މިހަފުތާގެ ތެރޭގައި … އއ އުކުޅަހުން

މި ހަފުތާތެރޭގައި އއ. އުކުޅަހަށް އަޅުގަނޑަށް ދެވުނެވެ. އެރަށް ވަނީ ވަރަށް ރީތިކޮށް ރީނދޫ ކުލައިން ޒީނަތްތެރި ކުރެވިފައެވެ. މަންޒަރު ވަރަށް ރީއްޗެވެ. އުފާވެރިއެވެ. ރަށުގެ އެމްޑީޕީ މެމްބަރުން އެމީހުންގެ އަމިއްލަ ޚަރަދާއި މައްސައްކަތުން ކޮށްފައިވާ ހިތްވަރެކެވެ. ވިސްނުން އެހާމެ ތަނަވަސްވެފައި ޑިމޮކްރަސީއަށާއި ގައުމަށް ހުރި ލޯބި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ހުއްޓެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރަކަށް ސިޔާސީ ޕާޓީއަކުން އަންހެން ބޭފުޅަކު ހުށަހެޅިއެވެ. މާކްސް އެންމެ ގިނައިން ލިބިވަޑައިގަތީ އެބޭފުޅާއަށެވެ. ނަމަވެސް އަންހެނުންގެ ހައްގުގައިކަމަށް ބުނެ ރަތް ލިބާސް ހިމާޔަތް ކުރި ޑީއާރްޕީގެ ތާއީދު ނުލިބުމުގެ ސަބަބުން އޭނާއަށް އިލެކްޝަން ކޮމިޝަންގެ މެމްބަރަކަށް ނުވެވުނެވެ.
މި ހަފްތާގެ ތެރޭގައި ވަރަށް ގިނަ ޕާޓީ މެމްބަރުންނަށް ޕާޓީ ޓިކެޓް ދިނުމަށް ޕާޓީގެ ގައުމީ މަޖިލީހުން ނިންމެވިއެވެ. ޕާޓީ ޓިކެޓްގެ ފޯރީގައި ބައެއް ދާއިރާތަކުގެ ބޭފުޅުން ދޮންވިއެވެ. ނަމަވެސް އެއިން ދޭހަވާނީ އެމްޑީޕީގެ ޕާޓީ ޓިކެޓަކީ ވަރަށް އަގުހުރި އެއްޗެއްކަމެވެ. އެންމެ ފަހުން ބޭއްވުނު ގައުމީ މަޖިލީހުގެ ޖަލްސާގައި އެތާނގައި ޕާޓީގެ މަދު މެމްބަރުން ކޮޅެއް ހަރަކާތްތެރިވީ އެންމެ އެދެވޭ ގޮތަކަށް ނޫނެވެ. އަދި މަސްލަހަތު ގެއްލުމުގެ ސަބަބުން ގައުމީ މަޖިލީހުގެ ބައެއް ބޭފުޅުން އޭގެ ފަހުން ނެގުނު ވޯޓްގައި ބައިވެރިވެ ވަޑައިނުގަތީ ކަމުގައި ވިދާޅުވިއެވެ. މިއީ ޕާޓީގެ ޗެއާރޕަރސަންގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެކެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އަދި މަޖުބޫރު ކުރުވަނިވި ގޮތެއް ނޫން ގޮތަކަށް ވޯޓްދިނުމުގެ ފުރުސަތު ކޮންމެ ފަރުދަކަށް ލިބިގެންވުމަކީ މިޕާޓީން އަބަދުވެސް ވަކާލާތުކުރާ ކަމެކެވެ. ޑިމޮކްރެޓިކް ނިޒާމެއްގެ އަސާސެވެ. މާތް ﷲ އެމްޑީޕީ މެމްބަރުންނަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން