ގދ. ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތަލިބާ މެދު އެދާއިރާގެ ރައްޔިތުން ނުރުހުން ފާޅުކުރުމުން އެމީހުންނަށް އުނދަގުލާ ޖެއްސުން ކުރައްވަން ފަށްޓަވާފައިވާތީ މިކަން ކުށްވެރިކޮށް މިފަދަ ކަންކަން ނުކުރެއްވުމަށް އިލްތިމާޒްކޮށް އެމްޑީޕީގެ ގދ. ފަރެސް މާތޮޑާގެ ދާއިރާއިން ނެރޭ ނޫސް ބަޔާން

noosbayan

ރައްޔިތުންގެ މަޖިލީހުގައި ގދ. ފަރެސް މާތޮޑާ ތަމްސީލުކުރައްވާ މެމްބަރު އިބްރާހިމް މުއްތަލިބުގެ އަމަލުތައް ހުންނަ ގޮތާމެދު މިދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ކަންބޮޑުވުމާ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން މިބަޔާނާއެކު ހިމެނިފައިވާ ސިޓީއަކީ މިދާއިރާގެ 700އަށް ވުރެ ގިނަ ރައްޔިތުން މިހާތަނަށް ސޮއިކޮށްފައިވާ ސިޓީއެކެވެ. މިސިޓީގެ މައިގަނޑު މަޤްޞަދަކީ މަޖިލީހުގެ ތަޅުމުގައާ އަދި މަޖިލީހުން ބޭރުގައިވެސް މުއްތަލިބު ދައްކަވާ ވާހަކާއާ އަމަލުކުރައްވާ ގޮތާމެދު މިދާއިރާގެ ރައްޔިތުންގެ ހިތްހަމަނުޖެހުމާ ކަންބޮޑުވުމާ ލަދުވެތިކަމުގެ އިހްސާސްތައް ހާމަކޮށް ރައްޔިތުންގެ އިހްސާސާ ވިންދާ އެއްގޮތްވާ ގޮތަށް އަމަލުނުކުރެއްވޭނަމަ އިސްތިއުފާ ދެއްވާ އެގޮނޑި ދޫކުރައްވާ ވަޑައިގަތުމަށް ގޮވާލުމެވެ. މިސިޓީގައި މިހާރުވެސް ދަނީ ގިނަ އަދަދެއްގެ ރައްޔިތުންނެއް ސޮއިކުރަމުންނެވެ.

މިކަމާ މެދު މެމްބަރު މުއްތަލިބު ކިތަންމެ ހިތްޕުޅާ ހަމަނުވިއަސް މިދާއިރާގެ ރައްޔިތުންނަށް އެކަމުގެ ހިތި ފޯރުވުމަށް މަސައްކަތްކުރެއްވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ދަންނަވަމެވެ. އަދި މިދާއިރާގެ ރައްޔިތުންނަށް އެކި ކަހަލަ ޖެއްސުމާ އުނދަގޫ ކުރެއްވުމަކީ ވެސް ޤަބޫލުކުރެވޭނެ ކަންކަމެއްނޫނެވެ. އަދި ޚާއްސަކޮށް މިކަންތައްތައް މިކުރައްވަނީ ރައްޔިތުންގެ ޚިހދުމަތުގައި ހުންނެވި އަދި ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރައާ އިނާޔަތްތައް ނަންގަވައިގެން ހުންނެވި ބޭފުޅެއްކަމަކީ މިދާއިރާގެ ރައްޔިތުން ހިތާމައާ އެކު ފާހަގަކުރާކަމެއްކަން ދަންނަވަމެވެ.
މިފަދަ ޖެއްސުންކުރުމާ ދަތިކުރުމުގެ އެއް ހާދިސާ ރޭގެ ވަގުތެއްގައި މާލެ އެއަރޕޯޓުގައިވެސް މުއްތަލިބު ހިންގަވާފައިވާކަން ދާއިރާގެ ގިނަ ބަޔަކަށް ވަނީ އެނގިފައެވެ. މީގެ އިތުރުންވެސް މިދާްއިރާގެ ރައްޔިތުންނަށް އެކި ކަހަލަ ލަނޑުދިނުމާ، ވަޒީފާގެ ބިރު ދެއްކުމާ، ބާރާ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރައްވާ ކަމުގެ ޝަކުވާތައް ދަނީ އިތުރުވަމުންނެވެ. މިދާއިރާގެ ރައްޔިތުންގެ ހެވާ ލާބައަށް މަސައްކަތްކުރެއްވުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މެމްބަރު މިފަދަ އިހާނެތި، އަނިޔާވެރި ގޮތްގޮތަށް ރައްޔިތުންނަށް ފުރައްސާރައާ އުނދަގޫ ކުރައްވަމުން ގެންދަވާކަމީ ވަރަށް ނާތަހުޒީބު އަދި ޑިމޮކްރަސީގެ ރޫޙާ މުޅިން ޚިލާފު ކަންތައްތައްކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި އުނދަގޫކުރުމާ ބިރުދެއްކުން ފަދަ ދަށު ދަރަޖައިގެ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލާ ރައްޔިތުންގެ އިހްސާސްއާ އެއްގޮތްވާ ގޮތަށް އަމަލުކުރެއްވުމަށް އިލްތިމާޒް ކުރަމެވެ. މިފަދައިން އަމަލުނުކުރެއްވޭކަމަށް ވަނީ ނަމަ ސިޓީގައި ރައްޔިތުން އެދިފައިވާ ގޮތަށް އިސްތިއުފާ ދެއްވުމަށް ގޮވާލަމެވެ.

ޝުކުރިއްޔާ

ބަޔާން ނެރުނީ: ހުސެން އަމްރު، ގދ. ފަރެސް މާތޮޑާ ދާއިރާގެ ރައީސް

ދާއިރާގެ ރައްޔިތުންގެ ގިނަ ބަޔަކަު ސޮއިކޮށްފައިވާ ސިޓީ ބައްލަވާލެއްވުމަށް މިލިންކަށް ފިތާލާށެވެ.