ނޫސްބަޔާން: ނ. މިލަދޫ ކައުންސިލްގައި ހިމެނޭ އެމްޑީޕީ މެމްބަރަކަށް ކައުންސިލްގެ އެހެން މެމްބަރުން ޖެއްސުންކޮށް، ޒިންމާއަދާކުރަން ހުރަސްއަޅާ މައްސަލަ ކުށްވެރިކުރުން

noosbayan

ނ. މިލަދޫ ކައުންސިލްގައި ހިމެނޭ މޯލްޑިވިއަން ޑިކޮކްރެޓިކް ޕާޓީ (އެމްޑީޕީ) މެމްބަރު ނަސްރުﷲ މުޙައްމަދަށް، އެކައުންސިލްގެ އެހެން މެމްބަރުން ޖެއްސުންކޮށް، ރައްޔިތުން އޭނާއާ ހަވާލުކޮށްފައިވާ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއަޅައި އެތައް މަހެއް ވަންދެން އޭނާއަށް ޙައްޤު މުސާރަ ނުދީ ހިފަހައްޓާފައިވާ މައްސަލަ މިޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

ނ. މިލަދޫ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މެމްބަރުން އިސްކޮށް ތިއްބަވައިގެން ވަނީ، ނަސްރުﷲ މުހައްމަދަކީ ކައުންސިލް މެމްބަރެއް ނޫން ކަމަށް ކަނޑައަޅައި އޭނާ އެކަހެރިކޮށްފައެވެ. ލާމަރުކަޒީ ޤާނޫނާއި ޚިލާފަށް އެ ފަރާތްތަކުން ހިންގި ދަށު ދަރަޖައިގެ މި ޢަމަލަކީ، ރައްޔިތުންގެ ނިންމުން ބަލައިގަތުމަށް ނުކުޅެދިފައިވާ ކަމުގެ ހެއްކެކެވެ. އެހެނީ ރައްޔިތުންގެ ފުރިހަމަ އަޤުލަބިއްޔަތުން ކައުންސިލަށް އިންތިޚާބްކޮށްފައިވާ ނަސްރުﷲއަށް އެފަރާތްތަކުން ހުރަސް އަޅަމުން ގެންދަނީ ޝަރުޢީ ދާއިރާގެ ޙުކުމެއް ނުވަތަ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނިންމުމެއްގެ ދަށުންނެއް ނޫނެވެ. ކަން މިހެން އޮތްއިރު މިއަދާ ހަމައަށް ވެސް މިކަމުގައި އެލްޖީއޭ ހަމަހިމޭނުން އޮތުމަކީ މިޕާޓީން ނުހަނު ކަންބޮޑުވާކަމެކެވެ.

ޢާއިލީ ޒިންމާ ޗުއްޓީގައި ނަސްރުﷲ ހުންނަވަނިކޮށް ކައުސިލްގެ 7 ޖަލްސާއެއް ކުއްލިގޮތަކަށް ބޭއްވުމަށް ފަހު، އެ ޖަލްސާތަކައް ހާޒިރު ނުވާތީ އޭނާގެ މަޤާމް ގެއްލިފައިވާ ކަމަށް ނ. މިލަދޫ ކައުންސިލުން ނިންމާފައިވަނި ނުބައި ރޭވުމެއްގެ ދަށުން އެބައި މީހުންގެ އަމިއްލަ ފައިދާތަކެއް ޙާސިލް ކުރުމަށް ކަމަށް މިޕާޓީއަށް ޤަބޫލްކުރެވެއެވެ.

ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް މިޕާޓީން ގޮވާލަނީ، ނަސްރުﷲގެ ގެއްލިފައިވާ ހައްޤުތައް މިހާރުން މިހާރަށް ހޯދައިދިނުމަށާއި، ނަސްރުﷲގެ ޤާނޫނީ ވާޖިބަށް ހުރަސް އެޅި ފަރާތްތަކަށް ޤާނޫންގައިވާގޮތުގެ މަތިން ވީ އެންމެ އަވަހަކަށް ޢަމަލުކޮށްދިނުމަށެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް