ތ. އަދި ލ. އަތޮޅުގެ “ވަޢުދުގެ ދަތުރު” ރެޖިސްޓްރޭޝަން އެމްޑީޕީ ސެކްރެޓޭރިއަޓުގައި

vaudhu_logo_final_GREEN

ރައްޔިތުންގެ ތަނަވަސްކަމާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި އެމްޑީޕީ އެކުލަވާލި ތަރައްޤީގެ ތަޞައްވުރުތަކާ ރައްޔިތުންނަށް ވީވަޢުދުތައް ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެގަތުމަށް ކަނޑާ، ވަޔާއި، އެއްގަމު ދަތުރުގެ ގުޅިފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ތ. އަތޮޅަށާއި ލ. އަތޮޅަށް ކުރާ ވަޢުދުގެ ދަތުރު މިމަހުގެ 10ވަނަ ދުވަހު ފަށާގޮތަށް ޕާޓީން ނިންމައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދާއި ޕާޓީގެ ލީޑާރޝިޕާއި އެހެނިހެން ގުނަންތަކުން ބައިވެރިވެވަޑައިގަންނަވާ މި ދަތުރަކީ ތަފާތު ރެލީތަކާ ޚާއްސަ ޖަލްސާތަކާ މައުލޫމާތުގެ ސެޝަންތަކާ އަދި އެހެނިހެން އިޖުތިމާޢީ ހަރަކާތްތަކާ ހުރިހާ ރައްޔިތުންނަށް ސީދާ ގޮތުގައި ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ އިޖްތިމާޢީ ޢީދެއް ކަމަށް އެމްޑީޕީން ބުނެއެވެ.

ރައްޔިތުންގެ ވިންދާއި އިޙުސާސްތައް ދެނެގަތުމަށް އެމްޑީޕީން ވަނީ މީގެ ކުރިން އެންމެ ދެކުނުގެ 4 އަތޮޅުގެ ހުރިހާ ރަށަކަށާއި ބޮޑުތިލަދުންމަތީގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައެވެ. އަދި ވަޢުދުގެ ހިނގުމުގެ ނަމުގައި މާލޭގެ ބައެއް ދާއިރާތަކުގައި ވެސް ޑޯޓުޑޯ ކެމްޕެއިނެއް އެމްޑީޕީން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ދަތުރުތަކުގައި އެއްކުރެވޭ މަޢުލޫމާތު މެނިފެސްޓޯ އެކުލަވާލާއިރު ބޭނުންކުރެވޭނޭ ކަމަށްވެސް ޕާޓީން ބުނެއެވެ.

މި ދަތުރުގައި ބައިވެރިވުމަށް ރެޖިސްޓަރކުރުމުގެ ކަންތައް މިހާރު ވެސް އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ކުރިއަށްދެއެވެ. ރެޖިސްޓާ ކުރެއްވުމަށް ރަސްމީ ގަޑީގައި އެމްޑީޕީ ސެކްރެޓޭރިއަޓަށް ވަޑައިގަންނަވާށެވެ. ދަތުރުގައި ބައިވެރިވުމުގެ ފީއަކީ 500 ރުފިޔާއެވެ.