ޕާޓީގެ މެމްބަރޝިޕް އިތުރުކުރުމަށް މިއަދު އަނެއްކާވެސް އިތުރު 100 ފޯރމް

Boduthiladhunmathi Vaudhuge Dhathuru Feshun 21-11-12 (48)

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރޝިޕް އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތަށް މިއަދު އެކަނިވެސް އިތުރު 100 ފޯރމް ލިބިފައިވާކަމަށް ސެކްރެޓަރީ ޖެނަރަލްގެ ނައިބު އަޙްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް ވިދާޅުވީ، މިއަދު ލިބުނު ފޯރމްތަކުގެ ތެރޭގައި ހިމެނެނީ ޤައުމީ މަޖިލީހުން ފާސްކުރެއްވި ޤަރާރްގެ ދަށުން ށ. ކޮމަންޑޫ ދާއިރާގެ ރައީސް އަބްދުއް ރަޝީދު އަބްދުއް ރަޙްމާން ހުށަހެޅުއްވި 55 ފޯރމާއި، ދެކުނު ޕްރޮވިންސުން ހުށަހެޅި 48 ފޯރމެވެ.

އަކްރަމް ވިދާޅުވީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެމްޑީޕީ އޮފީހަށް 600 އެއްހާ މެމްބަރޝިޕް ފޯރމް ލިބިފައިވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް މި ދެމަސްދުވަހުގެ ތެރޭގައި 2000ހަށްވުރެ ގިނަ ފޯރމް ހުށަހަޅާފައިވާކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އެމްޑީޕީގެ މެމްބަރޝިޕް އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައި މިވަނީ، މަޑަވެލި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ޤައުމީ މަޖިލީހަށް ހުށަހެޅުއްވި ޤަރާރް ފާސްވުމާއި ގުޅިގެންނެވެ.

ޤައުމީ މަޖިލީހަށް ނާޒިމް ހުށަހެޅުއްވި ޤަރާރުގައި ވަނީ، ޕާޓީގެ 77 ދާއިރާއިން ކޮންމެ ދާއިރާއަކުން 50 ފޯރމާއި ( 3850) ޕާލިމެންޓްރީ ގްރޫޕްގެ ކޮންމެ މެމްބަރަކު 50 ފޯރމް (1500) ލިބޭނެ ގޮތަކަށް ޕާޓީގެ މައި އޮފީހުން އެދާއިރާގެ ކަމާއި ގުޅުންހުރި ބޭފުޅުންނާއި ގުޅައިގެން 3 މަސް ދުވަހުގެ ތެރޭގައި 5850 ފޯރމް ހުށަހެޅޭ ވަރަށް މަސައްކަތް ފެއްޓުމަށް ގޮވާލާކަމަށެވެ.