އެމްޑީޕީގެ ބޮޑު މުޒާހަރާ – “އިންސާފްގެ ދަތުރު މެކުހަށް” މާދަމާ ހަވީރު އުސްފަސްގަނޑުން ފެށޭނެ

insaaf.max1

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ނިންމެވުންތައް ސުޕްރީމް ކޯޓުން ނާޖާއިޒްގޮތުގައި ބާތިލުކޮށް އެ މަޖިލީހުގެ ބާރުތަކާއި ޤާނޫނު އަސާސީގެ ބާރު ކަނޑުވާލަން ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުންދާތީ، އެކަމާއި އިޚްތިޖާޖް ކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ބާއްވާ ބޮޑު މުޒާހަރާ “އިންސާފްގެ ދަތުރު މެކުހަށް” މާދަމާ ހަވީރު އުސްފަސްގަނޑުން ފެށޭނެއެވެ.

މާދަމާ ހަވީރު 16:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުޒާހަރާގައި އެމްޑީޕީއަށާއި މިކަމަށް ތާޢީދު ކުރައްވާ ވީހާވެސް ގިނަ ބަޔަކު ބައިވެރިވެލެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާއި، ޗެއާޕަރސަން ރީކޯ މޫސާ މަނިކާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، އަންހެނުންގެ ރޫޙާއި ޒުވާނުންގެ ހިތްވަރުގެ ރައީސާއިންގެ އިތުރުން ދާއިރާތަކުގެ ރައީސުން އެދިވަޑަގަންނަވައެވެ.

ސުޕްރީމް ކޯޓުގެ މަސައްކަތާއި ދެކޮޅަށް އެމްޑީޕީން ސިލްސިލާކޮށް މުޒާހަރާކޮށް އިޚްތިޖާޖް ކުރަން ނިންމާފައިވަނީ 17 މާރޗް 2013ގައި ބޭއްވުނު ޕާޓީގެ 115 ވަނަ ޤައުމީ މަޖިލީހަށް ހުށަހެޅުނު ޤަރާރް ފާސްވުމާއި ގުޅިގެންނެވެ. މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވައި، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަޙްމަދު ދީދީ ތާޢީދު ކުރެއްވި މި ޤަރާރު ފާސްވެފައިވަނީ އިއްތިފާޤުންނެވެ.

މި ޤަރާރުގައި ވަނީ ” ދައުލަތުގެ އެހެން ބާރުތަކަށް މުތުލަޤުކޮށް ދީފައިވާ ބާރުތަކަށް ސުޕްރީމް ކޯޓުން ފާޅުގައި އަރައިގަނެ، މިގޮތުން ޚާއްޞަކޮށް ރައްޔިތުން އިންތިޚާބުކޮށްފައިވާ މަންދޫބުންގެ މައްޗަށް އެކުލެވޭ އެންމެ ޑިމޮކްރެޓިކް އިންސްޓިޓިއުޝަން ކަމުގައިވާ ރައްޔިތުންގެ މަޖިލީހަށް ޚާއްޞަވެގެންވާ ބާރުތަކަށް އެންމެ އަން-ޑިމޮކްރެޓިކް އިންސްޓިޓިއުޝަނުން ފާޅުކަން ބޮޑުގޮތެއްގައި އަރައިގަނެ، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތުން ފާސްކޮށް ނިންމާފައިވާ ކަންތައްތައް ބާތިލްކޮށް، ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރޭގައި ހިމެނިގެންނުވާ ތަނެއް ފަދައިން ރައްޔިތުންގެ މަޖިލިސް ހަދައި، މަޖިލީހުގެ ބާރުތައް ނާޖާއިޒް ގޮތުގައި ސުޕްރީމް ކޯޓުން ނިގުޅައިގަނެ، ޤާނޫނު އަސާސީގެ ބާރު ކަނޑުވާލާ އެކިއެކި ޢަމަލުތައް ސުޕްރީމް ކޯޓުން ހިންގާފައިވާތީ މިކަމާ ފުޅާ ދާއިރާއެއްގައި އިޙްތިޖާޖުކޮށް ރައްޔިތުންގެ ބާރުވެރިކަން އަލުން އަނބުރާ ހޯދުމަށް…” މިފަދައިންނެވެ.