ނޫސްބަޔާން: ވަޒީފާއަދާކުރާ ފަރާތްތަކަށް ބިރުދައްކާ އިންޒާރު ދެމުން ގެންދާތީ އެކަން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން

noosbayan

ނަންބަރު:MDP-2013-PR-07
ތާރީޚް: 29 ޖެނުއަރީ 2013 (އަންގާރަ)

ވަޒީފާއަދާކުރާ ފަރާތްތަކަށް ބިރުދައްކާ އިންޒާރު ދެމުން ގެންދާތީ އެކަން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން

ދިވެހިޖުމްހޫރިއްޔާގެ ޤާނޫން އަސާސީން ހުރިހާ ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ވަޒީފާއަދާކުރުމުގެ ހައްޤާއި، އަޅުވެތިނުކުރުމުގެ ހައްޤާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްޤު ނިގުޅައިގަނެ މިހާރަކަށް އައިސް އެކިއެކި ފަރާތްތަކުން އެތަންތަނުގައި ވަޒީފާ އަދާކުރާ މުއައްޒަފުންނަށް ވަޒީފާއިން ވަކިކުރާނޭކަމުގެ އިންޒާރުދީ ބިރުދައްކަމުން ގެންދާ ގެންދިއުމަކީ ޤާނޫނު އަސާސީއާއި، ވަޒީފާއާ ބެހޭ ޤާނޫނާއި ޚިލާފަށް ކުރަމުންގެންދާ ކަމަކަށް ވާތީ އެކަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

މިޕާޓީއަކީ އަބަދުވެސް ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހައްޤުތަކަށް އިޚްތިރާމްކޮށް ޤާނޫން އަސާސީން ލިބިދީފައިވާ ހައްޤުތައް އެންމެހާ ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމާއިއެކު، އެ ހައްޤުތައް ދެމެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ ޕާޓިއެއްކަން މި ފުރުސަތުގައި ހުރިހާ ދިވެހިރައްޔިތުންނަށް ކަށަވަރުކޮށްދެމެވެ.

ވަޒީފާއަދާކުރާ އެންމެހާ ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމަކީ މިޕާޓީން ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި އެއްވެސް ސިޔާސީ ޕާޓިއަކުން ވިއަސް އަދި ވަޒީފާދޭ ފަރާތުން ވިއަސް އެފަރާތުގެ ވަޒީފާގައި އުޅޭ އެއްވެސް މީހަކަށް ވަކި ޕާޓީއަކަށް ވަނުމަށް މަޖުބޫރު ކުރުވުމަކީ ކޮށްގެންވާނޭކަމެއް ނޫންކަމުގައި މިޕާޓީން ގޮވާލަމެވެ. އަދި ހުރިހާ ފަރާތްތަކަކުން ވެސް ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫންތަކަށް ހުރުމަތްތެރިކޮށް ހިތާ، ބޯލެނބުމަށް ވެސް މިޕާޓީން ގޮވާލަމެވެ. މީގެ އިތުރުން އެފަދަ މަޖްބޫރު ކުރުވުންތަކަށް ބޯނުލެނބުމަށް ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކަށް މިޕާޓީން ގޮވާލަމެވެ.

ދިވެހިޖުމްހޫރިއްޔާގެ ޤާނޫން އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އިސްވެދެންނެވުނު ކަންކަމުގައި ޤައުމީ ފެންވަރުގައާ، ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއްވެސް މި ޕާޓީން ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން މި ފުރުސަތުގައި ވަޒީފާއަދާކުރާ އެންމެހާ ފަރާތްތަކަށް މިޕާޓީން އަރުވަމެވެ. މިގޮތުން ބައިނަލްއަޤުވާމީ އެކިއެކި އިދާރާތަކަށާއި، މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކޮށްދުނުމަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު މިފަދަ ޢަމަލުތައް ހުއްޓުވުމަށް ކުރެވެން ހުރި ކަންތައްތައް ބަލައި އެފަރާތްތަކާއި އެކު މިކަންތައްތައް ހުއްޓުވުމަށްޓަކައި މަސައްކަތް ކުރަމުންގެންދާނޭކަމުގެ ފުރިހަމަ ޔަޤީންކަން ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކަށް މި ޕާޓީން އަރުވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް