އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ހަރަކާތްތައް 8 އަތޮޅުގެ އިތުރުން އައްޑޫ ސިޓީގައި މި ހަފްތާ ބަންދުގައި ކުރިޔަށް ގެންދިޔަ

dheythin fahethi fuvammulah 2 130413 (20)

ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ހަރަކާތްތައް 8 އަތޮޅު އަދި އައްޑޫ ސިޓީގައި މި ހަފްތާ ބަންދުގައި ކުރިޔަށް ގެންދިޔައެވެ. މިގޮތުން މި ނިމިދަޔަ ހަފްތާގައި އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދިޔަ އަތޮޅުތަކަކީ ހއ، ހދ، ރ، ބ، ޅ، އދ، ގއ، ޏ އަދި އައްޑޫ ސިޓީއެވެ.

މިގޮތުން ހއ އަދި ހދގެ ބައެއް ރަށްރަށަށް ކުރި ދަތުރުގައި އެމްޑީޕީގެ ކެމްޕެއިން ޓީމުން ޒިޔާރަތްކުރީ ކުޅުދުއްފުށި، ދިއްދޫ، މޮޅަދޫ، އުލިގަމު، ތުރާކުނު، މުރައިދޫ އަދި ތަކަންދޫއަށެވެ. މިއިން ކޮންމެ ރަށެއްގައި ވެސް އެމްޑީޕީގެ 2013ގެ ރިޔާސީ ކެމްޕެއިންގެ ކެމްޕެއިން އޭޖެންޓުންނާ ބައްދަލުކޮށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާ މައުލޫމާތު ސާފުކޮށް، ކެމްޕެއިން އޭޖެންޓުންނާއިކު މަޝްވަރާ ބައްދަލުކުރުންތައް ބާއްވާ، “ވަޢުދާ ހިނގުން” ކުރިޔަށް ގެންދިޔައެވެ. އަދި މި ރަށްތަކުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙުން މެމްބަރޝިޕް އިތުރުކުރުމުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިޔަށް ގެންދިޔަކަމަށް ޓީމުގަ ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ރައީސާ ޝިޔާމާ އަޙްމަދް ވިދާޅުވިއެވެ. އެބޭފުޅާ އިތުރަށް ވިދާޅުވީ އެ ރަށްތަކުން އެމްޑީޕީގެ އަންހެނުންގެ ކޮމިޓީތަކަށް މެމްބަރުން ހަމަޖެއްސުމާ، އަދި އެ ކޮމިޓީތަކުގެ ހިންގާ ޤަވައިދުގެ މައުލޫމާތު ސާފުކޮށްދިނުމާ، ރަށު ފެންވަރުގެ އަދި އަތޮޅު ފެންވަރުގަ އިޖްތިމާއީ ހަރަކާތްތައް ކުރިޔަށް ގެންދެވުނުކަމަށް އެބޭފުޅާ ވިދާޅުވިއެވެ. ހއ، ހދ އަތޮޅަށް ކަޑއަޅާފައި ހުންނަވާ ކޯޑީނޭޓަރަކީ ރައީސް ނަޝީދު ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙަންމަދުއެވެ.
ރ. އަތޮޅުން ދުވާފަރުގައި، ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި ފުރަތަމަ ބުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދަށް ކާމިޔާބު ހޯދައިދިނުމަށްޓަކައި އެމްޑީޕީއިން ފަށައިގެން ކުރިޔަށްގެންދާ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަށުން ރ.ދުވާފަރުގަ “ރައީސް ނަޝީދު 2013” ކެމްޕެއިން ނެޓްވޯކް އިފްތިތާޙް ކުރެވި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ތައްޔާރުވުމުގެ މަސައްކަތް ރަސްމީކޮށް ވަނީ ފަށާފައެވެ. އަދި “ދޭތިން ފަހެތި” ކެމްޕެއިން މަސައްކަތަށް 6 މެމްބަރުންގެ ކޮމިޓީއެއް ނެގި މި 6 މެމްބަރުންގެ ކޮމިޓިގެ ބެލުމުގެ ދަށުން ދުވާފަރު “ރައީސް ނަޝީދު 2013” ކެމްޕެއިންގެ 250 މެމްބަރުން އަމަލީގޮތުން ބައިވެރިވާނެއެވެ. ރ. ދުވާފަރު ކޯޑިނޭޓަރަކަށް އުޅުއްވީ ހެންވޭރު ދާއިރާގެ މަޖްލިސް މެމްބަރ ހާމިދު އަބަދުލް ޣަފޫރްއެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި ޅ އަދި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރި ދަތުރު ފެށުނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

މިގޮތުން ރައީސް މުޙަންމަދު ނަޝީދު އަދި ޓީމުން އެންމެ ފުރަތަމަ ވަޑައިގަތީ ފާދިއްޕޮޅު ހިންނަވަރަށެވެ. އޭގެ އިތުރުން، އެއަތޮޅު ނައިފަރަށާއި އޮޅުވެލިފުއްޓަށާއި ކުރެންދޫ އަދި މާފިލާފުއްޓަށް ވަޑައިގެންނެވިއެވެ.

މާޅޮސްމަޑުލު ދެކުނުބުރިން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ ކުޑަރިކިއްޔަށެވެ. އޭގެ އިތުރުން އެ އަތޮޅު ކަމަދޫ، ކިހާދޫ، ދޮންފަނު އަދި ދަރަވަންދޫއަށް ވަޑައިގެންނެވިއެވެ.

އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަށުން ރައީސް ނަޝީދު މި ދެއަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެރަށްރަށުގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދެވުމުގެ އިތުރުން ރަށުގެ އާންމު ހާލަތު އެމަނިކުފާނު ބައްލަވާލެއްވިއެވެ.

މިދަތުރުފުޅުގައި ރައީސް ނަޝީދުގެ އަރިހުގައި އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއި އަދި ރައްޔިތުންގެ މަޖްލީހުގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ޓީމުގެ ކޯޑިނޭޓަރަކަށް އުޅުއްވީ ރައިސް ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމެވެ.

.މާމިނގިލި ދާއިރާގެ، ފެންފުށި، ދިގުރަށް، ދަނގެތި، އަދި މާމިނގިއްޔަށް ކުރި ދަތުރުގައި އެ ދައިރާގަ “ދޭތިން ފަހެތި” ކެމްޕެއިން އިތުރު ފޯރީގައި ކުރިޔަށް ގެންދިއުމަށްޓަކައި ދާއިރާގެ ރަށްތަކުގެ އެމް.ޑީ.ޕީގެ ރިޔާސީ ކެންޕެއިންގެ އޭޖެންޓުންނާއި ބައްދަލުކޮށް، ކުރެވިފައިވާ އަދި ކުރަން ރާވައިފައިހުރި މަސައްކަތްތަކާއިބެހޭ މައުލޫމާތު ސާފުކޮށް، އެބޭފުޅުންނާއިއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވިކަމަށް އިބޫ ވިދާޅުވިއެވެ. އަދި މިއާއެކު އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރުމަށް ވަޢުދާ ހިނގުމުގެ ހަރަކާތް ވަރަށް ފޯރީގައި ކުރިޔަށް ގެންދިޔަކަމަށް އިބޫ ވިދާޅުވިއެވެ.
މާމިގިލި ދާއިރާއަށް ކުރި ދަތުރުގެ ކޯޑިނޭޓަރަކަށް އުޅުއްވީ މުޙައްމަދު ޝަފީގު )ޝަފީގުގެ ޝަފީގު(އެވެ.
ގއ. އަތޮޅުގެ “ދޭތިން ފަހެތި” ކެންޕެއިން އެއަތޮޅު ނިލަންދޫއިން ނިންމާލާއިރު އެ އަތޮޅުގެ 9 ރަށުގައިވެސް ކެންޕެއިންގެ ހަރަކާތްތައް ވާނީ ފެށިފައެވެ. އަދި މި ހަރަކާތްތައް ކޮންމެ ހަފްތާއަކުވެސް ކުރިޔަށްދާނެކަމަށް ކޯޑިނޭޓަރ ޑރ. އައިމިނަތު ޖަމީލު ވިދާޅުވިއެވެ. ގއ. އަތޮޅުގެ ރަށްތަކުން ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށާއި އެ އަތޮޅުގައި ދިރިއުޅެނީ ފިސާރި ކަނބަލުން ތަކެއްކަމަށް އެކަމަނާ ވިދާޅުވިއެވެ. ގއ އަތޮޅުގެ ބައެއް ރަށްތަކަށް ކުރި މި ދަތުރުގައި ކޮންމެ ރަށަކުންވެސް އެ ރަށެއްގެ އެމް.ޑީ.ޕީގެ ރިޔާސީ ކެންޕެއިންގެ އޭޖެންޓުންނާއި ބައްދަލުކޮށް، ކުރެވިފައިވާ އަދި ކުރަން ރާވައިފައިހުރި މަސައްކަތްތަކާއިބެހޭ މައުލޫމާތު ސާފުކޮށް، އެބޭފުޅުންނާއިއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވިއެވެ. އަދި މީގެ އިތުރުން، އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އިހްސާސްތަކާއި، ބޭނުންތައް ދެނެގަތުމަށްޓަކައި ދޮރުން ދޮރަށް ހިނގުން ކުރިޔަށް ގެންދިޔަކަމަށް ޑރ. އާމިނަތު ޖަމީލް ވިދާޅުވިއެވެ.

ނިމި ދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ޏ. ފުއައްމުލަކުގައި އާއްމުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވީ ހުރިހާ ބޭފުޅުންވެސް އެބޭފުޅެއްގެ އަމިއްލަ ކަންތައްތައް މިވަގުތަށް އެއްކިބާކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމް.ޑީ.ޕީން ކާމިޔާބުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި މަސްއޫލުވެވަޑައިގަތުމަށް މޫސާ އިލްތިމާސްކުރައްވާފައިވެއެވެ. އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޓީމް ޏ. ފުވައްމުލަކަށް ކުރި ދަތުރު ނިންމުމަށްފަހު ޓީމު ދެން ދަތުރުކުރީ އައްޑޫ ސިޓީއަށް ކަމަށް ކޯޑިނޭޓަރ ވިދާޅުވިއެވެ. މިގޮތުން ރޭގަ އައްޑޫ ސިޓީގައި ވަނީ ވަރަށް ސަޕޯޓު ބޮޑު އާއްމު ޖަލްސާއެއް ބާއްވާފައެވެ. މި ކެމްޕެއިން ޓީމޫގެ ކޯޑިނޭޓަރަކީ ރައީސް ނަޝީދު ސަރުކާރުގެ ޑިފެންސް އެޑްވައިޒަރ އަމީން ފައިސަލްއެވެ.
އައްޑޫ ސިޓީގެ 6 ދާއިރާގަ އެއްފަހަރާ އެއްވަގުތެއްގައި ވަޢުދާ ހިނގަން ދެވަނަ ގިޔަރުގައި ފެށީ މިދިޔަ ހަފްތާ ބަންދުގައެވެ .އަދި މީގެ ކުރިން އައްޑޫ ސިޓީގެ ހުރިހާ ދައިރާއެއްގައި ވަޢުދާ ހިނގުމުގެ މަސައްކަތް ފަށާ ނިމިފައިވާކަމަށް ކޯޑިނޭޓާރ ޑރ. މުސްތަފާ ލުތްފީ ވިދާޅުވިއެވެ.. އަދި މިއީ މިގޮތުން އައްޑޫ ސިޓިގެ ދަވަނަ ބުރަގެ ހިނގުންކަމަށްވެސް ކޯޑިނޭޓާރ ވިދާޅުވިއެވެ.

އައްޑޫ ސިޓިގަ ދެވަނަ ގިޔަރުގައި ވަޢުދާ ހިނގުން ކުރިޔަށް ދިޔައިރު މި ކަމުގެ އިސްކޮށް އުޅުއްވީ އައްޑު ސިޓީގަ މިހާރު ހަރަކާތްތެރިވާ އެމްޑީޕީގެ ދޭތިން ފަހެތި ކެމްޕެއިން ޓީމުގެ މެމްބަރުންނާއި، ދާއިރާގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި ދޮރުން ދޮރަށް ހިނގުމުގެ ކެމްޕެއިން އޭޖެންޓުންނާއެކުއެވެ.

އެމްޑީޕީއިން ދާއިރާތަކަށް ކަޑައަޅައިފައިވާ ކޯޑިނޭޓަރުން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެމްޕެއިން “ދޭތިން ފަހެތި”ގެ މަސައްކަތަކީ ރިޔާސީ އިންތިޚާބު ނިމެންދެން ކޮންމެ ދުވަހަކުވެސް ހުއްޓުމެއްނެތި ކުރިޔަށްގެންދާނެ ހަރަކާތްތަކެއްކަމުގައެވެ.