ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތަށް މިއަދުވެސް ޓީމުތައް ފުރައިފި

ލިޔުނީ: ޝަހީދާ

ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމަށް ރާއްޖޭގެ 21 ސަރަހައްދެއްގައި މާދަމާ ބާއްވާ ރަސްމިއްޔާތަށް އިތިރު ޓީމުތަކުން މިއަދުވެސް ދަތުރު ފަށައިފިއެވެ.

މިއަދު ދަތުރު ފެށި ޓީމުތަކަކީ ހއ، ހދ، ށ، ނ، ބ، ޅ، އަދި މ އަތޮޅުގެ ޓީމުތަކެވެ. މީގެ އިތުރުން މިއަދު ހަވީރު ފ، ދ އަތޮޅުގެ ޓީމު ފުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އިއްޔެ ފުރި ޓީމުތަކަކީ އދ، ގއ. ގދ، ރ. ޏ. އަދި އައްޑޫ ސިޓީއަށެވެ.

މާދަމާ ހަވީރު މި ސިޔާސަތު އިފްތިތާޙް ކުރެވޭ ސަރަހައްދުތަކަކީ ލ.ގަމުގެ އިތުރުން ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފޭދޫ، ނ. މަނަދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ.ގުރައިދޫ، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފުލިދޫ، މ.މުލައް، ފ. މަގޫދޫ، ދ. ރިނބުދޫ، ތ. ތިމަރަފުށި، ގއ. ވިލިނގިލި، ގދ. ފިޔޮރީ، ޏ. ފުއައްމުލައް، އައްޑޫ ސިޓީ އަދި ހުޅުމާލޭގައެވެ.

ޓިމުގެ ލީޑަރުން ހާމަ ކުރެއްވި ގޮތުގައި، ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާހް ކުރުމުގެ އިތުރުން އެބޭފުޅުންގެ މިދަތުރުގައި އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕއެިންގެ މަސައްކަތްތައްވެސް ކުރިޔަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ލ.އަތޮޅު ގަމުގަ މާދަމާ ރައީސް ނަޝީދު، ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވާ އިރު އަނެއް 20 ސަރަހައްދުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ އެމަނިކުފާނުގެ ސަރުކާރުގެ މިނިސްޓަރުންނާއި، ޕާޓީގެ ޕާލިއަމަންޓަރީ ގްރޫޕްގެ ބޭފުޅުންނާއި އަދި ޕާޓީގެ ލީޑަރޝީޕުގެ ބޭފުޅުންނެވެ.