ނޫސްބަޔާން: އުސްފަސްގަނޑު ސިޓީކައުންސިލުގެ ދަށުން ނެގުމަށް ކުރާ މަސައްކަތާމެދު ކަންބޮޑުވުން ފާޅުކޮށް ނެރޭ ނޫސް ބަޔާން

noosbayan

އުސްފަސްގަނޑު ސިޓީކައުންސިލުގެ ދަށުން ނެގުމަށް ކުރާ މަސައްކަތާމެދު ކަންބޮޑުވުން ފާޅުކޮށް ނެރޭ ނޫސް ބަޔާން

މާލޭ ސިޓީ ކައުންސިލުގެ ދަށުން އުސްފަސްގަނޑު އޮންނަ ސަރަހައްދު ނެގުމަށް މިހާރު މި އޮތް ބަޣާވާތުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތާމެދު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ކަންބޮޑުވުން ފާޅުކުރަމެވެ.

މި ޕާރޓީން ޤަބޫލުކުރާ ގޮތުގައި އުސްފަސްގަނޑު އޮންނަ ސަރަހައްދު މާލޭ ސިޓީ ކައުންސިލުގެ ދަށުން ނެގުމަށް މިހާރު މިއޮތް ބަޣާވާތުގެ ސަރުކާރުން ކުރާ މަސައްކަތަކީ ލާމަރުކަޒީކޮށް ދިވެހިރާއްޖެ ހިންގުމަށް މިހާރުގެ ޤާނޫނުގައި އޮންނަ އުސޫލުތައް ނައްތާލައި، ކައުންސިލުތަކުގެ ޤާނޫނީ ބާރު ކަނޑުވާލައި، ރައްޔިތުންނަށް ޤާތުން ޚިދުމަތްދެވޭނޭ ގޮތް ބަންދުކޮށް، ކުރީގެ ޤަދީމީ އުސޫލުތައް އަނބުރާ ރާއްޖޭގައި އިއާދަކޮށް، އަދި ހަމަ އެއާއެކު ސިޔާސީސީ ހަރަކާތްތައް ހުއްޓުވުމަށް ކުރާ މަސައްކަތެއްކަމަށެވެ.

އުސްފަސްގަނޑު އޮންނަ ބިން ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ޙުކުމް، މާލޭ ސިޓީ ކައުންސިލުން ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅައި، އަދި ހައިކޯޓުން އެ މައްސަލަ ހިންގުމަށް ބަލައިގެންފައ ވެސް ވާއިރު، އިސްތިއުނާފު ގެ މަރުޙަލާތައް ނުނިމެނީސް، އުސްފަސްގަނޑު ސަރަޙައްދުގައި މި ޕާރޓީން ސިޔާސީ ޙަރަކާތްތައް ހިންގުމަށް ތައްޔާރުކޮށްފައިވާ ތަންތަން ނައްތާލައި، މި ޕާރޓީއަށް ސިޔާސީ ހަރަކާތް ނުހިންގޭ ގޮތަށް މި ސަރުކާރުން އަމަލުކުރަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

މީގެ ކުރިން ވެސް އެއްވެސް ކޯޓު އަމުރެއް ނެތި ފުލުހުން މެދުވެރިކޮށް އުސްފަސްގަނޑު ވަނީ ރޫޅާލައި އެތަނުގައި ހުރި އަގުބޮޑު ސާމާނުތައް ފޭރިގަނެ، އަދި އެކަމުގެ ތެރޭގައި އެތައް ބަޔަކަށް އަނިޔާކޮށް އެތައް ބަޔަކު ޤާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިކަން ފާހަގަކުރަމެވެ. އަދި އޭގެކުރިން ރާޅުގަނޑު ސަރަހައްދުގައި ވެސް ފުލުހުންނާ ސިފައިން އަރައި ހަމަ އެމޭރުމުން ޖަރީމާ ހިންގާފައިވާކަން ފާހަގަކުރަމެވެ.

އެހެންކަމުން ކައުންސިލު ތަކުގެ ބާރު ކަނޑުވާލުމަށާއި، ރައްޔިތުންގެ އަޑު ކަނޑުވާލުމަށާއި، ސިޔާސީ ހަރަކާތްތައް ހުއްޓުވާލުމަށް މި ސަރުކާރުން ތަކުރާރުކޮށް ކުރަމުން އެގެންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް މި ޕާރޓީން ހަރު އަޑުން ގޮވާލަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް