ނޫސްބަޔާން: ރައީސް މުޙައްމަދު ނަޝީދު ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ޢަމުރު އެމްޑީޕީން ހަރުކަށި ޢިބާރާތުން ކުށްވެރިކުރުން

noosbayan

ޢަބްދުﷲ ޤާޟީ މައްސަލައިގެ ޝަރީޢަތަށް ރައީސް މުޙައްމަދު ނަޝީދު ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ޢަމުރު މޯލްޑީވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި އެމަނިކުފާނާ
ދެކޮޅަށް ކުރާ ދައުވާއާއި، ނެރެފައިވާ ހައްޔަރުކުރުމުގެ ޢަމުރަކީ ސިޔާސީ ކުލަވަރު ނުހަނު ބޮޑުކޮށްޖެހިފައިވާ ކަންތައްތަކެއްކަން ފާހަގަކޮށް ރާއްޖޭގެ މަސްރަޙާމެދު ބައިނަލްއަޤްވާމީ ދުނިޔެއިން ސަމާލުވެ އޮވެމެ، ރައީސް ނަޝީދަށް މިނިވަން އިންސާފުވެރި ޝަރީޢަތަށް ލިބުވައިދިނުމަށް މަސައްކަތެކުރުމަށް މިޕާޓީއިން ތަކުރާރުކޮށް ގޮވާލަމެވެ.

13 ފެބްރުއަރީ 2013ގައި ރައީސް ނަޝީދު ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކުރުމަށް މޯލްޑީވްސް ޕޮލީސް ސަރވިސްއަށް ކޯޓުން
ޢަމުރުކޮށްފައިވާކަން އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނަށްވަނީ އަންގާފައެވެ. އެހެންނަމަވެސް ޝަރީޢަތް ތާވަލުވެފައިވާ ދުވަހެއް އަދި ވަގުތެއް ރައީސް ނަޝީދަކަށްވެސް އަދި އެމަނިކުފާނުގެ ވަކީލުންގެ ޓީމަށްވެސް އަންގާފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ މައްޗަށް ކުރެވޭ ޝަރީޢަތުގެ ދެވަނަ އަޑުއެހުން ތާވަލުކޮށްފައިވަނީ 10 ފެބްރުއަރީ 2013އަށް، އެމަނިކުފާނު އިންޑިޔާއަށް ވަޑައިގެން ހުންނަވަނިކޮށެވެ. ކުއްލި ސިއްޙީ ޢުޒުރެއްގެ ސަބަބުން އެމަނިކުފާނަށް އެދުވަހު ރާއްޖެ ވަޑައެއް ނުގެންނެވުނެވެ. މިއާއެކު ކޯޓުގެ ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތީން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންވަނީ އެކަން ލިޔުމުގެ ޒަރީޢާއިން ކޯޓަށް އަންގާފައެވެ.

ކޯޓުގެ ޤަވާޢިދުތަކުގެ ބުނެފައިވަނީ ދައުވާ ލިބޭ ފަރާތުން ކޯޓަށް ޙާޒިރުވެވެންނެތްނަމަ، އެކަން ކޯޓަށް އެންގުމަށްފަހު، ކަމާބެހޭ ލިޔެކިޔުންތައް މަސައްކަތު ދެދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅާންޖެހޭނެކަމަށެވެ. މިމަގުން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންވަނީ އެމަނިކުފާނު ސިއްޙީ ލިޔެކިޔުންތަކާއި ރެކޯޑުތައް 11 ފެބްރުއަރީ 2013ގައި ކޯޓާ ޙަވާލުކޮށްފައެވެ. މިއާއެކު ކޯޓަށް ލިޔެކިޔުން ހުށަހަޅާންޖެހޭ މުހުލަތުގައި އެކަން ކޮށްފައިވީނަމަވެސް، ރައީސް ނަޝީދު ހައްޔަރުކުރުމުގެ ޢަމުރެއް 11 ފެބްރުއަރީ 2013ގައި ކޯޓުންވަނީ ނެރެފައެވެ. ދައުވާ ލިބޭ ފަރާތުން ކޯޓަށް ޙާޒިރުނުވެއްޖެނަމަ ހައްޔަރުކުރުމުގެ ބަދަލުގައި 75 ރުފިޔާއިން އެފަރާތެއް ޖޫރިމަނާކުރުމުގެ އިޚްތިޔާރުވެސް ކޯޓަށް ލިބެގެންވޭމެއެވެ.

މިކަންކަމަށް ރިޢާޔަތްކުރާއިރު، ރައީސް ނަޝީދާމެދު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ތަފާތުކުރުން ގެންގުޅޭކަން އިތުރަށް މިދަނީ ހާމަވަމުންކަމަށާއި، ޤާނޫނު ނެގެހެއްޓުމަށް ޤާނޫނީގޮތުން ސައްޙަކަމެއްނެތް މިކޯޓުގެ އެއްވެސް ޝައުޤުވެރިކަމެއްނެތްކަން ފާހަގަކުރައްވާ އެމްޑީޕީގެ ތަރުޖަމާނު އަދި ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު ޙާމިދު ޢަބްދުލް ޣަފޫރު ވިދާޅުވެފައިވަނީ މިކޯޓުގެ ހަމައެކަނި މަޤްސަދަކީ ވަކި ނުފޫޒުގަދަ ބައެއްގެ ސިޔާސީ ބޭނުންތައް ފުއްދުންކަމަށާއި، މިޝަރީޢަތަކީ ޑރ. ވަޙީދާއި، ޢަދުލްއިންސާފުގެ ނިޒާމުގެ ތެރޭގައި ތިބި އޭނާގެ ބައިވެރިން ގުޅިގެން ރައީސް ނަޝީދަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެގޮތް ހެދުމަށް ފަރުދާއެއްގެ ފަހަތުންކުރެވޭ ޙީލަތްތެރި މަސައްކަތެއްކަމަށެވެ.

އަދި ކޯޓުން ޢަމަލުކުރަމުންމިދާ ހަރުކަށި ގޮތަކީ ޢާންމު ހަމައާއި، އުސޫލުނޫންކަމަށްވެސް ޙާމިދު ޢަބްދުލް ޣަފޫރު އިތުރަށް ވިދާޅުވިމެއެވެ.