އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ 2013ވަނަ އަހަރުގެ ފުރަތަމަ ބައްދަލުވުން މިއަދު އެމްޑީޕީ އޮފީސްގައި ބާއްވައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުންނާއި ސެކްރެޓޭރިއަޓްގެ ފަރާތުނާއި 7 މެމްބަރުންގެ ކޮމެޓީގެ ފަރާތުން އަދި ގދ. އަތޮޅު ކައުންސިލް (ގައްދޫ ދާއިރާ) އާއި ދ. އަތޮޅު ކައުންސިލް (ކުޑަހުވަދޫ ދާއިރާ)ގެ އިލެކްޝަންއާ ގުޅޭގޮތުން ގައުމީ ހިންގާ ކޮމިޓީގެ މެންބަރުންނަށް މައުލޫމާތުއެރުވިއެވެ.

އެގޮތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި މިހާރު ހިނގަމުންދާ ކަންތައްތަކާއި ބެހޭ ގޮތުން ގައުމީ ހިންގާ ކޮމިޓީގެ މެންބަރުންނަށް މައުލޫމާތުދެއްވީ އެ ގްރޫޕްގެ ނައި ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އެވެ. ހަތް މެމްބަރުން ކޮމެޓީގެ ފަރާތުން މަޢުލޫމާތު އެރުވީ އެ ކޮމެޓީގެ މުޤައްރިރު މުޙައްމަދު ޝިހާބުއެވެ. ގދ. އަތޮޅު ކައުންސިލް (ގައްދޫ ދާއިރާ) އިލެކްޝަންގެ ކަންތައް ކުރިއަށް ދާގޮތާއި ގުޅޭގޮތުން އެ ދާއިރާގެ ރައީސް އަހުމަދު ޒާހިރު މަޢުލޫމާތު އެރުވިއިރު، ދ. އަތޮޅު ކައުންސިލް (ކުޑަހުވަދޫ ދާއިރާ)ގެ އިންތިޙާބް ކުރިއަށް ދާގޮތާއި ގުޅޭގޮތުން މަޢުލޫމާތު އެރުވީ އެ ދާއިރާގެ ރައީސް ޝާތިރު އަބްދުލް ރަޙްމާންއެވެ.

މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދުއެވެ.