އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ހަރަކާތްތައް ކުރިޔަށް

dheythin fahethi (7)

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ހަރަކާތްތައް ކުރޔަށް ގެންދިއުމަށްޓަކައި އިއްޔެ ވަނީ ދާއިރާ ތަކަށް ދަތުރުތައް ފަށާފައެވެ. އަދި ވަކި ޓީމު ތަކުން ރާއްޖޭގެ ތަފާތު އެކި ސަރަހައްދުތަކުގައި، މި ކެމްޕެއިންގެ ހަރަކާތްތައް ރޭގަ ވަނީ ފަށާފައެވެ. އެމްޑީޕީގެ ޓީމްތައް ހަލުވިކަމާއެކު ހަރަކާތް ތެރިވަމުން ދާ ރަށްތަކަކީ، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ޏ. ފުވައްމުލަކު، ގދ. ތިނަދޫ، ލ އަތޮޅު ގަން ފޮނަދޫ، ހިތަދޫ މާވަށް އަދި އިސްދޫގެ އިތުރުން އައްޑޫ ސިޓީގައެވެ.

މިގޮތުން އައްޑޫ ސިޓީގަ 3 ދުވަހުގެ ދަތުރުގަ އުޅުއްވާ އެމްޑީޕީގެ”ދޭތިން ފަހެތި” ކެމްޕެއިން ޓީމުން ރޭގެ 10:00 ޖެހިއިރު އެ ސިޓިގެ އެމްޑީޕީގެ ހިންގާ ކޮމިޓީއާ ވަނީ ބައްދަުކޮށްފައެވެ. މި ބައްދަލު ވުމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދަށް ތާއީދު ހޯދުމާއި ރިޔާސީ ކެމްޕެއިން ކުރިޔަށް ގެންދާނެގޮތުގެ މަޝްވަރާ ކުރެވުނެވެ. އަދި އެމްޑީޕީއަށް މެމްބަރުން އިތުރުކުރުމުގެ ޕްރޮގްރާމްއެއް ރާވާ މިއަދުން ފެށިގެން މި ޕްރޮގްރާމް ހިންގަންް ފެށުމާއި، އައްޑޫ ސިޓީގެ ކެމްޕެއިން ޓީމްތަކަށް ޓްރެއިނިންގް ޕްރޮގްރާމްތައް ފެށުމާއި މިގޮތުން މިއަދު ހެނދުނު 9:00 ޖެހިއިރު އެމްޑީޕީގެ ކެމްޕއެިން ޓީމުން މަރަދޫ/މަރަދޫ ފޭދޫ ގެ ކެމްޕެއިން ޓީމާއެކު ޓްރެއިން މަސައްކަތު ބައްދަލުވުން ވަނީ ފަށާފައެވެ. އަދި މިރޭ އާއްމު ބޮޑު ޖަލްސާއެއް ބޭއްވުމަށް ރާވައި މި ޖަލްސާ ހިތަދޫގައި ބާއްވާގޮތަށްވެސް ވަނީ ނިންމާފައެވެ.

ކުޅުދުއްފުށީގައި ހަރަކާތްތެރިވާ އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޓީމުގެ ކޯޑިނޭޓަރ ވިދާޅުވިގޮތުގައި، އެރަށުގައި ބުރާސްފަތި ދުވަހުގެ ރޭ ކެމްޕެއިން ޓީމުގެ ފަރާތުން މަސައްކަތު ބައްދަލުވުންތައް ހިންގާ، އެރަށުގެ ދާއިރާތަކުގެ އިސް ބޭފުޅުންނާ، ކައުންސިލްގެ އަންހެނުންގެ ކޮމިޓީއާ އަދި އަތޮޅު ކައުންސިލް އާ ބައްދަލުކުރިއެވެ. އަދި މީގެ އިތުރުން މިއަދު ހަވީރު 4:00 ޖަހާއިރު ކުރިޔަށް ދާނީ މެމްބަރޝިޕް އިތުރުކުރުމުގެ ހަރަކާތްތަކެވެ. ހދ. ކުޅުދުއްފުށި ގައި އާއްމު ބޮޑު ޖަލްސާ މިރޭ ކުރިޔަށް ދާނެއެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖައްސައިފައިވަނީ މިރޭ 9:00 ޖަހާއިރު އަމީރު އަމީން ސްކޫލްއާ ދިމާ ބޭރުން، ބަންޑާރަ މައިޒާނުގައެވެ.

ލ. އަތޮޅު ގަ “ދޭތިން ފަހެތީ” ކެމްޕއެން ޓީމުން އިއްޔެ ހަވީރު ވަނީ ގަން އަދި ފޮނަދޫ ދާއިރާގެ ހިންގާ ކޮމިޓީއާ، ވޮލަންޓިއަރ އެކްޓިވިސްޓުންނަށް “ވައުދާ ހިނގުން” ދޮރުން ދޮރަށް ހިނގުމާއިބެހޭ މަސައްކަތު ބައްދަލު ވުން ބާއްވާފައެވެ. އަދި ރޭގަ ލ. ގަން އަދި ފޮނަދޫ ދާއިރާ އެކުގައި އާއްމު ޖަލްސާވެސް ވަނީ ބާއްވާފައެވެ. މީގެ އިތުރުން މިައަދު ހަވީރު 4:00ން ފެށިގެން މާވަށު ދާއިރާގެ ހިންގާ ކޮމިޓީއާ، ވޮލަންޓިއަރ އެކްޓިވިސްޓުންނަށް ދޮރަށް ދޮރަށް ހިނގުމާއިބެހޭ މަސައްކަތު ބައްދަލު ވުން ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. މިރޭ 9:00 ޖަހާއިރު ހިތަދޫ އަދި މާވަށު ދާއިރާ އެކުގަ ބާއްވާ އާއްމު ޖަލްސާ އޮންނާނެއެވެ.

ފުއައްމުލަކުން މުޙަންމަދު ޝިފާޒު މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިއްޔެ ހަވީރު ދޮރުން ދޮރަށް ހިނގަން ވަނީ ފަށާފައެވެ. އަދި “ދޭތިން ފަހެތި” ކެމްޕޭންގެ މަސައްކަތު ބައްދަލުވުންތައް ވެސް ބާއްވާ މީގެ އިތުރުން މިއަދު ހަވީރު 4:00 ޖަހާއިރު އެމްޑިޕީ އާ ޕާޓީއަށް ތާއީދު ކުރާ ފަރާތްތައް ބައިވެރިވާ ބޮޑު ހިނގާލުންވެސް ފުއުއައްމުލަކުގެ ބޮޑެިތ މަގުތަކުގައި އޮންނާނެ ކަމަށް ވިދާޅުވިއެވެ. އަދި މިރޭ އެ ރަށުގައި ބާއްވާ އާއްމު ޖަލްސާ 9:00ޖަހާއިރު ފުއައްމުލަކު އުތުރު ދާއިރާގަ އޮންނާ ކަމަށް ވެސް ވިދާޅުވިއެވެ.

ދިއްދޫ ގެ ލީޑަރ ޝިޕް މަސައްކަތު ބައްދަލުވުންތައް ވަނީ ރޭ ގަ ފެށި މިއަދުގެ ވަގުތުތަކުގައި ދޮރުން ދޮރަށް ހިނގަން އެމްޑީޕީގެ މެމްބަރުންނާ އެކު ފަށާފައެވެ. އަދި ދިއްދޫއަށް ވަޑައިގެން އުޅުއްވާ “ދޭތިން ފަހެތި” ކެމްޕެއިން ޓީމު، ކުޅުދުފުށީގައި މިރޭ ބާއްވާ އާއްމުު ޖަލްސާގަ ބައިވެރި ވުމަށް ކުޅުދުފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖައްސާފަކަމަށް ވެސް ކޯޑިނޭޓަރ ޝައުނާ ވިދާޅުވިއެވެ.

ތިނަދޫގެ ދޮރުން ދޮރަށް ހިނގުމާ، މަސައްކަތު ބައްދަލުވުންތައް ހިންގާ، ތިނަދޫގެ އިސް ބޭފުޅުންނާ ބައްދަލުވުން ވަނީ ބާއްވާފައެވެ. އަދި މެމްބަރޝިޕް އިތުރުކުރުމުގެ ހަރަކާތްތައް ވަނީ ފަށާފައެވެ. ތިނަދޫ ގައިވެސް އާއްމު ބޮޑު ޖަލްސާ ފަށާނީ ރާގަނޑު 9:00ޖަހާއިރުއެވެ.

މި ކެމްޕެއިން ދަތުރުތަކުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙުން، ލ އަތޮޅާއި، ހދ. ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީގައި ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ޚާއްސަ ހަރަކާތްތައް ރޭގަ ކުރިޔަށް ގެންދިއައެވެ.

3 ދުވަހަށް ދެމިގެންދާ މި ދަތުރުތަކުގައި އެމްޑީޕީއިން ވަނީ ކޮންމެ ރަށަކަށް ވެސް ކޯޑިނޭޓަރއެއް ކަނޑައަޅާފައެވެ. އެގޮތުން ހއ. ދިއްދޫއަށް ކޯޑިނޭޓަރެއްގޮތުގައި ވަޑައިގެންނެވީ، އައިމިނަތު ޝައުނާއެވެ. ހދ. ކުޅުދުއްފުށްޓައް ޝިފާ މުޙައްމަދު ކޯޑިނޭޓަރެއްގެ ގޮތުގައި ވަޑައިގެން އުޅުއްވާއިރު، ގދ. ތިނަދޫއަށް ކޯޑިނޭޓަރަކަށް ހަމަޖައްސަވާފައިވަނީ، އަލީ ފާއިޒްއެވެ. އައްޑޫ ސިޓީގެ ކޯޑިނޭޓަރަކީ މުސްތަފާ ލުތުފީ އެވެ. ފޯވައްމުލަކު ކޯޑިނޭޓަރެއްގެ ގޮތުގައި ވަޑައިގެންނެވީ އަޙްމަދު ޝިފާޒް އަދި ލ އަތޮޅު ކޯޑިނަޓަރެއްގެ ގޮތުގައި ވަޑައިގެންނެވީ ހާމިދް އަބްދުލް ޣަފޫރްއެވެ.