ނޫސްބަޔާން: ނާޖާއިޒް ސިޔާސީ ބޭނުމުގައި މާލޭ ސިޓީ ކައުންސިލް އުވާލައްވަން ސަރުކާރުންކުރައްވާ މަސައްކަތް ކުށްވެރިކުރުން

noosbayan

މާލޭ ސިޓީ ކައުންސިލް އުވާލައްވަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަރާވަޑައިގެން ހުންނެވި ޑރ. މުހަންމަދު ވަހީދު ކުރައްވަމުން ގެންދަވާ މަސައްކަތް މި ޕާޓީއިން އެންމެ މަތީދަރަޖައިގާ ކުށްވެރިކުރަމެވެ. 2008 ވަނަ އަހަރުގެ އިންތިޚާބުގައި ރައްޔިތުން ނޫނެނެކޭ ބުނެފައިވާ ޕާޓީތަކުން އެކުލަވާލައްވާފައިވާ ޑިމޮކްރެޓިކްނޫން ސަރުކާރެއް ދަމަހައްޓަވާން ޑރ. މުހަންމަދު ވަހީދު ކުރައްވާ ނާޖާއިޒު ޢަމަލުތަކުގެ ތެރޭ މާލޭ ސިޓީ ކައުންސިލް އުވާލެއްވުމަށް އެ އަންގަވަނީ ރައްޔިތުންގެ އިތުބާރު އިތުރަށް ގެއްލި ނެތެމުންދާ ދިއުމާމެދު ޚުދުމުހުތާރުކަން ކުރިއަށް ނެރުއްވުމަށް ކަމުގައި މިޕާޓީ އިން ފާހަގަކުރަމެވެ.

މާލޭ ސިޓީ ކައުންސިލް އުވާލެއްވުމުގެ ރޭއްވެވުން ލޯކަލް ގަވަރންމެންޓް އޮތޯރިޓީއަށް އެންގެވުމުގައި ކެބިނެޓް އޮފީސް ނުވަތަ ބާންޑާރަ ނާއިބާގެ ބަދަލުގައި މިނިސްޓަރ އޮފް ހޯމްއެފެއަރސް އިސްނަންގަވައި 02 ޖެނުއަރީ 2013 ވަނަ ދުވަހު ފޮނުއްވެވި ސިޓީގައި ޑރ. މުހަންމަދު ޖަމީލު އަހުމަދު ސޮއިކުރައްވާފަވާކަމީ މަޞްލަހަތު ފުށޫއަރާކަމެއްގެ އިތުރުން މިކަމުގެ ނާޖާއިޒު ސިޔާސީ ބޭނުން ހާމަވާ ކަމެކެވެ. ހަމައެއާއި އެކު، އެ ކަމަކީ ޑރ މުހަންމަދު ޖަމީލު އަހުމަދާއި މެދު އިތުބާރުނެތް ކަމުގެވޯޓް ރައްޔިތުންގެ މަޖިލީހުގައި ނެގުމަށް ހުށައެޅިފައިވާ ދަނޑިވަޅެއްގައި ގަދަކަން ދެއްކެވުމުގެ ގާނޫނާ ޚިލާފް ޚުދުމުހުތާރު ޢަމަލެކެވެ.

ޑިމޮކްރެޓިކް ނޫން ސަރުކާރަކުން ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފު އަދި ކުރައްވައިގެން ނުވާނެ މިފަދަ ޢަމަލުތަކުގެ ވާހަކަ ކުރިއަށް ނެރުއްވަނީ މިރާއްޖޭގެ އެކި ރަށް ރަށާއި އާބާދީ ތަކުގައި ސަރުކާރުން ރައްޔިތުންނާމެދު އިހުމާލުވެލައްވައި، ތަރައްގީގެ މަޝްރޫއު ތައް ހުއްޓީ، އިޖްތިމާއީ ރައްކާތެރިކަމާއި އެނޫންވެސް ބޭނުންތެރި އެތަކެއް ޕޮރޮގްރާމަށް ހުރަސް ތައް މެދުވެރިކުރައްވާފައިވާތީ ސަރުކާރަށް އަމާޒުވާންފަށަފައިވާ ނުރުހުމާއި ގެއްލި ނެތިފައިވާ އިތުބާރު ވަންހަނާކުރެއްވޭތޯ އެވެ.

ސީދާ ވޯޓަކުން މާލޭ ރައްޔިތުން އިންތިޚާބު ކުރައްވާފައިވާ މާލޭ ސިޓީ ކައުންސިލުން ގާނޫނުގައި ބުނާ މަޞްޢޫލިއްޔަތު ތައް ފުރިހަމަ ނުކުރައްވާ ކަމުގެ ތުހުމަތު ސަރުކާރުން ކުރެއްވޭފަދަ ހާލަތު މެދުވެރިކުރެއްވޭތޯ އެ ކައުންސިލަށާއި މާލޭގެ މޭޔަރ އަލްފާޞިލް މައިޒާން ޢަލީ މަނިކަށް އިންތިޚާބުވުމެއްނެތި ގަދަކަމުން ސަރުކާރާއި ހަވާލުވެލައްވައިގެން ތިއްބެވި ފަރާތްތަކުން ގިނަ ގުނަ ހުރަސް ތަކާއި ދަތިތައް މެދުވެރިކުރައްވަމުން ގެންދަވާކަން މިޕާޓީއަށް ފާހަގަކުރެވެއެވެ. އޭގެތެރޭގައި ބަޖެޓް ހިފަހައްޓަވައިގެން ބޭނުންތެރި ޚިދްމަތްތަކަށް ބިލު އަދާނުކުރައްވައިގެން ފޯނާއި ކަރަންޓްގެ ޙިދުމަތް ކަނޑާލެއްވުމާއި، ބަޖެޓްގެ އެހެނިހެން ޚަރަދުތަކަށް ފައިސާ އަދާ ނުކުރެއްވުމާއި، ގާނޫނުގައި ސިޓީ ކައުންސިލްގެ އިޙްތިޞާޞްގައި ހިމެނިފައިވާ ބައެއް މަސައްކަތާއި ސަރަހައްދުތަކާއި ބިން ވަކިކުރެއްވުމާއި، އިޖްތިމާޢީ މަރުކަޒު އަދި ކުޅިވަރުކުޅޭ ތަންތަން ގާނޫނާ ޚިލާފަށް ވަކިކުރެއްވުމާ، މާލޭ ސިޓީގެ ތަރައްގީގެ ޕްލޭން އަށާއި ކުނި ނައްތާލުމަށް ކުރެވިފައިވާ ކޮންޓްރެކްޓްއަށް ހުރަސް އެޅުއްވުން ހިމެނޭ ކަމުގައި މި ޕާޓީއިން ފާހަގަކުރަމެވެ. ހަމަ އެއާއެއެކު، ސަރުކާރުގެ އެއްބާރުލުން ނުލިބުމާއި، ފަންނީ ހުނަރުވެރިކަން ބޭނުންވާ ދާއިރާތަކާމެދު ސަރުކާރުގެ އެހެންވެސް ހުއްޓުވުންތަކާހެދި އެހީތެރިކަން ދަތިވެފައި ވަނީ ހަމައެކަނި މާލޭ ސިޓީ ކައުންސިލަށް ނޫންކަމުގައި ލޯކަލް ގަވަރންމެންޓް އޮތޯރިޓީއިން މި ހަފްތާތެރޭ ޝާޢިއު ކުރި ރިޕޯޓުން އެނގެން އޮވެއެވެ.

ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބު ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ވާދަވެރި މެމްބަރުންނާއި، ކައުންސިލަރުންނާ ޑިމޮކްރެޓިކް ނޫން ސަރުކާރަކުން ހަތުރުވެރިގޮތުގައި ދިމާކުރައްވައި ޖަދަލު ކުރެއްވުމަކީ ޚުދުމުހުތާރު ޢަމަލު ތަކެއް ކަމުންނާއި، މާލޭ ސިޓީ ކައުންސިލާ ބެހޭ އެންމެހާ ބާރު ފެށިގެން އަންނަނީ މާލޭގެ ރައްޔިތުންގެ ކިބައިންކަމުން، އެކަންކަމާ މާލޭގެ ރައްޔިތުން އިންތިހާއަށް ނުރުހޭ ކަމާ މާލެއަށް ނިޞްބަތްވެލައްވާ ހުރިހާ ފަރާތަކުން އެކަންކަމާ ދެކޮޅަށް ކުރެއްވޭން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައި މިޕާޓީއިން ފާހަގަކުރަމެވެ. ދުރާލާ ސިއްރިޔާތުގައި ރާއްވަވައިގެން ފިޔަވައްސަކަށްފަހު ތަމްޝީލެއް ކުޅުއްވަމުން ހިންގަވާ މިފަދަ ގާނޫނާ ޚިލާފް ޚުދުމުޚުތާރު ޢަމަލުތަކާހެދި ސަރުކާރުގެ، ޚާއްޞަގޮތެއްގައި ޑރ. މުހަންމަދު ޖަމީލު އަހުމަދާއި، ޑރ. މުހަންމަދު ވަހީދު ގެ އިތުބާރު ނެތްކަން ރައްޔިތުންގެ މަޖިލީހުގައި ކަނޑައެޅުން އަވަސް ކުރުމަށް މިޕާޓީން ފިޔަވަޅުއަޅަމުން ގެންދާކަން މިޕާޓީގެ އެންމެހާ މެމްބަރުންނަށާއި މާލޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ މާލޭ ކޯކަސް (ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ކައުންސިލަރުން، އަންހެނުންގެ ތަރައްގީ ކޮމިޓީ، ދާއިރާ ރައީސުން).