ރާޖަޕަކްސަ ގެ މަޝްވަރާގެ މަތިން ބައެއް ކަންކަން ހިންގަވަން ފައްޓަވައިފިކަމަށް ރައީސް ވިދާޅުވެއްޖެ

10 ޖުލައި 2010

ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ މައްސަލަތައް ޙައްލު ކުރެއްވުމުގައި، ރާޖަޕަކްސަގެ މަޝްވަރާއާއި ލަފާފުޅުގެ މަތިން ބައެއް ކަންކަން ހިންގަވަން ފަށްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާގެ ރައީސް، މަހިންދަރާޖަޕަކްސަ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ބައްލަވާލައްވަމުން އިއްޔެ އެމަނިކުފާނު ދެއްވި ރޭޑިއޯ ޚިޠާބުގައި ވާހަކަފުޅުދައްކަވަމުންނެވެ. އަދި ވާދަވެރި ސިޔާސީ ޕާޓީތަކާއި، އެމް.ޑީ.ޕީ.ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު، ސްރީލަންކާގެ ރައީސް ބޭއްވެވި ބައްދަލުވުމުގައި، މަޖިލީހުގައި ކަންތައް ގެންދާނެގޮތާ ގުޅޭގޮތުން ޑީ.އާރު.ޕީ.ގެ ތިން މެންބަރުންނާއި، އެމް.ޑީ.ޕީ.ގެ ތިން މެންބަރުން ހިމެނޭގޮތަށް ކޮމިޓީއެއް އެކުލަވާލުމަށް އެއްބަސްވެފައިވުމާއެކު، އެކޮމިޓީ އެކުލަވާލެވި، އެކޮމިޓީގެ މަސައްކަތް ހަލުވިކަމާއެކު ބާރަށް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިއްޔެ ދެއްވި ރޭޑިއޯ ޚިޠާބުގައި، އެމަނިކުފާނު ބުދަދުވަހުޢައްޔަން ކުރެއްވި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންގެ ނަންފުޅުތައް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، އެމަޖިލީހަށް ފޮނުއްވުމުގެ ކަންތައް، އިރާދަކުރެއްވިއްޔާ މިފެށޭ ހަފްތާގެ ތެރޭގައި ކުރިއަށް ގެންދަވާނެކަންވެސް ހާމަކުރެއްވިއެވެ.