ނޫސްބަޔާން: އެންމެހައި ފަރާތްތަކަކަށް ބައިވެރިވެވޭ އިންތިޚާބެއް ބެއްވުމަށް ގޮވައިލާ، ޢަދުލް އިންސާފުގެ ނިޒާމުގައި ހުރި ނުކުޅެދުންތެރިކަމުގެ މައްޗަށް އެމްޑީޕީއިން ކަންބޮޑުވުން ފައުޅުކޮށްފި

noosbayan

ނަންބަރު:MDP-2013-PR-18
ތާރީޚް: 16 ފެބުރުއަރީ 2013 (ހޮނިހިރު)

އެންމެހައި ފަރާތްތަކަކަށް ބައިވެރިވެވޭ އިންތިޚާބެއް ބެއްވުމަށް ގޮވައިލާ، ޢަދުލް އިންސާފުގެ ނިޒާމުގައި ހުރި ނުކުޅެދުންތެރިކަމުގެ މައްޗަށް އެމްޑީޕީއިން ކަންބޮޑުވުން ފައުޅުކޮށްފި

ދިވެހިރާއްޖޭގައި މިނިވަން އިންސާފުވެރި އަދި އެންމެހައި ފަރާތްތަކަކަށް ބައިވެރިވެވޭ ރިޔާސީ އިންތިޚާބެއް ބޭއްވުމަށް އިންޑިޔާ، އެމެރިކާ، އަދި އިނގިރޭސިވިލާތުގެ ސަރުކާރުގެ އިތުރުން، ކޮމަންވެލްތާއި، އދއާއި، ވިލާތުގެ އިއްތިޙާދުން ގޮވައިލި ގޮވައިލުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މަރުޙަބާކިޔަމެވެ. އަޅުގަނޑުމެންގެ ތަރައްޤީގެ ބައިވެރިންގެ ބަޔާންތަކުގައިވާ ގޮވައިލުންތައް ތަކުރާރުކުރަމުންމެ، އެމްޑީޕީއިންވެސް ގޮވައިލަނީ އެޕާޓީއަކުން އިޚްތިޔާރުކުރާ ކެންޑިޑޭޓަކާއިއެކު ހުރިހާ ޕާޓީއަކަށް ބައިވެރިވެވޭނެ ރިޔާސީ އިންތިޚާބެއް ބޭއްވުމަށެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތްގޮތުގެ މައްޗަށް އެމްޑީޕީއިން ނުހަނު ކަންބޮޑުވަމެވެ. އަދި ދިވެހިރާއްޖޭގައި އަދު މިއޮތް ޤާނޫނު ނެގެހެއްޓުމާއި، ޢަދުލް އިންސާފުގެ ކަންކަން ހުރިނެތްގޮތުގެ ސަބަބުން ރައީސް މުޙައްމަދު ނަޝީދަށް އިންސާފުވެރި ޝަރީޢަތެއް ލިބުވައިނުދެވޭނެކަމަށް މިޕާޓީއިން ޤަބޫލުކުރަމެވެ. އެހެންކަމުން އދގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޓީއިންނާއި، އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސްއާއި، އެމްނެސްޓީ އިންޓަރނޭޝަނަލް އަދި ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕްފަދަ ނަންހިނގާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ/ޖަމާޢަތްތަކާއި، މުއައްސަސާތަކުން ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ ޢަދުލް އިންސާފުގެ އޮނިގަނޑުގައި ހުރި ނިޒާމީ ނުކުޅެދުންތެރިކަމާއި، ވަކި ފަރާތަކަށް ޖެހުމުގެ ޢަމަލުތަކުގެ މައްޗަށް ބައިނަލްއަޤްވާމީ ދުނިޔެއިން ހުޝިޔާރުކަމާއެކު، ފާރަވެރިވެ އޮތުމަށް އެމްޑީޕީއިން ގޮވައިލައެވެ.

“ރައީސް ނަޝީދަށް ޢާންމު ބަޔާންތައް ދެއްވެންނެތުމާއިއެކު، އަޅުގަނޑުމެންގެ ތަރައްޤީގެ ބައިވެރިންނަށް ހަނދަމަފުޅުކޮށް އަރުވާންބޭނުންވަނީ ދިވެހިރާއްޖޭގެ އާޤާނޫނު އަސާސީ 2008 ވަނައަހަރު ތަސްދީޤުވެ، އެޤާނޫނު އަސާސީގެ ވާސިތާއިން ދައުލަތުގެ ބާރުތައް ބަކިވެގެން ދިޔައިރު، ޢަދުލް އިންސާފުގެ ނިޒާމަށް ވާރުތަވެގެން އައިސްފައިވަނީ ރައީސް މައުމޫންގެ ދުވަސްވަރު އެމަނިކުފާނު އަމިއްލަފުޅަށް ޢައްޔަންކުރެއްވި ފަނޑިޔާރުންތަކެއްކަން.އޭގެ ތެރެއިން ގިނަ ފަނޑިޔާރުންނަކީ ޢިލްމީ ގޮތުން ނާޤާބިލު، ޖިނާޢީ ކުށްކުށުގައި ޙުކުމް އިއްވިފައި ތިބި، އިންސާނިއްޔަ ހަމައިން ބަލާއިރު ތެދުވެރިކަމާއި، އިންސާފުވެރިކަމާއި، އަމާނާތްތެރިކަމުގެ ސިފަހުރިކަމަށް ބެލެވެންނެތް އެތައް ކަންތައްތަކެއް ކޮށްފައިހުރި، ސިޔާސީ ކުލަވެރިޖެހި، ސިޔާސީ ގޮތުން ވަކިއަތަކަށް ލެނބިފައިތިބި، ކުރީގެ ސިޔާސީންގެ ނުފޫޒު ނުހަނު ބޮޑަށް ފޯރާފައިތިބި ފަނޑިޔާރުން” ރައީސް ނަޝީދުގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން އެތައްފަހަރެއްގެ މަތިންވަނީ ޤާނޫނު އަސާސީގެ ބާރުކަނޑުވައިލާ، އިހްތިސާސުގެ ދާއިރާއިން ބޭރުގައި ޢަމަލުކޮށް، ދައުލަތުގެ ބާރުތައް ޒިންމާދާރުކުރުވުމުގެ ނިޒާމުގެ އާރު ކަނޑުވައިލައި، ޢަދުލް އިންސާފުގެ ނިޒާމަށް ފާރަވެރިވުމަށް އޮތް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ހިންގުމަށް ބުރޫއަރާނެގޮތް ގޮތްތައް މަސައްކަތްކޮށްފައި. އެގޮތުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ކޯޓުތަކާއިބެހޭ ޤާނޫނާއި، ޤާނޫނު އަސާސީގެ ދަށުން ހެދިގެންވާނެ، ހުރެގެންވާނެ ކޯޓެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައިވަނިކޮށް އެކޯޓަކީ ސައްޙަކޯޓެއްކަމަށް ސުޕްރީމް ކޯޓުންވަނީ ނިންމާފަ. އެނިންމުން ސުޕްރީމް ކޯޓުން ނިންމި އިރު، އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިންނަވާގޮތުން3 ފަނޑިޔާރަކުވަނީ އެނިންމުމާ ދެކޮޅު ހައްދަވާފައި. ހުޅުމަލޭ މެޖިސްޓްރޭޓް ކޯޓު ސައްޙަކަމަށް ނިންމެވީ 4 ފަނޑިޔާރުން. އޭގެތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް ކަމުގައިވެސް ހުންނެވި އާދަމް މުޙައްމަދު ހިމެނިވަޑައިންނަވާ” މާރިޔާ އަޙްމަދު ދީދީ އިތުރަށް ވިދާޅުވިމެއެވެ.

މީގެއިތުރުން “ބައިނަލްއަޤްވާމީ ފަރާތްތަކުން ޤާނޫނު ނެގެހެއްޓުމާއި، ޤާނޫނީ އިޖުރާތުތައް ފުރިހަމަކުރުމުގެ ވާހަކަ ދައްކާއިރު، ރާއްޖޭގައި އެބާވަތުގެ ކަމެއްގެ ކަންފުޅެއްވެސް ނެތްކަމާއި، އެކަންކަން އޮތީ ހީއެއްގެގޮތުގައިކަމާއި، ދިވެހިރާއްޖޭގެ ޢަދުލް އިންސާފުގެ ނިޒާމުގެ ޙާލަތާއި، އެނިޒާމުން މިނިވަން އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޤާބިލުކަން ހުރިނެތްމިންވަރަށް ވިސްނާންޖެހޭ” އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް