ހުޅުމާލޭ ކޯޓުގެ ނިންމުންތަކަށް ތާޢީދުކޮށް ހައި ކޯޓުން ހުކުމް އިއްވައިފި

IMG_9010

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް “ހުޅުމާލޭ ކޯޓު” ކަމަށް ބުނާތަނެއްގައި ކުރިއަށް ގެންދާތީ އެ މައްސަލައާ މެދު އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅި ދައުވާގައި ހުޅުމާލޭ ކޯޓުން ނިންމި އިޖުރާއީ ނިންމުންތަކަށް ހައި ކޯޓުން ތާއީދުކޮށް ޙުކުމްކޮށްފިއެވެ.

ހައި ކޯޓުން ހުކުމްކުރީ ހުޅުމާލޭ ކޯޓުން ރައީސް ނަޝީދަށް އަމުރު ފޮނުވާފައި ވަނީ ރަނގަޅަށް ކަމަށާއި އަދި އެ ކޯޓުގެ ޝަރީއަތްތައް މާލޭގައި ވެސް ބޭއްވިދާނޭކަމަށް ބުނެއެވެ. މީގެ އިތުރުން “ހުޅުމާލޭ ކޯޓު” ކަމަށް ބުނާތަނުގެ ސައްހަކަމަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައިވާތީ އެކަމާ ހައި ކޯޓުން ވަކި ގޮތެއް ކަނޑަނާޅާނެ ކަމަށް ވެސް ހުކުމްކުރި އެވެ.

އިއްޔެ ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، އެމަނިކުފާނަކީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާކަން އިޢުލާންކޮށްފައިވާ ކެނޑިޑޭޓަކަށް ވުމުން އެމަނިކުފާނުގެ ކެނޑިޑެންސީ ގެއްލުވާލުމަށް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ރިޔާސީ އިންތިޚާބުގެ ކުރިން ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް ދަށު ކޯޓުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މި މައްސަލާގައި ދަޢުވާ ކުރެވިފައިވަނީ އެމަނިކުފާނުގެ މައްޗަށް އެކަނި ނޫން ކަމަށާއި މީ އެތައް ހާސް ރައްޔިތުންގެ ޙައްޤުތަކާއި ގުޅިފައިވާ މައްސަލައެއް ކަމަށް ވެސް އެމަނިކުފާނު އިއްޔެގެ ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ 3 އިޖުރާޢީ ނުކުތާއަކީ، ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއަކާއި އެ ކޯޓަށް ހާޒިރުވުމުގެ އަމުރު ރައީސް ނަޝީދަށް ފޮނުވީ ރަނގަޅަށް ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއެއްގެ އިތުރުން އެ ކޯޓުގެ ޝަރީއަތެއް މާލޭގައި ނުބޭއްވޭނެ ކަމަށް ހުށަހެޅި ނުކުތާއެކެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ވެސް އިއްތިފާޤުން ނިންމެވި މި މައްސަލަ ރައީސް ނަޝީދުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިޢުނާފް ކުރައްވާނޭ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން މިއަދު މަޢުލޫމާތުދެއްވިއެވެ.