ސްރީލަންކާގެ ރައީސް ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވާނެ

7 ޖުލައި 2010

rajapaksa

ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ، ފުރަމާނަ ދަތުރުފުޅެއްގައި، މިއަދު ރާއްޖެ ވަޑައިގަންނަވާނެއެވެ. ރައީސް މަހިންދަ ރާޖަޕަކްސައަށް ރަސްމީ ގޮތުން މަރްޙަބާ ދެންނެވުން އޮންނާނީ މާލޭ ރަސްމީ ފާލަމުގައެވެ. ރަސްމީ ފާލަމުން، އެމަނިކުފާނަށް މަރްޙަބާ ވިދާޅުވާނީ، ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.
ސްރީލަންކާގެ ރައީސްގެ މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޒިޔާރަތް ކުރައްވާނެއެވެ. އަދި ކުރީގެ ރައީސް މައުމޫނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާ ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި، ރާއްޖޭގެ ސިޔާސީ އިސް ބައެއް ބޭފުޅުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާ ވެސް ރާޖަޕަކްސަ މިއަދު ހަވީރު ބައްދަލުކުރައްވާނެއެވެ.