އެމް.ޑީ.ޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަތުރުތައް މިއަދު ނިމޭނެ!

dheythin fahethi 010313-2 (3)

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދަށް ތާއީދު ހޯދުމަށް ކުރިޔަށް ގެންދިޔަ “ދޭތިން ފަހެތި” ކެމްޕެއިންގެ ހަރަކާތްތައް ނިންމާލުމަށް ފަހު ޓީމުގެ ބޭފުޅުން މިއަދު މާލޭ ވަޑައިގަންނަވާނެއެވެ.

ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ފެށި ދަތުރުތަކުގައި އެމްޑީޕީގެ ޓީމްތައް ވަނީ، ރާއްޖޭގެ ހަ ސަރަހައްދެއްގައި އަވަދިނެތި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެމްޑީޕީގެ ޓީމުތައް ހަރަކާތްތެރިވެފައި ވަނީ، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ޏ. ފުވައްމުލަކު، ގދ. ތިނަދޫ، ލ އަތޮޅު ގަން، ފޮނަދޫ، ހިތަދޫ، މާވަށް އަދި އިސްދޫގެ އިތުރުން އައްޑޫ ސިޓީގައެވެ. މިރަށްތަކުގެ ތެރެއިން އައްޑޫ ސިޓީ ފިޔަވައި އެހެން ހުރިހާ ރަށެއްގައި ވެސް ވަނީ “ޑޯޓުޑޯ” ކެމްޕެއިން ކުރިއަށް ގެންގޮސްފައެވެ. އަދި މީގެ އިތުރުން ޢާއްމު ޖަލްސާތައް ބާއްވާ، މަސައްކަތު ބައްދަލުވުންތައް ބާއްވާ، ދާއިރާ ރައީސުންނާއި، ދާއިރާގެ ހިންގާ ކޮމެޓީތަކާއި ބައްދަލުކުރުމާއި ޢާންމު ރައްޔިތުންނާއި ވެސް އެމްޑީޕީގެ ޓީމުތައް ވަނީ ބައްދަލުކުރައްވާފައެވެ.

“ދޭތިން ފަހެތި” ކެމްޕެއިންގެ ކޯޑިނޭޓަރުން ވިދާޅުވީ، މި ކެމްޕޭން ހަރަކާތްތަކަށް ހުރިހާ ރަށަކުން ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާކަމަށާއި، ޢާއްމު ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަކަމަށެވެ. ދާއިރާތަކުން މި ކެމްޕެއިން ހަރަކާތްތަކަށް ދިން ތަރްޙިބާ އެއްބާރުލަމަށް ހުރިހާ ފަރާތްތަކަކަށް ކޯޑިނޭޓަރުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކެމްޕެއިންގެ ދަތުރުތަކުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙުން ވަނީ، ލ އަތޮޅާއި، ހދ. ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީގައި ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ޚާއްސަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އަދި މި ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވާ ކަމަށް ވެސް އަންހެނުންގެ ރޫޙުން މަޢުލޫމާތުދިނެވެ. .