ނޫސްބަޔާން: ބޯރޑަރ ކޮންޓްރޯލް ސިސްޓަމް އެއްބަސްވުން އުވާލުމަށް މަޖިލީހުން ނިންމުމާގުޅިގެން ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ޢަމަލުތަކުގައި ހުރި ހައިރާންވަނިވި އިއްތިފާގުތަކާ ގުޅިގެން އެމް.ޑީ.ޕީން ނެރޭ ނޫސްބަޔާން

noosbayan

ނަންބަރު: 142 MDP-2012-PR-
ތާރީޚް: 29 ޑިސެމްބަރ 2012 (ހޮނިހިރު)

ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެހުންނެވި ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ޅިޔަނު އިލިޔާސް ޙުސެން އިބްރާހިމް ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުންނަވައިގެން ކޮރަޕްޝަންގެ ބޮޑު އެއްބަސްވުމެއްކަމަށް ބެލެވޭ ނެކްސްބިޒާއެކު ކުރެވުނު ބޯރޑަރ ކޮންޓްރޯލް ސިސްޓަމް އެއްބަސްވުން އުވާލުމަށް ރައްޔިތުންގެ މަޖލީހުން ސަރުކާރަށް އަންގައި ނިންމި ނިންމުމާގުޅިގެން ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ އަމަލުތަކުގައި ހައިރާންވަނިވި އިއްތިފާގުތަކެއް ކުއްލިގޮތަކަށް ފެންނަމުންދާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން މިކަން ފާހަގަކޮށް ރައްޔިތުންގެ ސަމާލުކަމަށް މިކަން ގެންނަމެވެ.

ކޮރަޕްޝަންގެ ބޮޑު އެއްބަސްވުމެއްކަމަށް ބެލެވޭ މިދެންނެވި ބޯރޑަރ ކޮންޓްރޯލް ސިސްޓަމް އެއްބަސްވުން އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް މިމަހުގެ 25 ވަނަ ދުވަހު އަންގައި ފާސްކުރުމާގުޅިގެން މިމަހުގެ 28 ވަނަދުވަހު ކުއްލިގޮތަކަށް އަމިއްލަފުޅު ދަތުރެއްގައި ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކު، އެ އެގްރީމެންޓްކުރެވުނު އަނެއް ފަރާތްކަމުގައިވާ ނެކްސްބިޒް ނިސްބަތްވާ މެލޭޝިޔާއަށް ވަނީ ފުރާވަޑައިގެންފައެވެ. އެއާއެކު މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިންގަމުންދިއަ ޑިޕާރޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ހަމަ މިމަހުގެ 28 ވަނަދުވަހު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ ދަށަށް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކު ވަނީ ބަދަލުކުރައްވާފައެވެ.

މިގޮތަށް އެ ޑިޕާރޓްމަންޓް ބަދަލުކުރެއްވި އިރު، އެ ޑިޕާރޓްމަންޓަކީ ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ވުޒާރާތަކުގެ އޮނިގަނޑު ކަނޑައެޅިއިރު މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އޮނިގަނޑުގެ ތެރޭގައި ހިމަނައި، ހޯމް މިނިސްޓްރީގެ ދަށުން ހިންގަންޖެހޭ ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެކެވެ. އަދި އެ ޑިޕާރޓްމަންޓަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ ދަށުން ހިންގަންޖެހޭ ތަނެއްގެގޮތުގައި ކަނޑައަޅާފައިވާ ތަނެއް ނޫނެވެ. އެހެންކަމުން ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކު ރައްޔިތުންގެ މަޖިލީހުގެ ރުހުމެއްނެތި ކުއްލިގޮތަކަށް އެ ގެންނެވި ބަދަލަކީ ޤާނޫނާ ޚިލާފަށް ގެންނެވި ބަދަލެއްކަން ވެސް ފާހަގަކުރަމެވެ.

މިދެންނެވި ޤާނޫނާ ޚިލާފު ބަދަލު ގެންނެވިއިރު ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިހާރު ހުންނެވީ ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ޅިޔަނު އިލިޔާސް ޙުސެން އިބްރާހިމެވެ. އަދި މިބަދަލާއެކު އަނެއްކާވެސް އިމިގްރޭޝަން ޑިޕާރޓްމަންޓް ގޮސްފައިއެވަނީ އެމަނިކުފާނުގެ ޅިޔަނު އިލިޔާސް ޙުސެން އިބްރާހިމް މަސައްކަތްކުރައްވާ މިނިސްޓްރީގެ ދަށަށެވެ. އެކަމުގެ ނަތީޖާއަކީ، ކޮރަޕްޝަންގެ ބޮޑު އެއްބަސްވުމެއްކަމަށް ބެލެވޭ ބޯރޑަރ ކޮންޓްރޯލް ސިސްޓަމް އެއްބަސްވުން ވިއިރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުންނެވި ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ޅިޔަނު އިލިޔާސް ޙުސެން އިބްރާހިމްގެ ބެއްލެވުމުގެ ދަށަށް އަލުން އަނބުރާ އިމިގްރޭޝަން ޑިޕާރޓްމަންޓް ދިއުންކަން ފާހަގަކުރަމެވެ.

މީގެ އިތުރުން ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ސަރުކާރަށް ތާޢީދުކުރާ ބަޔަކު ކޮންމެ ރެޔަކު މާލޭގައި އެއްވުންތައް ބާއްވައި އެފަރާތްތަކުން ކުރިން އިއުލާނުކުރި ގޮތާ މުޅިން ޚިލާފަށް ބޯރޑަރ ކޮންޓްރޯލް ސިސްޓަމް އެގްރީމަންޓްގެ މައްސަލަ އެއްފަރާތްކޮށް ކުއްލިޔަކަށް އެމީހުންގެ އެޖެންޑާ ބަދަލުކޮށް ރައްޔިތުންގެ މަޖިލީހާ ދިމާކުރުމުގެ ގޮތުން އެއްވުންތައް ބާއްވަމުންގެންދާކަން ވެސް ފާހަގަކުރަމެވެ.

މިދެންނެވި ފަދަ ހައިރާންވަނިވި ހުރިހާ “އިއްތިފާގުތަކެއް” ކުއްލިއަކަށް މެދުވެރިވުމަކީ ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ޅިޔަނު އިލިޔާސް ޙުސެން އިބްރާހިމް ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމުގައި ހުންނަވައިގެން ކޮރަޕްޝަންގެ ބޮޑު އެއްބަސްވުމެއްކަމަށް ބެލެވޭ އެއްބަސްވުން އުވާލުމަށް ރައްޔިތުންގެ މަޖލީހުން ސަރުކާރަށް އަންގައި ނިންމި ނިންމުމާގުޅިގެން ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކު އެކަން ފޮރުވުމަށް ކުރައްވާ މަސައްކަތްޕުޅުތަކެއްކަމަށް ޤަބޫލުކުރަންޖެހެއެވެ. ވީމާ މިކަން ރައްޔިތުންގެ ސަމާލުކަމަށް މި ޕާރޓީން ގެންނަމެވެ.

ބަޔާން ނެރުނީ: ސެކްރެޓޭރިއެޓް