އަމިއްލަ ކަންތައްތައް އެއްކިބާކޮށް، ރިޔާސީ އިންތިޚާބު އެމް.ޑީ.ޕީން ކާމިޔާބު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި މަސްއޫލުވުމަށް ޗެއާޕާސަން އިލްތިމާސްކުރައްވައިފި

ލިޔުނީ: ނަޒްމީ

moosa fuvammulah

ހުރިހާ ބޭފުޅުންވެސް އެބޭފުޅެއްގެ އަމިއްލަ ކަންތައްތައް މިވަގުތަށް އެއްކިބާކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމް.ޑީ.ޕީން ކާމިޔާބުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި މަސްއޫލުވެވަޑައިގަތުމަށް ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ޗެއާޕާސަން މޫސާ މަނިކު އިލްތިމާސްކުރައްވައިފި.

ޗެއާޕާސަން މިހެން ވިދާޅުވީ އެމް.ޑީ.ޕީން މިހާރު ޏ. ފުވައްމުލަކުގައި ކުރިޔަށް ގެންދާ “ދޭތިން ފަހެތި” ކެންޕެއިންގައި ފުވައްމުލަކުގެ އެމް.ޑީ.ޕީގެ ކައުންސިލަރުންނާއި ބައްދަލުކުރައްވާފައެވެ. އިއްޔެ ފުވައްމުލަކަށް ވަޑައިގެން އުޅުއްވާ އެމް.ޑީ.ޕީގެ ވަފްދުގައި ހިމެނޭ ބައެއް އިސްބޭފުޅުންނާއި އެކު މިއަދު ހެނދުނު 9 ޖެހިއިރު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ޗެއާޕާސަންގެ އިތުރުން ބައިވެރިވެވަޑައިގެންނެވީ އެމް.ޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދާއި، ނިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއާއި، ރައީސް ނަޝީދުގެ ސަރުކާރުގެ ޑިފެންސް އެޑްވައިޒަރު އަދި “ދޭތިން ފަހެތި” ކެންޕެއިންގެ ކޯޑިނޭޓަރު އަމީން ފައިސަލްއާއި، އެމް.ޑީ.ޕީގެ އިލެކްޝަން ކޮމެޓީގެ މުޤައްރިރު އިބްރާހިމް ވަޙީދުގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަޙްމަދު އަކްރަމްއެވެ.

ފުވައްމުލަކުގެ ކައުންސިލަރުންނާއި ބައްދަލު ކުރައްވާ ޗެއާޕާސަން ދެއްކެވި ވާހަކަފުޅުގައި މައިގަނޑުގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ މިވަގުތު ފުވައްމުލަކަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި، އެ މައްސަލަތައް ހައްލުކުރުމުގައި ދިމާވަމުންދާ ދަތިތަކާއި ގުޅޭގޮތުންނެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ކައުންސިލަރުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ދިގުވާނޑު ކައުންސިލްގެ ނާއިބު ރައީސް ޙަސަން މުތީޢު، ޙޯދަޑު ކައުންސިލްގެ ރައީސް މުޙައްމަދު އިބުރާހިމް، ހޯދަޑު ކައުންސިލްގެ ނާއިބު ރައީސް އިބުރާހިމް ސާލިހު ހުސައިން، ހޯދަޑު ކައުންސިލް މެންބަރ މުޙައްމަދު މުސްތަފާ، މާދަޑު ކައުންސިލްގެ ރައީސް އަޙްމަދު މުޖުތަބާ ޢަބުދުﷲ، މާދަޑު ކައުންސިލްގެ ނާއިބު ރައީސް މުޙައްމަދު ޔާމީން، މާދަޑު ކައުންސިލް މެންބަރ އަޙްމަދު ވާފިރު ޙަސަން، މާލަގަން ކައުންސިލް މެންބަރ ޢަލީ ސަޢީދު، ފުނާޑު ކައުންސިލްގެ ނާއިބު ރައީސް އިބުރާހިމް އަބުދުﷲ، މިސްކިތްމަގު ކައުންސިލް މެންބަރ މުޙައްމްދު ޟިރާރުއެވެ.

މީގެ އިތުރުން، ޗެއާޕާސަންގެ ޓީމުން ވަނީ ފުވައްމުލަކުގައި ހުރި އެމް.ޑީ.ޕީގެ ޖަގަހަތަކަށް ޒިޔާރަތްކޮށް ފުވައްމުލަކުގައި ދިރިއުޅުއްވާ އެމް.ޑީ.ޕީގެ މެންބަރުންނާއި ޕާޓީއަށް ތާއީދު ކުރައްވާ ބޭފުޅުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. ފުވައްމުލަކު އަންހެނުންގެ ކޮމެޓީތަކާއި ބައްދަލު ކުރެއްވުމަށްފަހު މި ޓީމް މިއަދު ހަވީރުގެ ވަގުތެއްގައި އައްޑޫ ސިޓީ އަށް ވަޑައިގަންނަވާނެއެވެ. އަދި އެމް.ޑީ.ޕީގެ ވަރަށް ޚާއްސަ ޖަލްސާއެއް މިރޭ އައްޑޫ ސިޓީގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާ ރާއްޖެ ޓީވީން ލައިވް ކުރާގޮތަށްވަނީ ހަމަޖެހިފައެވެ.ލައިވް ކުރާގޮތަށްވަނީ ހަމަޖެހިފައެވެ.