އެމްޑީޕީއަށް އޮތީ ވަރަށް އުޖާލާ މުސްތަޤްބަލެއް – ޗެއާޕާސަން މޫސަ

ލިޔުނީ: ނަޒްމީ

vaudhaai hingun hulhu henveyru jalsa 250313 (36)

އެމް.ޑީ.ޕީއަށް އޮތީ ވަރަށް އުޖާލާ މުސްތަޤްބަލެއްކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެހުޅުހެންވޭރު ދާއިރާގެ އެމް.ޑީ.ޕީ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމް.ޑީ.ޕީގެ “ދޭތިންފަހެތި” ކެންމެޕެއިންގެ ދަށުން ރޭ އުސްފަސްގަނޑުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އެމް.ޑީ.ޕީގެ މެނިފެސްޓޯ ބައިބަޔަށް ތަޢާރަފް ކުރެވެމުންދާނެ ކަމަށާއި މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ 23 ސަރަޙައްދެއްގައި ގެސްޓްހައުސްގެ ސިޔާސަތު ވަރަށް ކުލަގަދަކޮށް އިފްތިތާހް ކުރެވިގެންދިޔައިރު މިހާރު ރައްޔިތުންނަށް
އެކަން ވަރަށްރަނގަޅަށް އޮޅުންފިލައިފައިވާކަމަށެވެ.

ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި ސަރުކާރުގެ ފަރާތުން ވޯޓް އޮޅުވާލުމަށް މަސައްކަތްތަކެއް ކޮށްފާނެ ކަމަށާއި އެހެންކަމުން ހުރިހާ ރައްޔިތުންވެސް އެކަމަށް ސަމާލުވެތިއްބެވުމަށް މޫސަ އިލްތިމާސް ކުރެއްވިއެވެ.

ރޭގެ ޖަލްސާގައި މޫސަގެ އިތުރުން ވާހަކަފުޅު ދެއްކެވީ އެމް.ޑީ.ޕީގެ ޒުވާނުންގެ ހިތްވަރުގެ ރައީސާ އައިމިނަތު ޝައުނާ އާއި، އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަޙްމަދާއި، ރައީސް ނަޝީދުގެ ކުރީގެ ސްޕެޝަލް އެޑްވައިޒަރ އިބްރާހިމް އިސްމާއިލް (އިބްރާ)އާއި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމް.ޑީ.ޕީ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި، ތުޅާދޫ ދާއިރާގެ އެމް.ޑީ.ޕީ މެންބަރު ނާޒިމް ރަޝާދު އަދި އިސްދޫ ދާއިރާގެ ރައީސް އުމަރު ރައްޒާޤްއެވެ.