އެމްޑީޕީ ގދ. ފަރެސް މާތޮޑާ ދާއިރާގެ ނޫސް ބަޔާން

noosbayan

އެމްޑީޕީ ގދ. ފަރެސް މާތޮޑާ ދާއިރާގެ ނޫސް ބަޔާން

‘ރައީސް ނަޝީދުގެ ހިމާޔަތުގައި ރައްޔިތުން’ ގެ ނަމުގައި ފެބްރުއަރީ 15ގައި ކުރި ސުލްހަވެރި މުޒާހަރާ ރޫޅާލުމާ އާއްމުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ހަރުކަށިކަމާ، ޕްރޮފެޝަނަލް އުސޫލުތަކާ މިންގަނޑުތަކާ މުޅިން ޚިލާފަށް ރައްޔިތުންނާ މުޚާތަބުކުރުމާ، ހާލަތާ ނުބައްދަލު މިންވަރަކަށް ބާރުގެ ބޭނުންކޮށްފައިވާ ކުރުން މިދާއިރާގެ ފަރާތުން ކުށްވެރިކުރަމެވެ. އަދި ހަމަ އެހެންމެ ފުލުހުންގެ އިއްޒަތްތެރި މުއައްސަސާގައި ސިޔާސީ ކުލަޖެހި ރައްޔިތުންގެ ހިތުގައި ފުލުހުންނަށް އޮތް ގަދަރާ އިހްތިރާމް އަދި ޤާނޫނުގެ ތަންފީޒީ ބާރަކަށް އޮތް އިތުބާރު ގެއްލިގެންދާ ފަދަ އަމަލުތައް ތަކުރާރުވެ އާއްމުވަމުންދާތީ މިކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ފެބްރުއަރީ 15ގައި ފުލުހުންގެ ފަރާތުން ފެނިގެން ދިޔަ އަނިޔާވެރި އަމަލުތަކާ، ރައްޔިތުންނާ މުޚާތަބު ކުރުމަށް ބޭނުންކުރެވުނު ބަހުރުވައާ ސުލްހަވެރި މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރުމުގައި އަމަލުކޮށްފައިވާ ގޮތަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަންތައްތަކެއް ނޫންކަން ޔަޤީނެވެ.

މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހަރަކާތްތެރިވެފައިވަނީ އަންހެނެއް އުމުރުން ދޮށީ މީހަކަށް ބެލުމެއްނެތި ކަމަށާ، އެއްވެސް އިންޒާރެއް ދިނުމެއްނެތިކަން ފާހަގަކޮށް މިއީ އެއްވެއުޅުމުގެ ޤާނޫނާ ޚިލާފަށް ކޮށްފައިވާ އަމަލެއްކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި މިކަން ބައްލަވާ ކުށްވެރިކުރެއްވުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށާ، ފުލުހުން ރައްޔިތުންނަށް އަނިޔާކޮށް މިހިންގި މާރާމާރީ ގައި ޝާމިލުވި ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅުއްވައިދެއްވުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށާ ޕްރޮސެކިއުޓަރ ޖެނެރަލަށް މިދާއިރާގެ ފަރާތުން ހަރުއަޑުން ގޮވާލަމެވެ. ޤާނޫނީ ގޮތުން ތިބޭފުޅުންގެ އިސްތަށީފުޅުގައި އެޅިފައިވާ މުހިއްމު މަސްއޫލިއްޔަތުތަކާ ވާޖިބުތައް ހަނދުމަކުރައްވާ ރައްޔިތުންގެ ޙައްޤުގައި ބަސްބުނާތަން ދުށުމަކީ މިދާއިރާގެ ވަރަށް ބޮޑު އުއްމީދެއްކަމުގައިވެސް ދަންނަވަމެވެ.

މިފުރުޞަތުގައި ރާއްޖޭގެ އިންތިޚާބީ ރައީސް މުހައްމަދު ނަޝީދުގެ ހިމާޔަތުގައި ރައްޔިތުން ނިކުންނަން މިޖެހުނީ ޣައިރު ޤާނޫނީ ކޯޓެއްގައި ސިޔާސީ މަޤްޞަދެއް ހާޞިލްކުރުމަށްޓަކައި ރައީސް ނަޝީދުގެ ޝަރީޢަތްކޮށް ރިޔާސީ ރޭހުން އެމަނިކުފާނު އެކަހެރި ކުރުމަށް އެމަނިކުފާނާ އަދި އެމް.ޑީ.ޕީއާ ޖެހިލުންވާ ބައެއްގެ ހަޑިހުތުރު އަދި ފިނޑި ރޭވުމެއްގެ ސަބަބުންކަން ފާހަގަކޮށް މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގު ފަހިވާ ގޮތަށް ހުރިހާ ފަރާތްތަކަކުންވެސް އަމަލުކުރުމަށް އިލްތިމާޒްކުރަމެވެ.

އިންޑިއާ، އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕްގެ އިއްތިހާދު ފަދަ ބޭރުގެ ބޮޑެތި ބާރުތަކުންވެސް ބާރު އަޅަމުންދާގޮތަށް ހުރިހާ ކެނޑިޑޭޓުންނަށްވެސް ވާދަ ކުރެވޭނެ އިންތިޚާބެއް ޑިމޮކްރެޓިކް ވެއްޓެއްގެ ތެރޭގައި ޑިމޮކްރަސީގެ ރޫހާ އެއްގޮތްވާ ގޮތުގެ މަތިން ބޭއްވުމަށާ، މިއިންތިޚާބުގެ ވޯޓު ކަރުދާހުގައި އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓާ މެދު ކިތަންމެ ޖެހިލުންވިނަމަވެސް އެމަނިކުފާނުގެ ނަންވެސް އެކަރުދާހުގައި ޖަހާ، ކެރިގެން މިނިވަން އިންސާފުވެރި އިންތިޚާބަކަށް ކުރިމަތިލުމަށްވެސް މިދާއިރާގެ ފަރާތުން އެހެން ޕާޓީތަކާ އެޕާޓީތަކުގެ ލީޑަރުންނާ ކެނޑިޑޭޓުންނަށް ގޮވާލަމެވެ.

ތަހުޒީބީ އަދުގެ ޒަމާނުގައި ކެނޑިޑޭޓަކާމެދު ޖެހިލުންވުމުން ނުވަތަ ބިރުގަތުމުން އޭނާ އެކަހެރި ކޮށް އޭނާގެ މައްޗަށް އަނިޔާވެރިވެ އޭނާގެ ޙައްޤުތައް ނިގުޅައި ގަތުމަކީ ބަލައިގަނެވޭނެ ކަންތައްތަކަށް ނުވާހިނދު، އަދި ދިންހިންނަކީ ޑިމޮކްރަސީއަށް ލޯބިކުރާ އަދި ދުނިޔެއަށް ލޯ ހުޅިވިފައިވާ ރައްޔިތުންތަކަކަށްވާ ހިނދު، އެހެނިހެން ޑިމޮކްރަސީތަކުގައިވެސް އަމަލުކުރާ ފަދައިން ކެނޑިޑޭޓުންގެ ސިޔާސަތުތައް ކަނޑައެޅިފައިވާ މެނިފެސްޓޯއަކާއެކު ރައްޔިތުންނާ ކުރިމަތިލައްވާ ކެމްޕޭން ކުރައްވާ ރައްޔިތުންގެ އިހުތިރާމާ ލޯތްބާ އިތުބާރު ހޯދުމަށް މަސައްކަތްކުރެެއްވުުމަށް ހިތްވަރުދީ، އެމް.ޑީ.ޕީ އިން ދައްކަމުންދާ ޑިމޮކްރަސީގެ ނަމޫނާ ފުރިހަމަ މިސާލުން ފިލާވަޅު ހާސިލްކުރުމަށްވެސް މިދާއިރާއިން ނަސޭހަތްތެރިވަމެވެ.

ހަމައެއާއެކު ކެމްޕޭންގެ ހަރަކާތްތަކާ މުޒާހަރާތަކާ އެއްވުންތަކުގެ މަޢުލޫމާތު އާއްްމުންނާ ހިއްސާ ކުރުމުގައި މީޑިއާއިން އިންސާފުވެރިކަމާއެކު ޚަބަރު ފެތުރުމަށާ ރައްޔިތުންނަށް ޙާޤީޤަތް އޮޅޭ ފަދަ ގޮތްގޮތަށް ދޮގު މަޢުލޫމާތު ގެނަސްދޭކަމީ މިދާއިރާއިން ކަންބޮޑުވެ ހިތާމަކުރާ ކަމެއްކަން ފާހަގަކޮށް ނޫސްވެރިކަމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާ އުސޫލުތަކަށް ބޯލަނބާ މީޑިއާގެ މަސްއޫލިއްޔަތު ޒިންމާދާރުކަމާއެކީ އަދާކުރެއްވުމަށްވެސް އިލްތިމާޒްކުރަމެވެ.

އެމް.ޑީ.ޕީގެ ކާމިޔާބީގެ ސިއްރަކީ އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދުންކަން ފާހަގަކޮށް ޕާޓީއާ ޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ދިފާޢުގައި ޕާޓީގެ މެންބަރުން ކުރައްވާ މިންނަތް މަސައްކަތަށް އިންތިހާއަށް ޝުކުރުދަންނަވަމެވެ. އިޖްތިމާއީ ހަމަހަމަކަމާ އަދުލު އިންސާފު ގާއިމްކުރެވި، ތަރައްޤީއާ ތަހުޒީބު ހާސިލްވެފައިވާ ފާގަތި އުފާވެރި އަނެއް ދިވެހިރާއްޖެއަކަށް ވާސިލްވުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތްލައްވަވާ ކާމިޔާބާ ނަޞްރު ދެއްވުމަށް އެދި ކައު ކީރިތިވަންތަ ﷲ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ.

ޝުކުރިއްޔާ


ބަޔާން ނެރުނީ: ހުސެން އަމްރު، ފަރެސް މާތޮޑާ ދާއިރާގެ ރައީސް