އެމްޑީޕީއަށް އައީ ރައްޔިތުންގެ ހިތްތަކުގައިވާ އުއްމީދުގެ ކުޑަދޮރު ލެއްޕުނަ ނުދިނުމަށް – މަޖިލީހުގެ ރައީސް ޝާހިދު

aa baareh bodu jalsa 190413 (37)

ރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތްތައް ހޯދައި ދިނުމަށް އެމްޑީޕީގެ ހިތްވަރުގަދަ މެންބަރުންނާއެކު ހުންނެވިކަމަށާއި ރައްޔިތުންގެ ހިއްތަކުގައިވާ އުއްމީދުގެ ކުޑަދޮރު ލެއްޕުނަ ނުދެއްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ވ. ކެޔޮދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ކާނިވަލު ސަރަޙައްދުގައި “އާ ބާރެއް” މިނަމުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ ހިތްތަކުގައިވާ އުއްމީދުގެ އަލިކޮޅު ނިއްވާލުމަށް ބާރުގަދަ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އުއްމީދުގެ ހުޅުކޮޅު ނިއްވާލުމަށް ބާރުގަދަ ބަޔަކު ދިއްކުރަމުން ގެންދިޔަ އަތަށް ހުރަސްއަޅައި އުއްމީދުގެ ވާފަށް ކެނޑުނަ ނުދީ ހިފަހަށްޓަމުން ގެންދަވަނީ އެމްޑީޕީގެ ހިތްވަރު ގަދަ މެންބަރުން ކަމަށެވެ.

ރާއްޖޭގައިވެސް މިހާރު ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަކީ މިއަދު ރައްޔިތުނަށް ބޭނުން ކުރާ އެންމެ ވަރުގަދަ ހަތިޔާރު ކަމަށާއި ނަފްސާނީގޮތުން ބަލިކަށި ކޮށްލުމާއި އެކަކު އަނެކަކަށް ކުރާ އިތުބާރު ނަގާލުން ކަމާއި އަދި ޝައްކާއި ވަހުމާއި ފަސާދައިގެ މާޙައުލެއް އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގައި ވާ މާތްވެގެންވާ އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށް ވާހަކަތައް ދެއްކުމަކީ މިފަދަ ބިރުވެރިކަން ރައްޔިތުންގެ ހިތްތަކުގައި އުފެއްދުމަށް ދައްކަމުންދާ ވާހަކަ ތަކެއް ކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިފަދަ މަސައްކަތްތަކުގެ ބޭނުމަކީ ރާއްޖޭގައި އަލިވިލެފައިވާ ޑިމޮކުރަސީއަށް އޮތް އިތުބާރު ނަގާލައި ޑިމޮކުރަސީއަކީ ބޭކާރު އެއްޗެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކައި، މިކަންކަމުގެ ތެރޭގައި އަންނަ ހަލަބޮލި ކަމުގެ ތެރެއިން ރައްޔިތުންގެ ވެރިކަމުގެ ނިޒާމު އަތުލައި ރައްޔިތުންގެ ފައިދާއާއި ލާބަޔަށްޓަކައި ހިންގާ ވެރިކަމެއް ޤާއިމްވިޔަ ނުދިނުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ބަޔަކު ކިތަންމެ މަސައްކަތެއް ކުރިކަމުގައިވިއަސް މިއަދު ދިވެހިރައްޔިތުން ޑިމޮކުރަސީއާއި ދުރަށް ނުދާނެކަމަށާއި ވެރިކަމުގެ ބާރުތައް ރައްޔިތުންގެ އަތުން ދޫކޮށް ނުލާނެ ކަމަށެވެ. އަދި އެބާރުތައް ރާއްޖޭގައި ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ މިނިވަންކަމާއި އިސްތިޤްލާލަކީވެސް ރައްޔިތުންނާއި ނުލައި ވުޖޫދުވާނެ އެއްޗެއް ނޫން ކަމަށާއި ދީނާ ޤައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް ބިރުދައްކައިގެން ކަންކަން ޙާޞިލް ކުރުމަށް ކުރަމުންދާ މަސައްކަތައް އެމްޑީޕީން ފުރުޞަތު ނުދޭނެކަމަށެވެ. އަދި ދުނިޔެއާއި ގުޅުން ކަނޑާލައި ރައްޔިތުންގެ ވަށައިގެން ފަންފުޅަފެއް ޖެހުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ފުރުޞަތު ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ކާނިވަލު ސަރަޙައްދުގައި އެތައް ހާސް ބަޔަކު އެއްވި ޙާއްޞަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ޢަބްދުﷲ ޝާހިދު ވިދާޅުވީ ކުރިއަށް މިއޮތް ރިޔާސީ އިންތިޙާބްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި އެކަން ޔަޤީންވަނީ މިއަދު އެމްޑީޕީ ކެޕްޓަނެއްގެ ގޮތުގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދުގެ ހިތްވަރާއި އަޒުމުގެ ސަބަބުން ކަމަށާއި އަދި އެމްޑީޕީއަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުޙީބުގެ ސަބަބުން ކަމަށެވެ.