ނޫސްބަޔާން: އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ފަރާތުން ނެރޭ ނޫސްބަޔާން

noosbayan

ޤާނޫނު އަސާސީއިން ލިބިދޭ ޙައްޤުތަކާއި، ޤާނޫނީ ހަމަތަކާއި އުސޫލުތަކަށް ކްރިމިނަލް ކޯޓުން ރިޢާޔަތްކުރަމުންނުދާތީ އެކަމާމެދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޒުވާނުންގެ ރޫޙުން ކަންބޮޑުވުން ފައުޅުކުރަމެވެ.

1 ފެބްރުއަރީވީ ހުކުރު ދުވަހު އުސްފަސްގަނޑު ސަރަޙައްދުން 14 މީހަކުވަނީ ނުޙައްޤުން ހައްޔަރުކޮށް، އެފަރާތްތަކުގެ ބަންދުގެ މުއްދަތުވަނީ އިތުރުކޮށްފައެވެ. އެފަރާތްތަކުގެ ހައްޔަރުގެ ޤާނޫނީ ސައްޙަކަމާމެދު އުފުލާފައިވާ މައްސަލައަށާއި، ޤައިދީންގެ ޙައްޤުތަކާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރިން ޢަމަލުކޮށްފައިވާ އުސޫލާއި، ހަމައަށް ރިޢާޔަތްކުރުމެއްނެތި، ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ޙައްޤުތަކާއި (ޤާނޫނު އަސާސީގެ 16، 17، 18، 19، 20، 27، 35، 45-48، 65، 68، 69، 299 އަދި 268) ޚިލާފަށްމެއެވެ.

އިހު ޢީޝާރާތްކުރެވުނު 14 މީހުންގެ ހައްޔަރުގެ ޤާނޫނީ ސައްޙަކަމާމެދު ގޮތެއް ކަނޑައެޅުމަށް ޝަރުޢީގޮތުން ފުރިހަމަކުރާންޖެހޭ އިޖުރާތެއްގެ ތެރޭގައި، ފުލުހުން އެފަރާތްތައް ހައްޔަރުކޮށްފައިވަނީ ނުޤަވާޢިދުން ޤާނޫނާ ޚިލާފަށްކަމަށްބުނެ، އެފަރާތްތަކުގެ ދިފާޢީ ވަކީލުން ހުށަހެޅުއްވި ނުކުތާތަކަށް މައްސަލަ ބެއްލެވި ޤާޟީ ރިޢާޔަތްނުކުރައްވާކަންވެސް އެމްޑީޕީއިން ކަންބޮޑުވުމާއިއެކު ފާހަގަކުރަމެވެ.

ޤާނޫނާއި، ޤާނޫނީ އިޖުރާތުތައް ފުރިހަމަވެ ހިނގަމުންދިޔުން ބިނާވެފައިއޮތީ ދެފަހަރު އެއްގޮތަކަށް ޝަރުޢީ ދާއިރާއިން ވަކި އުސޫލެއްގެ ދަށުން ޢަމަލުކުރަމުން ގެންދިއުމުގެ މައްޗަށްކަމަށްވީ ހިނދު، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ ބައެއް ބޭފުޅުން ޤަސްތުގައި ވަކިހަމައެއްގައި ހިފަހައްޓަވަމުން ނުދިއުމާއި، ދެފަހަރު އެއްގޮތަކަށް ޢަމަލުނުކުރައްވާތަން މިދަނީ ފެންނަމުންނެވެ.

ކަންމިހެން ހުރިއިރު ހައްޔަރުކޮށްފައި ތިބި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ ހައިކޯޓުގައި އިސްތިޢުނާފުކުރުމަށް އަންނަނީ ހުރަސްތަކެއް ކުރިމަތިކުރުވަމުންނެވެ. އެގޮތުން ވޭތިވެދިޔަ ހޯމަ ދުވަހު އެކޯޓަށް ހުށަހެޅި އިސްތިޢުނާފު މައްސަލައިގެ ލިޔެކިޔުންތައް ބަލައިގަތުމަށްފަހު، އެލިޔެކިޔުންތައް ބަލައިގަނެވެން ނެތްކަމަށް ޖެހިގެން އައިދުވަހު (އަންގާރަ)ވަނީ އަންގާފައެވެ.

އެހެންކަމުން ނުޙައްޤުން ހައްޔަރުކޮށްފައި ތިބި އެންމެހައި ޤައިދީން މިހިނދުން މިހިނދަށް މިނިވަންކުރުމަށް އެމްޑީޕީގެ ޒުވާނުންގެ ރޫޙުން ގޮވައިލަމެވެ.