އެމް.ޑީ.ޕީގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަތުރުތައް ފަށައިފި!

Boduthiladhunmathi Vaudhuge Dhathuru

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ “ދޭތިން ފަހެތި” ކެމްޕެއިންގެ ދަތުރުތަށް މިއަދު ފަށައިފިއެވެ.

މިއަދު ހެނދުނު ފެށުނު ދަތުރުތަކުގައި އެމްޑީޕީގެ ޓީމުތައް ރާއްޖޭގެ ތަފާތު އެކި ސަރަހައްދުތަކުގައި، ކެމްޕެއިންގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. އެމްޑީޕީގެ ޓީމްތައް ދިއުމަށް ހަމަޖެހިފައިވާ ރަށްތަކަކީ، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ޏ. ފުވައްމުލަކު، ގދ. ތިނަދޫ، ލ އަތޮޅު ގަން، ފޮނަދޫ، ހިތަދޫ މާވަށް އަދި އިސްދޫގެ އިތުރުން އައްޑޫ ސިޓީއަށެވެ. މިރަށްތަކުގެ ތެރެއިން އައްޑޫ ސިޓީ ފިޔަވައި އެހެން ހުރިހާ ރަށެއްގައި “ޑޯ ޓު ޑޯ” ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ހުރިހާ ރަށެއްގައި ވެސް ޢާއްމު ޖަލްސާތައް ބޭއްވުމާއި، މަސައްކަތު ބައްދަލުވުންތައް ބޭއްވުމާއި، ދާއިރާ ރައީސުންނާއި ބައްދަލުކުރުމާއި، ދާއިރާގެ ހިންގާ ކޮމެޓީތަކާއި ބައްދަލުކުރުމާއި ޢާންމު ރައްޔިތުންނާއި ބައްދަލުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކެމްޕެއިން ދަތުރުތަކުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙުން ވަނީ، ލ އަތޮޅާއި، ހދ. ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީގައި ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ޚާއްސަ ހަރަކާތްތައް ކުރިއަށް ގެންދާގޮތަށް ހަމަޖައްސާފައެވެ.

މި ދަތުރުތަކުގައި ބާއްވާ ޢާއްމު ޖަލްސާތަކުގެ ތެރެއިން މިރޭ ލ. ގަން އަދި ފޮނަދޫ ދާއިރާ އެކުގައި ޖަލްސާތައް ކުރިއަށް ދާއިރު، މާދަމާރޭ އެއަތޮޅުގެ ހިތަދޫ އަދި މާވަށު ދާއިރާ އެކުގައި ޖަލްސާ ކުރިއަށް ދާނެއެވެ. އަދި ހޮނުހިރު ދުވަހު ލ. އިސްދޫގައި ވެސް ޢާއްމު ޖަލްސާއެއް ބާއްވާގޮތަށް ވަނީ ހަމަޖައްސާފައެވެ. ހުކުރު ދުވަހުގެ ރޭ ޖަލްސާތައް ކުރިއަށްދާ އެހެން ރަށްތަކަކީ، ހދ. ކުޅުދުއްފުށި، ޏ. ފުވައްމުލަކު، ހއ. ދިއްދޫ، އައްޑޫ ސިޓީއިން ހިތަދޫ، ގދ. ތިނަދޫއެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ ޖަލްސާތައް ކުރިއަށް ދާނީ، އައްޑޫ ސިޓީއިން ހުޅުމީދޫގައެވެ.

މި ދަތުރުތަކުގައި އެމްޑީޕީއިން ވަނީ ކޮންމެ ރަށަކަށް ވެސް ކޯޑިނޭޓަރއެއް ކަނޑައަޅާފައެވެ. އެގޮތުން ހއ. ދިއްދޫއަށް ކޯޑިނޭޓަރެއްގޮތުގައި ވަޑައިގަންނަވާނީ، އައިމިނަތު ޝައުނާއެވެ. ހދ. ކުޅުދުއްފުށްޓައް ޝިފާ މުޙައްމަދު ކޯޑިނޭޓަރެއްގެ ގޮތުގައި ވަޑައިގެންނަވާއިރު، ގދ. ތިނަދޫއަށް ކޯޑިނޭޓަރަކަށް ހަމަޖައްސަވާފައިވަނީ، އަލީ ފާއިޒްއެވެ. އައްޑޫ ސިޓީގެ ކޯޑިނޭޓަރެއްގެ ގޮތުގައި މުސްތަފާ ލުތުފީ ވަޑައިގަންނަވާ އިރު، ފޯވައްމުލަކު ކޯޑިނޭޓަރެއްގެ ގޮތުގައި ވަޑައިގެންނެވީ އަޙްމަދު ޝިފާޒް އަދި ލ އަތޮޅު ކޯޑިނަޓަރެއްގެ ގޮތުގައި ވަޑައިގެންނެވީ ހާމިދް އަބްދުލް ޣަފޫރްއެވެ.