ހުންނަ ކަމަށް ވަންޏާ އޭގެ ވާހަކަ މީހުން ޖެހިލުމެއް ނެތި ދައްކާ… އެހެންވީމާ އެ ޝަކުވާއަށް ވެގެން މި އިވެނީ…

އާދަނު: އަހަރެން މިއިންނަނީ ހަމަ ބުނާނެ އެއްޗެއް ނޭނގިފައި… އަންނި ވެރިކަމަށް އައީމާވެސް ރަށުގެ ކައުސިލަރުކަން އެ ދިނީ ޑީއާރޕީގައި ހުރެގެން އަހަރުމެންނަށް އެންމެ ދުއްޕާން ކުރި މީހާއަށް… އަހަރުމެން އަންނިއަށް ކެންޕޭން ކުރަމުން ދިޔައިރު ޖެއްސުންކޮށް ދޮޅިދޮށަށް އަތްކޮއްޕާ ހެދި މީހުންނަށް…. މިދެން ކިހާ ދެރަކަމެއް؟
————————————————————————————————————

މުހަންމަދު: ތިޔައީ އެއްގޮތަކަށްވެސް ދެރަކަމެއް ނޫން… ކޮންމެ ގޮތެއްގައިވެސް އެމްޑީޕީ މިހާރު ވެރިކަން ކުރަމުން އެގެންދަނީ… އިއްތިހާދެއް ކަމަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އެހެރީ އަހަރުމެންގެ މީހެއް… އޭނަ ކަންކުރާނީ ރަގަޅަށް… އެހެންވެތާ އެ ހުރިހާ އެންމެން ހަޅޭއްލަވާ ގޮތްގޮތަށް ވާހަކަ ދައްކަމުން ދިޔަކަމުގައިވިޔަސް މިއަދު ވެރިކަމުގައި އޭނައަށް އެ ހުރެވުނީ… ބަލަ ތިޔަ ކައުންސިލަރަށްވެސް އިގެންޖެހޭނެ އެއްޗެއް އެބައޮތޭ… މި ސަރުކާރަކީ ރައްޔިތުންނަށް މިހާތަނަށް ނުލިބި އޮތް ކަންކަން ލިބޭނެގޮތް ހަދަން މަސައްކަތް ކުރާ ސަރުކާރެއް… އެހެންވީމާ އޭނައަށްވެސް ޖެހޭނީ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރަން… ޖޫން މަހުގެ ތެރޭގައި އަތޮޅު ކައުންސިލަރުންނާ ރަށު ކައުންސިލަރުންގެ އިންތިޚާބު އޮންނާނެ… އޭނަ އެ މަގާމުގައި ހުންނަން ބޭނުންވެއްޖިއްޔާ މައުމޫނު ބުނާ ގޮތެއް ނޫން ހަދާނީ… ރައްޔިތުން ބުނާ ގޮތް… އެ އިންތިޚާބުގައި އަހަރުމެން ވޯޓު ދޭނީ މިފަހަރު ވިސްނި ގޮތަށް ވިސްނާފައި އަހަރުމެންނަށް ކަމު ދަންޏާ… މައުމޫނު ވަށާ ދުވެގެން މިފަހަރަކު އޭނަ އަށް ވާނެ ކަމެއް ނޯންނާނެ… މައުމޫނަކަށް އަދި އެހެން މީހަކަށްވެސް މި ސަރުކާރެއް ވައްޓައެއް ނުލެވޭނެ… އާދަނާ… ކަލޭވެސް މިހާރު ކުރަންވީ ކަމަކީ ކައުންސިލަރަށް އެ މަގާމު ދިނުމަށްފަހު އަހަރުމެންނަށް ގޯސްކޮށް ކަމެއް ކުރޭތޯ… ބޭއިންސާފުން ކަމެއް ކުރޭތޯ… ރައްޔިތުންގެ ފައިސާގައި ޖެހޭތޯ… މިބާވަތުގެ ކަމެއް ކުރޭތޯ ބަލަންވީ…. އެކަހަލަ ކަމެއް ކުރަންޏާ ކަލޭގޮސް ހަޅޭއްލަވާ އޮފީސް ދޮށަށް އެއްވެ އޭނަ މަގާމުން ދުރުކުރުމަށް ގޮވާ…
————————————————————————————————————

ޝަރީފާ: މިއަދުވެސް އޮފީހުގައި އިދެގެން އޮފީސް ގަޑީގައި އޭނަ ކުރިހާވެސް ކަމަކީ ކެންޕޭން ކުރުން… މި އަންނި ވެރިކަމަށް އަޔަސް އެމީހުން އެތިބީ އެމަގާމުތަކުގައި… އެ މީހުން އެތަންތަނުން ބޭރުކޮށްގެން ނޫނީ މިރަށުގައި ލާހިކު ކުޅަދާނައެއް ނޫން ކަމެއް ރަގަޅުވާކަށް…
މަރިޔަމް: ބުނަން ޝަރީފާ… ތިޔައީ ހަމަ ތެދެއް… އެމީހުންނަށް އެހުންނަނީ ޒާތެއްގެ ސިހުރެއް ޖެހިފައި… އެހެންޏާއެ މިދިޔަ ކެންޕޭނުގައިވެސް ހޭބޯ ނާރާ އެ މުސްކުޅި މީހާ ހޮވަން ރެއާ ދުވާލު ދަރިއެއް އެހެންކަމެއް ނުބަލާ އެ އުޅުނީ… އަހަރުމެންނަށް އެގޭ އޭރުވެސް އެމީހަކަށް ވޯޓެއް ނުލިބޭނެކަން… އެކަމަކު ހަމަ ގަބޫލުކޮށްގެން ތެޅިފޮޅުނީ… 30 އަހަރު ބޭނުންހާ ކަމެއް ކޮށްގެން އުޅުނީމާ އެމީހާ ހިތަށްނާރާ އޭނައަށް ދުވަހަކުވެސް މިދުވަސް ފެނިދާނެއޭ. އޭނާއާ އެއްކޮށް އުޅުނު ބައިގަނޑަކަށް ޚިޔާލަށްވެސް ނުގެނެވުނު މިދުވަސް އަތުވެދާނެއޭ. މިހާރު ދެން އެކަން ހަގީގަތަކަށް ވީމާ ރޭރުވެގެން އެކިޔަނީ މިސަރުކާރު ވައްޓާލާނަމޭ ތިން މަހެއްތޯ ހަ މަހެއް ތެރޭ… ކިހިނެއް އެކަން ވާނީ؟ އެކަމަކު މި އޮފީހުގައި އެ އުޅޭ މީހުނަށް އަދިވެސް ހީވަނީ އެ މުސްކުޅި ސޮރު ބުނާހާ ގޮތެއް ވެދާނެއޭ… ހީވާލެއް ބޮޑުކަމުންތާ އެ އުޅެނީ… އަހަރުމެންގެ ރައީސް އެ އުޅުއްވަނީ ރައްޔިތުންނަށް ކަންކަން ފަހިކޮށްދެވޭތޯ… އެކަމަށް ހުރަސް އަޅާ ބަޔަކު ތިބިއްޔާ ބޭރުކުރާނެ… ނިކަން ބަލަން ހުރެބަލަ… ފުރުސަތު ދީގެން އޭނަ އެހުންނަނީ ވަޒީފާ ތަކުގައި ތިބި މީހުންނަށް ހެޔޮވިސްނޭތޯ… އެހެންނަ… އެމީހުންނަށް މުސާރަ ދީފައި ތިބެނީ ރައްޔިތުން ބޭނުންވާ ކަންކަން ކުރާށޭ… ވެއްޓުނު ވެރިކަން ކޮޅަށް ޖަހާކަށް ނޫނޭ

އަދްނާން: މިހާރު މާފުށި ޖަލުގަ ހާދަ ކަމެކޭ ދޯ އެއޮށް ހިގަނީ؟

ޖަވާދު: ޖަލުގައި ކަންކަން ހިގާނެއްނު. އަމުދުން އަންނި ރާއްޖޭން ބޭރަށް ފުރާވަޑައިގަންނަވާ ކޮންމެ ފަހަރަކު. މި ކުރަން އުޅޭ ކަންތައް އަހަންނަށް އެބަ އެގެޔޭ. މައުމޫނު ދައުރުގައި އީވާން ނަސީމު މަރާލާފައި ވީތީ މިހާރު މައުމޫނުގެ މީހުން މަސައްކަތް ކުރަމުން އެދަނީ ޖަލުގައި ހަމަނުޖެހުން އުފައްދައި ކޮންމެވެސް ބައެއްގެ ފުރާނަ ދުއްވާލެވޭނެ ގޮތެއް ހަދަން. އެ މީހުންގެ މަސައްކަތަކީ ޖަލުގައި ތިބި ކުދިންނަށް ގުޅައިގެން، އެހެން ހަދާށޭ މިހެން ހަދާށޭ ކިޔައި އެއް ބަޔަކު އަނެއް ބަޔަކާ ޖައްސައި ތަޅާ އަނިޔާކޮށް މަރާ ހެދުން. އަދްނާން ބެއަށް ނޭގުނަސް މައުމޫނުގެ ދައުރުގައި ޖަލަކީ މަސްތުވާ ތަކެތީގެ އެއް ބާޒާރު. މި ދައުރަށް ބަދަލުވިފަހުންވެސް އެއުޅެނީ އެކަން ހުއްޓާ ނުލެވިގެން. އެހެންނު ވާނީ. 30 އަހަރުގެ ވިޔަފާރި މޫގަނޑު އެ އޮތީ އެތާ އަޑިއަށް ކޮޅު ނުފެންނަ ވަރަށް ވަދެ ހުސްވެފަ ވިއްޔަ. ދުވަސް ނަގާނެ އެކަން ކުރާ ބަޔަކު ހޯދާ ބޭރުކުރަން. އަނެއްކޮޅުން މިހާރު ސިވިލް ސާވިސްގެ ގާނޫނެއް ހެދީމާ އެކަން ކުރުމުގެ ބާރު ރައީސަކަށްވެސް ނެތްވިއްޔަ. ސިވިލް ސާވިސްގެ މީހަކު ނުރަގަޅު ކަމެއް ކުރަންޏާ އެމީހަކު އެ މަގާމަކުން ދުރުކުރަން މިޖެހެނީ އެ މިނިސްޓްރީއެއްގައި ހުންނަ ޕާމަނެންޓް ސެކްރެޓަރީ. ނުވަތަ ސިވިލް ސާވިސް ކޮމިޝަނުގައި އެތިބޭ އިސްވެރިން.
———————————————————————————–

އަބްދުއްރަޝީދު: މިއުޅެނީ އަންނި އާ ބައްދަލު ކުރެވޭނެ ގޮތެއް ނެތިގެން. ޖެހެނީ އެޕޮއިންޓްމެންޓެއް ހޯދާށޯ. އެމްޑީޕީ އޮފީހަށް ދިޔައީމާ ބުނީ އެ އޮފީހަކުން އެކަމެއް ނުކޮށްދެވޭނެއޭ. އެޕޮއިންޓްމަންޓް ހަދަން ދާން ޖެހޭނީ ރައީސް އޮފީހަށޭ. އަހަރެން މީ މައުމޫނުގެ ވެރިކަން ވައްޓާލަން ހާދަވަރަކަށް މަސައްކަތް ކުރި މީހެކޭ!

ހައްވާ މަނިކެ: ކަލޭ ރައީސް އާ ބައްދަލުކުރަން ތިއުޅެނީ ކޮންކަމަކުތަ؟

އަބްދުއްރަޝީދު: އެއީ ރަށުގެ ހާލަތު ކިޔައިދޭންވެގެން. އަންހެނުން އޮފަރޭޝަނެއްވެސް އެބަކުރަންޖެހޭ. އެވާހަކަވެސް އެބަ ދައްކާލަންޖެހޭ.

ހައްވާ މަނިކެ: އަހަންނަށް ހީވަނީ ކަލޭވެސް މިހާރު ދެން ތިއަށްވުރެ ބޮޑަށް ކަންކަމާ ވިސްނާލަން ވެއްޖެހެން. ބަލަ މުހަންމަދު ނަޝީދު ވެރިކަމުގައި އެހުންނެވީ ރާއްޖޭގެ ރަށްރަށަށް އެތައް ފަހަރު ދަތުރުކުރައްވާ މީހުން އުޅޭ ހާލު ބެލުމަށްފަހުގަ. އޭނާ ދެއްކެވި ވާހަކަ ކަލޭ އަޑެއްވެސް ނާހަންތަ؟ މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭ ހާލު އޭނައަށް ވުރެ ބޮޑަށް އެގޭނެ މީހަކު ހުންނާނެހެނެއް މަށަކަށް ހިއެއް ނުވޭ. އެވަރަށް އޭނަ ރަށްރަށަށް ދަތުރުކޮށް މީހުންނާ ބައްދަލުކޮށްފި. މިހާރު އެއުޅުއްވަނީ ވޭތުވެ ދިޔަ 30 އަހަރު ސަރުކާރުން އަހަރުމެންނަށް ކޮށްނުދީ ހުރި ކަންކަން ކޮށްދެވޭތޯ. އަހަރުމެންނަށް ދަތިވާ ކަންކަން ރަގަޅުކުރެވޭތޯ އޭނަ އެ މަސައްކަތް ކުރަނީ. ކަލޭގެ އަންހެނުން އޮޕަރޭޝަން ކުރަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރާކަށް ނުޖެހޭނެ. އެކަން ކުރަން އެހީއެއް ހޯދަންޏާ ދާން ޖެހޭނީ ހެލްތު މިނިސްޓްރީއަށް. ކޮންމެ މީހަކު ކަމެއްޖެހޭ އިރަށް ރައީސުލްޖުމްހޫރިއްޔާއަކަށް އިންނަވާ މީހަކާ ބައްދަލުކުރަން ވެއްޖިއްޔާ އަހަރުމެން ގޮސް ރައީސަށް ދަންނަވާ ކަންކަން ވޭތޯ އުޅޭނެ ވަގުތެއް އޭނައަށް ވާނެތަ؟ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދޭން ސަރުކާރުގެ އޮފީސްތައް ހަދާފައި ހުންނާނެ. ފުރަތަމަ ދޭބަލަ އެތަންތަނަށް.
———————————————————————————–

ސަމީރާ: ހުޅުމާލެއިން މަށަށް ލިބުނު ގޯތީގެ ޑައުންޕޭމަންޓް ދެއްކޭނެ ގޮތެއް ނެތިގެން ރައީސަށް ސިޓީއެއް ލައިގެން އުޅޭތާ މިހާރު މިވަނީ މަސްދުވަސް. އަދިވެސް ޖަވާބެއް ނުލިބޭ.

އިބުރާހީމް: ކަލޭ ކިތަންމެ ސިޓީއެއް ލިޔުނަސް ޖަވާބެއް ނުދެއްވާނެ.

ސަމީރާ: އެއީ ކީއްވެ. އަހަރެން ހާދަ މަސައްކަތެއް ކުރީމޭ އަންނި ރައީސްކަމަށް ހޮވަން.

އިބުރާހީމް: ސަމީރާމެން ތިގޮތަށް ކަންކަމާ މެދު ދެކޭ ގޮތް ނިކަން ބަދަލުކޮށްލަ ބަލަ. ޑައުންޕޭމަންޓްގެ ވާހަކަ ޓީވީއާ ރޭޑިޔޯއިން ކިހާވަރަކަށް ދައްކައިފިތަ. ބަލަ ސަރުކާރުންވެސް އެބުނަނީ އެ އަދަދަކީ ބޮޑު އަދަދެކޭ. އެކަމަށް ލުއިގޮތެއް އޮތްތޯ ބައްލަވައި ދެއްވާނަމޭ. ކަލެއަށް އަންނި ސޮއިކޮށްފައި އޮތް ސިޓީއެއް ނުލިބެންޏާ ޖަވާބު ނުލިބޭކަމަށް ދޯ ތިޔަ ނިންމީ؟ އަހަންނަކަށް ނޭގެ ތިޔަ ގޮތަށް ސިޓީ ފޮނުވާ މީހުންނަށް ޖަވާބު ދޭނެ އެހެން ގޮތެއް. ސިޓީ ކިޔާފަ ކޮންމެ މީހަކަށް ވަކިވަކިން ލިޔުމުން ޖަވާބު ދޭން ވެއްޖިއްޔާ އަބަދު ސިޓީގައި ސޮއިކުރާހާ ވާނީ.
———————————————————————————–

ވަހީދު: ކަލޭމެން ސަރުކާރު އައީމާ ކޮންކަމެއް ކުރެވެނީ؟ ކަލޭމެންގެ އަގެއް ނެތެއްނު. ކުރީގަ ނަމަ އަހަރުމެން 24 ގަޑިއިރު ތެރޭގައި އޭނަ ޖަލުން ނެރެދޭނަން.

ހަސަން: ބަލަ ވަހީދޫ! އަހަރުމެން ސަރުކާރު ހިންގަން މިއުޅެނީ މައުމޫނު ސަރުކާރު ހިންގި ގޮތަކަށް ނޫނޭ. އަހަރުމެންގެ ތެރެއިންވެސް މީހަކު ކުށެއް ކޮށްފިއްޔާ އެމީހަކު ހައްޔަރު ކުރެވެން ޖެހޭނެ ކަމަށް އަހަރުމެން ގަބޫލު ކުރަމޭ. އަދި ގާނޫނުގައި އޮންނަ ގޮތަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށްވެސް އަހަރުމެން ގަބޫލު ކުރަމޭ. އަހަރެން މިއުޅެނީ އޭނަ ހައްޔަރު ކުރީ ކުށެއް ކޮށްގެންތޯ ބަލައިލަންވެގެން. އޭނަ ކުށެއް ކުރިކަމަށްވަންޏާ އޭނާއާމެދު ފިޔަވަޅު އެޅެން ޖެހޭނެ. އަހަރުމެންނަށް އެގެޔޭ އަދިވެސް މައުމޫނު އުދުޅި ބާނައިގެން ސަރުކާރުގެ އޮފީސްތައް ހަލުވަން މަސައްކަތް ކުރާކަން. އޭނަ ހިތުން ސަރުކާރުގެ އޮފީސް ތަކަކީ އޭނަގެ ތަރިކަ މުދާ. އޮފީސްތަކުގައި އެބަ ތިއްބޭ އޭނަ އެދައްކަމުން ދާ ހުވަފެނުގައި ޖެހިފައި ތިބި ބަޔަކު. އަހަރުމެންނަށް އޮޅިފައެއް ނެތޭ އެއީ ކޮންބައެއްކަން. އެމީހުންގެ މަސައްކަތަކީ ސަރުކާރު ދެކެ މީހުން ރުޅިއަންނާނެ ހުރިހާ ކަމެއްކޮށް ވާހަކަ ފެތުރުން. ވަހީދު، ކަލޭ ކޮންމެހެން ޒުވާނުންގެ ބޮލަށް ހުތް އަޅައިގެން އަގެއް ނެތް ބަޔެކޭ ކިޔާނެ ކަމެއް ނެތް. އަގު ހުންނަ މީހުންނަކީ ކަލޭކަހަލަ ގޮތެއް ފޮތެއް ނެތް ގާނޫނާ ގަވާއިދާ ޚިލާފަށް އޮފީސް އޮފީހުގައި ތިބޭ އިސްމީހުންނާ ގުޅައިގެން މަސައްކަތް ކުރާ ބައެއް ނޫން. ކަލޭ ކަހަލަ މީހުންނޭ މިރަށުގެ ޒުވާނުން ހަލާކުކޮށްފައި ތިޔަ ތިބީ.
———————————————————————————–