ޕާޓީއަކަށް މެންބަރުން ހޯދަން މަސައްކަތްކުރުމާއި ވަކިކަމެއްގައި ވަކިގޮތަކަށް ވޯޓު ހޯދަން މަސައްކަތްކުރުމަކީ ވަރަށް ތަފާތު ދެކަމެއް – ރައީސް

08 ޖުލައި، 2010

raees1

އެއްވެސް ކަމެއްގައި ސަރުކާރުން ބޭނުންވާގޮތަށް މަޖިލީހުގެ މެންބަރުންގެ ތާއީދު ހޯއްދެވުމަށްޓަކައި ފައިސާ ހޭދަކުރައްވަން ބޭނުންފުޅު ނޫންކަމަށާއި، ޕާޓީއަކަށް މެންބަރުން ހޯދަން މަސައްކަތްކުރުމާއި ވަކިކަމެއްގައި ވަކިގޮތަކަށް ވޯޓު ހޯދަން މަސައްކަތްކުރުމަކީ ވަރަށް ތަފާތު ދެކަމެއް ކަމަށް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވަޒިރުންގެ މަޖިލީހުގެ 13 މެންބަރުން އަލުން ވަޒީރުކަމުގެ ހުވާކުރެއްވެވުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މި ނޫސްކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވީ މެންބަރުންނަށް ފައިސާ ދިނުމަކީ އެމީހުންގެ ވިސްނުން ބަދަލުވާނެކަމެއް ނޫންކަމަށެވެ. އެމީހުންގެ ވިސްނުން ބަދަލުވާނީ ކަންކަމުގެ ހަޤީޤަތް އެމީހުންނަށް އަންގައިދީގެން ކަމަށެވެ. މިކަމުގެ މިސާލު ދައްކަވަމުން ވިދާޅުވީ ޑރ. ޝަހީދުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނަގަން އުޅުމުން އަލްހާންގެ ވިސްނުން ބަދަލުވީ ފޮރިން މިނިސްޓްރީއަށް ގެންދަވައި އެމައްސަލައިގެ ލިޔުންތައް ދައްކައި ހަޤީޤަތް އޮޅުންފިލުވައިދިނުމުން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި، ވާދަވެރި ފަރާތްތަކުން ދައްކާ ވާހަކަތައް އަޑުއަހަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި މަދު ބައެއްގެ ސަބަބުން މުޅި މަޖިލީހުގެ ގޭގެ ޢިއްޒަތާއި ޤަދަރާއި ކަރާމާތަށް ގެއްލުން ލިބޭކަށް ނުވަތަ ބުރޫއަރާކަށް މަޖިލީހުގެ މެންބަރުންވެސް ބޭނުންފުޅުނުވާ ކަމަށް ވިދާޅުވިއެވެ.